”ދަރިފުޅާ! ދޮރު ތަޅުލާފަ މަޑުމަޑުން ނުކުމޭ ދޮރުމައްޗަށް! ބައްޕަ މި ކައިރިކުރަނީ.“ ސަމީރު އެ ގުޅީ އޭނާގެ ހައަހަރުގެ ދަރިފުޅަށެވެ.
”ލައްބަ“ އޭ ބުނެފައި ޝާން ފައިބައިގެން އައެވެ.
އެ ދުވަހަކީ ޝާން ބައިވެރިވާ ޑުރާމާ މުބާރާތެއް އިސްކޫލުގައި އޮތް ދުވަހެކެވެ. ބޮޑު ރޯލެއް ކުޅުމަށް މުދައްރިސުން ޝާން އިޚްތިޔާރުކޮށްފައިވަނީ އޭނާގެ މޮޅު ހުނަރުގެ ސަބަބުންނެވެ.
ވަގުތު ކުޑަތަންވަމުން އާދެއެވެ. ޝާން ހުރީ ބައްޕަ ލަސްވެގެން ކަންބޮޑުވެފައެވެ. ރޮވެން ކައިރިވެފައެވެ. އަނބުރައި ގެއަށް ވަދެވޭކަށްވެސް ނެތެވެ. ގެ ހުރީ ތަޅުލައިފައެވެ. ބައްޕައަށް ގުޅޭނެ ގޮތެއްވެސް ނެތެވެ. ޖެހިގެން ހުރި ފިހާރަވެސް ހުރީ ބަންދުކޮށްފައެވެ. ނޫންނަމަ ސޭޓުލައްވައި ބައްޕައަށް ގުޅައިލެވުނީހެވެ. މަންމަވެސް އަންނާނީ ދެގަޑިބައިވާފަހުންނެވެ. ޝާންއަށް މަޑުމަޑުން ރޮވެންފެށިއެވެ.
ދަރިފުޅުގެ ކަމެއްގައި ސަމީރު ފަރުވާކުޑަނުކުރާނެކަން ޔަގީންވާތީ ޝަމްހާ ހުރީ އޮފީހުގައި އޭނާގެ މަސައްކަތަށް ހުސްވެގެންނެވެ. ގުޅައިލަންވެސް ހިތަށްނޭރީ ގަޑިއެއްހާއިރު ކުރިން ސަމީރަށް ހަނދާންކޮށްދެވިފައި އޮތީމައެވެ.
ދުރުގައި ޗާޖަށް ޖަހާފައި އޮތް ފޯނު ކުއްލިއަކަށް ރިންގުވާން ފެށިއެވެ. ނުދަންނަ ނަންބަރަކަށްވާތީ ޝަމްހާއަށް އަޅާނުލައި ބޭއްވުނީއެވެ. ދެވަނަ ފަހަރަށްވެސް ފޯނު ރިންގުވާން ފެށިއެވެ.
”ދެން އެ ނަގާބަލަ! ކަމެއް ދިމާވެގެންވެސް މީހަކު ގުޅާފާނެއެއްނު!“ އެއް އޮފީހުގައި މަސައްކަތްކުރާ ފާތުންނަށް ނުހުރެވިގެން ޝަމްހާއާ ދިމާއަށް ބުންޏެވެ.
”މަންމީ! ބައްޕި ނައިސްގެން. ބައްޕި ފޯނެއްވެސް ނުނަގާ!“ ޝާންއަށް ހުރީ ރޮއިރޮއި ގިސްލެވިފައެވެ.
”ދަރިފުޅު ކޮންތާކު ތިހުރީ؟“ ޝަމްހާއަށް ހާސްވެފައި އަހައިލެވުނެވެ.
ޝާން ގުޅީ ޖެހިގެން ހުރި ފިހާރައިގެ ސޭޓުލައްވައެވެ. ފޯނު ބޭއްވުމުން، ސޭޓު ކައިރީގައި ޝާން ބައިންދައިގެން ރުއިން ހުއްޓުވައި ހަމަޖެއްސޭތޯ ބަލަމުންދިޔައެވެ. އެކިއެކި ވާހަކަ ދައްކަމުންނެވެ.
”އޭ! ބަލައިގެން ދުއްވާތި އަނެއްކާ! މީހާ ސަލާމަތުން ހުރެގެން ދާ ތާކަށް ދެވޭނީ!“ މަޖާވެލާފައި ވިއަސް ފާތުން އެހެން ބުނީ ޝަމްހާ ހާސްވެފައި ހުރި ވަރުން ގޯހެއް ހަދާފާނެތީއެވެ.
ދުރުވިއަސް ދުއްވަން ފަސޭހަވާނެތީ ޝަމްހާ އައީ ބޭރުމަގުންނެވެ. ރާޅުގަނޑު ސަރަހައްދާ އަރައި ހަމަވީއިރު މީހުންގަނޑު އެއްވެފައި އޮތީ އެކްސިޑެންޓެއް ވެގެން އުޅޭތީއެވެ.
”މި ޖެހުނީ އަނެއް ކަންތައް! އަވަހެއް ކުރަން އުޅެގެން ނުވާނެ އެއް ކަމެއްވެސް!“ ޝަމްހާ އަނބުރާލާފައި ގޮސް ގޯޅިއަކަށް ވަދެގެން ދުއްވައިލިއެވެ.
”އަވަހަށް އާދޭ ދާން! މިސް ގުޅައިފި ލަސްވެގެން.“ ޝާން ސައިކަލަށް ލައިގެން ޝަމްހާ ދުއްވައިލިއެވެ.
ޝަމްހާގެ ފޯނު ހުއްޓާނުލައި ރިންގުވަމުން ދިޔައެވެ. އިސްކޫލުން އަންނަ ކޯލެއްކަމަށް ބަލާފައި ފޯނަށް ސަމާލުކަންނުދީ ޝަމްހާ ދުއްވަމުންދިޔައީ ޝާން އަވަހަށް ގެންދެވޭތޯއެވެ.
ޝާން އިސްކޫލަށް ލުމަށްފަހު ޝަމްހާ ފޯނު ނެގިއެވެ. އެކި ނަންބަރުތަކުން ޖުމުލަ އެގާރަ ފަހަރު ގުޅާފައި އޮތެވެ. މައިދައިތައާއި ބަފައިބެވެސް ގުޅާފައި އޮތެވެ. އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ.
”ދަރިފުޅާ! ކޮންތާކު ތި އުޅެނީ؟“ ބަފައިބެގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ.
”ބައްޕާ! ކިހިނެއްވެފަ؟ ކަމެއް ގޯސްވީތަ؟ ޝަމްހާ ކަންބޮޑުވިއެވެ.
ބަފައިބެގެ އެދުމުގެމަތިން އަވަސް އަވަހަށް ޝަމްހާ ދިޔައީ ހޮސްޕިޓަލަށެވެ.
”މަންމައަށް ކަމެއް ވީތަ؟“ މައިދައިތަ ފެންނަން ނެތުމުން ޝަމްހާ ސުވާލު ކުރިއެވެ.
ރަޝީދު ހުރީ އިސްޖަހާލައިގެންނެވެ. ޝަމްހާއަށް ދޭނީ ކޮން ޖަވާބެއް ބާވައޭ ހިތަށްއަރާފައެވެ.
”ބައްޕާ!“ ޖަވާބެއް ނުލިބުމުން ޝަމްހާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.
ބަފައިބެގެ ލޮލުން އެވަގުތު ފައިބައިގެން އައި ކަރުނަތިކި ވެއްޓުނީ ޝަމްހާގެ އަތުގެ ނުފުށަށެވެ. ޝަމްހާ ކަންބޮޑުވިއެވެ. ބަފައިބެ ރޮނިކޮށް ދުވަހަކުވެސް ޝަމްހާ ދެކެފައެއް ނުވެއެވެ.
ރަޝީދު ޝަމްހާގެ ކޮނޑުގައި ހިފަހައްޓައިލިއެވެ. ހިތްވަރުކުރުމަށް ނަސޭހަތްދިނެވެ. ވަރަށް އުނދަގުލުން ޖުމުލަ ފުރިހަމަކުރަމުންނެވެ.
ރަޝީދު ބުނީ ސަމީރު އެކްސިޑެންޓުވެގެން ގެނައި ވާހަކައެވެ. ރާޅުގަނޑު ސަރަހައްދުން ލަނބައިލަނިކޮށް މަގުގެ ނުބައި ފަޅިން ބާންބޫންލާފައި އައި ސައިކަލެއް ސަމީރުގެ ސައިކަލުގައި ޖެހުނީއެވެ. ވިއްސައިގެންގޮސް ސަމީރު ޖެހުނީ އެތައް ފޫޓެއްގެ ދުރަށެވެ.
ސަމީރު ހޮސްޕިޓަލަށް ގެނައިއިރު ހެޔެއް ނެތެވެ. ފައި ބިނދިގެން ކަށިގަނޑު އޮތީ ބޭރަށް ނުކުމެފައެވެ. ބޯ ފަޅައިގެންގޮސް ހޯސްލާފައި ލޭ ފައިބަމުންދިޔައެވެ. ސަމީރު އޮތް ހާލު ފެނުމާއެކު ސަމީރުގެ މަންމަ ޝަކީލާ އަނބުރައިގަނެގެން ވެއްޓުނީއެވެ. ދެމައިން އެކުގައި އިމަޖެންސީ ރޫމުގައި އެނދުމަތިކުރަން ޖެހުނީއެވެ.
މި ޚަބަރު ލިބުމާއެކު ޝަމްހާއަށް ބާރަށް ރޮއިގަނެވުނެވެ. އިމަޖެންސީރޫމާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އޭރު ޑޮކްޓަރުންގެ ޓީމުން ސަމީރުގެ ދެމައިންނަށް ފަރުވާދެމުންދާތީ ޝަމްހާއަށް ވަނުމުގެ ހުއްދައެއް ނުލިބުނެވެ.
އިރުގަނޑެއްފަހުން ޝަކީލާ ކައިރިއަށް ވަނުމުގެ ހުއްދަ ލިބުނެވެ. ރަޝީދާއި ޝަމްހާ އެކުގައި ބާރުލާފައި ހިނގައިގަތީ އަވަހަށް އެތެރެއަށް ވަނުމަށެވެ.
ޝަކީލާ ގާތުގައި ދެބަފައިން ތިއްބައި ސަމީރުގެ އެހީތެރިއަކަށް ގޮވައިފިއެވެ. މައިދައިތަ ގާތުގައި ބަފައިބެ ބަހައްޓާފައި ޝަމްހާ ހިނގައިގަތީ ޑޮކްޓަރުން ކައިރިއަށެވެ.
ލިބުނީ ހިތްދަތި ޚަބަރެކެވެ. ބޮލުގެ އެތެރެއަށް ލޭ އެޅެމުންދާތީ ސަމީރު އައިސީޔޫއަށް ގެންދާ ވާހަކައެވެ. އޭގެ ކުރިން ސަމީރު ދެކެލުމުގެ ހުއްދަވެސް ނުލިބުނެވެ.
ނެތް ހިތްވަރު ނެރެގެން ނުގުޑާނެ ތަނބެއް ފަދައިން ކެތްތެރިކަމާއެކު ޝަމްހާ ހުއްޓެވެ. ސަމީރުގެ މުސްކުޅި މައިންބަފައިންނާއި ޝާނަށްޓަކައެވެ. މިއަދު ޝަމްހާ ހިތްވަރު އެލުވާލައިފިނަމަ ވާނެ ގޮތެއްވެސް ނޭނގެއެވެ.
ޑުރާމާ ކުޅޭއިރު މަންމައާއި ބައްޕަ ތިބެން ޝާން ބޭނުންވާނެއެވެ. ނަމަވެސް ދިމާވީ ހީވެސްނުކުރާ ކަހަލަ ކަމެކެވެ. މުދައްރިސަށް ގުޅާފައި ވީގޮތް ބުނުމަށްފަހު ޑުރާމާ ރިކޯޑުކޮށްދިނުމަށް ޝަމްހާ އެދުނެވެ.
މައިދައިތަ ގާތަށް ޝަމްހާ ދިޔައިރު ބަފައިބެއަށް އޮތީ ވީ ގޮތް އެނގިފައެވެ. ޝަމްހާ އެ ދެމަފިރިންނަށް ހިތްވަރުދިނެވެ. ކޮންމެ ހާލެއްގައިވެސް ޝަމްހާ އެމީހުންނާއެކު ހުންނާނެ ކަމުގެ ޔަގީންކަން ދިނެވެ.
މައިދައިތަ ގެއަށް ގެނައުމުން ޝާން ގޮވައިގެން ޝަމްހާ ބަދަލުވީ އެގެއަށެވެ. ސަމީރު ހަމައަކަށް އެޅުމުން ގެއަށް ދާގޮތަށެވެ. ރޭގަނޑު ނުނިދައި ޝަމްހާ އިނީ އެ ދެމީހުންގެ ޚިދުމަތުގައެވެ. ހިތްވަރުދިނުމުގައެވެ. އެމީހުންނަށް ކެވޭނެ ކަހަލަ އެއްޗެހި ތައްޔާރުކޮށްދީ ކާންދިނުމުގައެވެ. ހިތް ފަޅައިގެންދާ ހާލުގައެވެ.
ދޭތެރެއަކުން ސަމީރުގެ ބޭބެއަށް މެސެޖުކޮށްލައެވެ. ޑޮކްޓަރު އެއްޗެއް ބުނިތޯ ބަލާށެވެ. އިތުރު ޚަބަރެއް އޮތްތޯ ބަލާށެވެ. ދަމު ޑިޔުޓީއަށް ހޮސްޕިޓަލުގައި އިނީ ސަމީރުގެ ބޭބެ ސަލީމެވެ.
ޝާންވެސް ބައްޕަ ގާތަށް ދާން ވަރަށް ބޮޑާހޭކިއެވެ. ނިދީވެސް މާދަމާ ގެންދާނެކަމަށް ވަޢުދުވުމުންނެވެ. ބައްޕަ އެކްސިޑެންޓުވީކަމަށް ބުނިނަމަވެސް ވެފައި އޮތް ވަރު ޝާނަށް ކިޔައިދޭކަށް ޝަމްހާއަކަށް ނުކެރުނެވެ.
ކަރުނަތައް ފޮރުވިނަމަވެސް ޝަމްހާވެސް ހިތުން ރޮނީއެވެ. ސަމީރު އެހާލުގައި އޮއްވައި އޭނާއާ ދުރުގައި ޝަމްހާއަށް ނިދޭނީ ކިހިނެއްހެއްޔެވެ؟ އެއީ ޝަމްހާގެ ހިތުގެ ދިރުމެވެ. ފުރާނައިގެ ކާނާއެވެ. މައިންބަފައިން ނެތް ދުނިޔޭގައި އޭނާއަށް އެންމެ އޯގާތެރިވީ އިންސާނާއެވެ.
ހެނދުނުވުމުން މައިދަތައާއި ބަފައިބެ ޝާނާ ހަވާލުވިއެވެ. ޝަމްހާ ގާތުގައި އަރާމުކޮށްލުމަށް އެދި އެމީހުން އާދޭސްކުރުމުން ޖައްސައިލިއެވެ. ނަމަވެސް ލޮލުފިޔައެއް ޖަހައިލެވޭގޮތެއް ނުވިއެވެ. ހަމަ ލޯމެރިލާއިރަށް ހުވަފެނުން ފެންނަނީ ސަމީރެވެ.
އެންމެފަހުން ތެދުވެގެން އައީއެވެ. ޝަމްހާ އިންތިޒާރުކުރަމުން ދިޔައީ އެދުވަހު ސަމީރުގެ ގާތަށް ޒިޔާރަތްކުރެވޭނެ ވަގުތަށެވެ.
ޝަމްހާ ސިއްސައިގެންދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. އަވަހަށް ހޮސްޕިޓަލަށް އައުމަށް ސަލީމު އެދުނެވެ. މައިދައިތައާއި ބަފައިބެއާއެކު ޝާންވެސް ގޮވައިގެން ޝަމްހާ ދިޔައީ ހޮސްޕިޓަލަށެވެ.
ސަލީމާއި ޝަމްހާއަށް ޑޮކްޓަރު ދިން ޚަބަރުން ޝަމްހާގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. ލޮލުން ފައިބަން އުޅުނު ކަރުނަތައްވެސް ލޮލުތެރޭގައި ގަނޑުވިހެން ހީވިއެވެ. ޝާންގެ ގައިގައި ބާރަށް ބައްދައިލެވުނެވެ. ނޫނެކެވެ! މިހެން ވެގެން ނުވާނެއެވެ! މިއީ ހުވަފެނެކެވެ. ޔަގީނެވެ. މިއީ ހުވަފެނެކެވެ. ޝަމްހާގެ ހިތަށް އަރައިފައިބަމުން ދިޔައެވެ.
”ދަރިފުޅާ!…..“
(ނުނިމޭ)