ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީގޯނާ ކޮށްފައިވާ މީހުންގެ ތެރޭން ހުކުން ތަންފީޒުކޮށް ނިމިފައިވާ މީހުންގެ މަޢުލޫމާތު އިންޓަރޕޯލުގެ ޤައުމުތަކަށް ލިބޭގޮތަށް ގްރީން ނޯޓިސް ނެރެން ފަށައިފި ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ، ގާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނު)ގެ 57 ވަނަ މާއްދާގެ ދަށުން، ”ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު“ އާންމުކޮށްފައި ވާކަމަށެވެ.
މި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރޭން، ހުކުން ތަންފީޒުކޮށް، މުޖުތަމަޢަށް ދޫކޮށްލާފައިވާ މީހުންގެ މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް ނެރެފައިވާނެކަމަށާއި، މިހާތަނަށް 25 ދިވެހިންނާއި 18 ބިދޭސީންގެ މަޢުލޫމާތު ނެރެފައިވާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
އިންޓަރޕޯލް ގްރީން ނޯޓިސްއަކީ، އާންމު ސަލާމަތަށް ނުރައްކާވެދާނެ މީހުންނާ ބެހޭގޮތުން (ޚާއްޞަކޮށް އެމީހެއްގެ ކުށުގެ ރެކޯޑަށް ނުވަތަ ޝައްކުކުރެވޭ ކުށުގެ ޢަމަލުތަކާ ގުޅިގެން) މެންބަރު ޤައުމުތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރާ ނިޒާމެކެވެ.