މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީއަށް އައްޔަންކުރައްވައިފައެވެ.
ނަރީޝް އައްޔަންކުރީ ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައި ކަމަށެވެ. އޭނާ މަގާމަށް އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިނިސްޓަރެއްގެ މުސާރައަކީ 58,500ރ. އެވެ. ނަރީޝް އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ.
މިނިސްޓަރު ފެންވަރުގައި ގިނަ އަދަދެއްގެ ބޭފުޅުން މި ސަރުކާރުގެ މަގާމުތަކަށް މިހާރު ވަނީ އައްޔަންކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރު ފެންވަރުގެ 10 ބޭފުޅުން ތިއްބަވައެވެ.
އިސްލާމިކް މިނިސްޓްރީގައި މިނިސްޓަރު ފެންވަރުގައި ޝެއިޚް މުޙައްމަދު ލަޠީފަށް ވަނީ އިސްލާމީ މަރުކަޒުގެ އިސް އިމާމުކަން ދެއްވައިފައެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުގައި މިނިސްޓަރު ފެންވަރުގައި މުޙައްމަދު ޠަލާލް ވަނީ އައްޔަންކުރައްވައިފައެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން ނަރީޝް އިސްތިއުފާ ދެއްވީ މި މަހުގެ 12ވަނަ ދުވަހެވެ.
ސޯޝަލް މީޑިއާގައި ނަރީޝް ހާމަކުރެއްވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެހެން މަގާމެއްގައި ޚިދުމަތްކުރުމުގެ ފުރުސަތު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އޭނާއަށް ލިބިލެއްވުމުންނެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް އަހުމަދު ނަރީޝް އިންތިޚާބު ކޮށްފައިވަނީ ޖޫން 21، 2021ގައެވެ. އެ މަގާމަށް ނަރީޝްއާ އޭރު ވާދަކުރީ އެމްޑީޕީގެ ޓިކެޓުގައި މަންޗަންގޯޅީ މެދު ދާއިރާއަށް އިންތިޚާބުވި، މިހާރުގެ މަޖިލިސް މެންބަރު އަހުމަދު ޒަމީރެވެ. ނަރީޝަށް 12 ވޯޓު ލިބުނުއިރު އަހުމަދަށް ލިބުނީ ހަތް ވޯޓެވެ. އޭރު މާލޭގެ މޭޔަރު ކަމުގައި ހުންނެވީ ރައީސް މުއިއްޒެވެ.