އާންމު ބަލިތަކާބެހޭ ފުރަތަމަ ކްލިނިކުގެ މަސައްކަތް ދޮޅުމަހުން ނިމޭނެ: ޞިއްޙީ ވަޒީރު

Loading

June 19, 2025
profile
Facebook
Twitter
WhatsApp

މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ އާންމު ބަލިތަކާބެހޭ ކްލިނިކްތަކުގެ ތެރޭން ފުރަތަމަ ކްލިނިކުގެ މަސައްކަތް ދޮޅުމަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މިއީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިޔޫ ކުޑަކުރުމަށްޓަކައި ހުޅުވާ ކްލިނިކްތަކެއް ކަމަށެވެ.

މިގޮތުން ހުޅުވާ ފުރަތަމަ ކްލިނިކް ހުޅުވުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ހުންނަ ކޮރެލް ބޮލެވާޑް އިމާރާތުގައި ކަމަށް ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މާލޭ ސަރަހައްދުގައި ޖުމުލަ 6 ކްލިނިކް ހުޅުވުމަށް ހަމަޖެހިފައިވާކަމަށާއި، އޭގެތޭރޭން 4 ކްލިނިކް މާލޭގައި ހުޅުވާއިރު، އަނެއް 2 ކްލިނިކް ހުޅުވާނީ ހުޅުމާލޭގައި ކަމަށެވެ.

މި ކްލިނިކްތައް ހުޅުވުމުން، މިހާރު ޑޮކްޓަރަށް ދެއްކުމުގައި ކިޔޫ ދިގުވެ، ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވިއެެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް