ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އޮފިޝަލުން ޗައިނާގެ ނާސަރީތަކަށް ޒިޔާާރާތް ކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ އޮފިޝަލުން، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އަޙްމަދު އަތީފްގެ އިސްނެންގެވުމުގެ ދަށުން، ޗައިނާގެ ޕީޕަލްސް ރިޕަބްލިކަށް ކުރައްވަމުންދާ ދަތުރުގައި ފުޖިއަން އަދި ޒަންގްޒޯ ސިޓީތަކުގެ ނާސަރީތަކަށް ޒިޔާރަތްކުރައްވާފައިވާ ކަމަށެވެ.
މިއީ ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވޭ ދަތުރެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން މި ދަތުރުގައި، ޗައިނާގެ ގަސް އިންދުމާއި ބެލެހެއްޓުމުގެ ދާއިރާގައި ކުރިއަރާފައިވާ ޓެކްނޮލޮޖީތަކާއި އުކުޅުތައް ދެނެގަތުމަށް މަސައްކަތްކޮށްފައި ވެއެވެ.
ފުޖިއަން އަދި ޒަންގްޒޯ ސިޓީތަކުގެ ނާސަރީތަކަށް ކުރެއްވި ޒިޔާރަތުގައި، ދިވެހި ވަފުދުން އެ ތަންތަނުގައި ގަސް އުފައްދާ ގޮތާއި، ބަލަހައްޓާ ގޮތުގެ މައުލޫމާތު ހޯދާފައިވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މޫސުމާ ގުޅޭ ގަސްތައް އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ދަތުރުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ.