އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީއެއް ނެތް ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތިމަރަފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒް ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އާރުޑީސީން މަގުތަކުގެ މަސައްކަތްކޮށް، ތާރު އެޅުމާ ހަމައަށް ގެންގޮސްފައިވީ ނަމަވެސް، މަސައްކަތް މި ވަގުތަށް މަޑުޖެހިފައި އޮތީ ތާރު އެޅުމުގެ ގާބިލްކަން އެ ކުންފުނީގައި މިވަގުތު ނެތުމުން ކަމަށާއި އާރުޑީސީއާ ހަވާލުކޮށްފައިވާ ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާ ކުންފުންޏަކަށް ސަބް ކޮންޓްރެކްޓް ކޮށްގެން ކަމަށެވެ.
”އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީ ނެތުމާ އެކު، ތާރު އެޅުމުގެ މަސައްކަތް ނުފެށިފައި އޮތީ“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މުއްތަލިބު ވިދާޅުވީ އެކަމަށް ހައްލެއް ލިބޭތޯ އާރުޑީސީއާ އެކު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.