އަންގާރަ ދުވަހުގެ ރޭ ޅ. މަޑިވަރު އެއާޕޯޓު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ޑިންގީގެ ކެޕްޓަނަށާއި އިތުރު މީހަކަށް ކަމަށާއި، އެ މީހުން މާލެ ގެނައީ ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި ޑިންގީ ގެއްލިފައިވާކަމަށާއި، ބޮޑަށް ބެލެވެނީ ޑިންގީ އަޑިޔަށްދިޔައީ ކަމަށެވެ.
މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.