ޖޯޖް ފްލޮއިޑް ގެ މަރާ ގުޅިގެން އެނޮނީމަސް ނަމަކަށް ކިޔާ އެކްޓިވިސްޓުން ތަކެއް ”ލިޓްލް ބްލެކް ބުކް އޮފް ޖެފްރޭ އެޕްސްޓައިން“ ގެ ނަމުގައި ލިޔުމެއް ނެރެފައިވޭ. މި ލިޔުމުގައި ހިމެނެނީ ޖިންސީ ކުށްވެރިއަށް ކަމަށް ތުހުމަތުކުރެވިފައިވާ ޖެފްރޭ އެޕްސްޓައިންއާ ގުޅުން ހުރި މަޝްހޫރު މީހުންގެ ލިސްޓެކެވެ.
މި ދިޔަ އާދީއްތަ ދުވަހު، އެނޮނީމަސްގެ ނަމުން މަޝްހޫރު ވެފައިވާ ސައިބާ އެކްޓިވިސްޓުންތަކެއް، 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޖެފްރޭ އެޕްސްޓައިން އާ ގުޅުން ހުރި ދުނިޔޭގެ މަޝްހޫރު މީހުން ތަކެއްގެ ލިސްޓެއް ލީކު ކޮށްލައިފިއެވެ.
”ދަ ލިޓްލް ބްލެކް ބުކް އޮފް ޖެފްރޭ އެޕްސްޓެއިން“ ގެ ނަމުގައި އެނޮނީމަސް އިން ނެރެފައިވާ ލިސްޓުގައި ޑޮނާލްޑް ޓްރަމްޕުގެ އަންހެން ދަރިފުޅު އިވާންކާ އަދި ކުރީގެ އަނބިކަބަލުން އިވާނާ، ސުޕާރ މޮޑެލް ނައޯމީ ކޭމްޕްބެލް، މިއުޒިކީ ފަންނާނެއް ކަމަށްވާ މިކް ޖެގާރ، އެކްޓަރެއް ކަމަށްވާ ވިލް ސްމިތް އަދި އިތުރު އެތައް ބައެއްގެ ނަންތައް ހިމެނެއެވެ.
ނަމަވެސް ފާހަނގަ ކުރަން ޖެހޭ އެއްކަމަކީ ލީކު ވެފައިވާ ހުރިހާ މައުލޫމާތު ތަކަކީ އާ މަޢުލޫމާތު ތަކެއް ނޫންކަން: މިއީ ޖެފްރޭ އެޕްސްޓައިންގެ ނަމުގައި މުޖުތަމައަށް ”ލިޓްލް ބްލެކް ބުކް“ އެއް ނެރެފައިވާ ފުރަތަމަ ފަހަރެއްނޫނެވެ.
ޖެފްރޭ އެޕްސްޓައިން އަކީ ކާކުބާ؟
ޖެފްރޭ އެޕްސްޓައިން އަކީ، ސެކްސް ޓްރެފިކިންގް އާއި، ސިއްރުގައި ގާނޫނާ ހިލާފު އަމަލުތައް ހިންގުމުގެ ތުހުމަތުގައި، ކޯރޓުގެ ނިންމުމަކަށް އިންތިޒާރު ކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނިވް ޔޯރކްގައި ހުންނަ މެޓްރޮޕޮލިޓަން ކަރެކްޝަނަލް ސެންޓަރގެ ގޮޅިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މިލިއަނަރ އެމެރިކަން ފައިނޭންސަރެކެވެ. އޭނާ އަށް ތުހުމަތުކުރެވިފައި ވަނީ 18 އަހަރުން ދަށުގެ އަންހެން ކުދިން ތަކަކަށް ލާރި ދީގެން، 2002 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދު ނިވް ޔޯރކް އާއި ފްލޮރިޑާ ގައި ހުންނަ އޭނާގެ ގެދޮރުގައި ޖިންސީ އަމަލުތައް ހިންގުވުމުގެ ތުހުމަތެވެ. އަދި އެކަމުގެ ސަބަބުން 45 އަހަރުގެ ޖަލު ހުކުމެއް އައެވެ.
އުމުރުން 66 އަހަރުގެ އެޕްސްޓައިން ވަނީ މީގެ ދިހައަހަރުގެ ކުރީގައި ވެސް އުމުރު ހަމަ ނުވާ އަންހެން ކުދިން ލައްވާ ހަށި ވިއްކި ކަމުގެ ތުހުމަތުގައި 18 މަހުގެ ޖަލު ހުކުމެއްގެ 12 މަސް ފލޮރިޑާ ގައި ފުރިހަމަ ކޮށްފައެވެ.
އެޕްސްޓައިން މަރުވެފައި ވަނީ ދަންޖެހިގެންކަމަށް ނިވް ޔޯރކް ސިޓީގެ ޗީފް މެޑިކަލް އެގްޒޭމިނަރ ބުނެފައިވީނަމަވެސް، އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އޭނާގެ ކޮއްކޮ، މާރކް އެޕްސްޓެއިން ހަމަޖެއްސި ޕެތޮލޮޖިސްޓަކު ވަނީ އެކަން ދޮގު ކޮށް، އޭނާގެ ޒަހަމްތަކުން ސިފަ ވަނީ ގަސްތުގައި މީހަކު އޭނާ މަރާލާފައިވާކަން ކަމަށް ބުނެފައެވެ.
ޑޮނާލްޑް ޓްރަމްޕް، ޕްރިންސް އެންޑްރިވް…
ޕްރިންސް އެންޑްރިވް، ޔޫއެސްގެ ކުރީގެ ރައީސް ބިލް ކްލިންޓަން އަދި އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފަދަ ގިނަ ބަޔަކާ އެޕްސްޓެއިން އާ ގުޅުން އޮތް ކަމަށް ވެއެވެ. 2002 ވަަނަ އަހަރު ނިވް ޔޯރކް މެގެޒިން ގައި ލިޔުނު އާރޓިކަލްއެއްގައި ޓްރަމްޕް އެޕްސްޓެއިން އަށް ތައުރީފު ކޮށްފައި ވެއެވެ. ނަމަވެސް އޭގެ ފަހުން އެދެމީހުންގެ ތެރޭގައި މައްސަލަ ތަކެއް ޖެހުނު ކަމަށް ބުނެއެވެ.
އޭރު 17 އަހަރުގެ ވަރޖީނިއަރ ރޮބާރޓްސް ޖިއުފްރީ ވަނީ، 2001 ވަނަ އަހަރު އެޕްސްޓައިން އަދި ރޮބާރޓް މެކްސްވެލް ގެ އަންހެން ދަރި ޖީލޭން މެކްސްވެލް، 15000 ޑޮލަރު ދީގެން އޭނާ ލައްވާ ޕްރިންސް އެންޑްރިވް އާ ޖިންސީ ގުޅުން ހިންގުވި ކަމަށް ބުނެފައެވެ. ނަމަވެސް ޕްރިންސް އެންޑްރިވް ވަނީ އޭނާ އާ ބައްދަލުވުމުގެ ހަދާނެއް ނުވާ ކަމަށް ބުނެ އެކަން ދޮގު ކޮށްފައެވެ.
2016 ވަނަ އަހަރު، އަންހެނަކު ވަނީ އޭނާގެ އުމުރުން 13 އަހަރުގައި އެޕްސްޓައިން ބޭއްވި ޕާރޓީއެއްގެ ތެރެއިން ޓްރަމްޕު އޭނާ ރޭޕު ކުރި ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މިކަމާ ގުޅުން ހުރި ކަމަށް ބެލެވޭ ކޯރޓު ލިޔުން ތަކެއް އެނޮނީމަސް އިން ވަނީ މިދިޔަ އާދީއްތަ ދުވަހު ނެރެފައެވެ. އަދި އެޕްސްޓެއިން މަރާލާފައި ވަނީ ޓްރަމްޕު ކަމަށް ބުނެފައިވެއެވެ:
”މި ފޮތުގައިވާ އެންމެނަކީ އެޕްސްޓެއިނާ ގުޅުން ހުރި މީހުންނެއް ނޫނެވެ.“
ސްނޯޕްސް ކިޔާ ވެބްސައިޓަކުން ފާހަނގަ ކޮށްފައިވާ ގޮތުން، މި ލިސްޓުގެ ސަބަބުން އެޕްސްޓެއިންގެ އަމަލުތައް އިނގޭ މީހުންނާއި އެކަމުގައި ހިމެނޭ މީހުންނާ މެދު ސުވާލު އުފެދެއެވެ.
އެހެން ނަމވެސް ސްނޯޕް އިން ކިޔައިދީފައިވާ ގޮތުން މިލިސްޓުގައި ހިމެނޭ ބައެއް މީހުންނަކީ އެޕްސްޓައިން ދަންނަ، ނުވަތަ ބައްދަލު ވެފައިވާ ބަޔަކު ކަމުގައި ނުވުން ވެސް އެކަށީގެންވެއެވެ. ”މިފޮތުގެ ސަބަބުން އެޕްސްޓެއިން އާ ގުޅުންހުރި ބައެއް މީހުން އެނގިގެން ދިޔަކަމުގައި ވީނަމަވެސް ބައެއް މީހުންނަކީ އެޕްސްޓެއިން ގުޅުން ބޭއްވުމަށް އުންމީދު ކުރި މީހުންނެވެ.“
“ އެހެން ގޮތަކަށް ބުނާނަމަ މި ފޮތުގައިވާ އެންމެނަކީ އެޕްސްޓެއިންއާ ގުޅުން ހުރި މީހުންނެއް ނޫނެވެ. ނަމަވެސް ބައެއް މީހުންނަކީ އެޕްސްޓެއިން ގުޅުން ބާއްވަން ބޭނުންވި މީހުންނެވެ.“
އެޕްސްޓެއިން ކޮށްފައިވާ ކުށްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ނެޓްފްލިކްސް ޑޮކިއުމެންޓަރީ
މެއި މަހުގައި ނެޓްފްލިކްސް އިން ނެރެފައިވާ ”ޖެފްރޭ އެޕްސްޓެއިން: ފިލްތީ ރިޗް“ ނަމަކަށް ކިޔާ ހަތަރު ބަޔަކަށް ބަހާލެވިފައިވާ ސީރީޒް ގައި އެޕްސްޓެއިން ކޮށްފައިވާ ކުށްތަކާއި، އެކުށްތައް ކުރުމުގައި އޭނާގެ މުއްސަނދި ކަމުގެ ބޭނުން ކޮށްފައިވާ ގޮތް ކިޔައިދީފައި ވެއެވެ.