ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް، ބޮޑުތަކުރުފާނުމަގުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުަރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް އުޅަނދުތައް ޕާކުކުރަމުންދާތީ އެކަން ހުއްޓުވައި، ދަތުރުފަތުރަށް ފަސޭހަވާނެގޮތަށް މަގުތައް ތަރުތީބުކުރުމުގެ ގޮތުން އެ ޚިދުމަތުން ކުރާ ކަމެއް ކަމަށެވެ.
އަދި މިގޮތަށް ޓޯވކުރެވޭ އުޅަނދު ދުއްވި ފަރާތާމެދު ފިޔަވަޅުއަޅާނެ ކަމަށާއި، އެ އުޅަނދު އަނބުރައި ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމާއެކު، އެންމެންގެ މަސްލަހަތާއި ރައްކާތެރިކަމަށްޓަކައި، ޕާކުކުރުމަށް ޚާއްޞަކޮށްފައިވާ ޒޯނުތަކުގައި ޕާކުކުރުމަށް ސަމާލުކަންދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.