އިސްރާއީލުން އިރާނަށް ދިން ހަމަލާގައި އައިއާރްޖީސީގެ ވެރިޔާ ސަލާމީ ޝަހީދުކޮށްލައިފި

Loading

Facebook
Twitter
WhatsApp

ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓު އިސްރާއީލުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ”ހިތަށް“ އަމާޒުކޮށް ދިން ހަމަލާގައި އިސްރާއީލުން އިރާނަށް ދިން ހަމަލާގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް(އައިއާރްޖީސީ)ގެ ވެރިޔާ ހުސައިން ސަލާމީ ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން އިރާނަށް ހަމަލާދީފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
އެ ހަމަލާތަކާއި ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާނުގައި ވަނީ ބޮޑެތި ގޮވުންތަކެއްގެ އަޑު ގުގުމާލާފައެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން އިސްރާއީލު ސަރުކާރުން ވަނީ އީރާނަށް އަމާޒުކޮށް އޮޕަރޭޝަނެއް ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ.
އީރާނުންވެސް ވަނީ މި ހަމަލާތަކުގެ ބަދަލު ހަރުކަށި ގޮތަކަށް ހިފާނެ ކަމަށް ވަޢުދުވެފައެވެ.


އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ”ހިތަށް“ އަމާޒުކޮށް އިސްރާއީލުން ދިން މި ޙަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރިއްޔާގެ މުހިންމު ގޮތްޕެއް ކަމުގައިވާ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްގެ ވެރިޔާ ހުސައިން ސަލާމީ އާއި ނިއުކްލިއަރ ސައިންސްވެރިން ޝަހީދުވެފައިވާކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

އައިއާރްޖީސީގެ ކޮމާންޑަރު ހުސެއިން ސަލާމީ ހުކުރު ދުވަހުގެ ފަތިހު އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވެފައިވާއިރު، އޭނާ އަކީ މި ހަމަލާތަކުގައި ޝަހީދުވި އީރާނުގެ އެންމެ އިސް ލީޑަރެވެ. އުމުރުފުޅުން 65 އަހަރުގައި ސަލާމީ ފާހަގަކުރެވުނީ އިޒްރޭލާއި އެމެރިކާ ފަދަ އީރާނުގެ ވާދަވެރިންނާ މެދު ހަރުކަށި ވިސްނުމެއް ގެންގުޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. ތެހެރާނަށް އެއްވެސް ގައުމަކުން ހަމަލާދީފިނަމަ ”ނަރަކައިގެ ދޮރުތައް ހުޅުވާލާނެ“ ކަމުގެ އިންޒާރު މިދިޔަ މަހު އޭނާ ވަނީ ދެއްވާފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ މި ހަމަލާތަކަކީ އިސްރާއީލުގެ ދެމިއޮތުމަށް އޮތް ނުރައްކާ ކުޑަކުރުމަށް އަމާޒުކޮށްގެން ހިންގާ އަސްކަރީ އޮޕަރޭޝަނެއް ކަމަށެވެ.

އެކަން ހުއްޓާނުލައިފިނަމަ އީރާނަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިއުކްލިއާ ހަތިޔާރު އުފެއްދިދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައި ވަނީ މި ހަމަލާތަކުގައި އެމެރިކާ ބައިވެރިނުވާ ކަމަށާއި އެއްވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވަނީ މި ހަމަލާތަކުގެ ބޮޑު އަގެއް އެމެރިކާ އާއި އިސްރާއީލަށް ވެސް އަދާ ކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް