އެމެރިކާއާއިއެކުވެވޭ އެއްބަސްވުމަކަށް އެއްވެސް ގައުމަކުން ދެން އިތުބާރެއް ނުކުރާނެ!

Loading

March 14, 2025
Facebook
Twitter
WhatsApp


އެމެރިކާއިން ޔޫރަޕްގެ އެކުވެރިންނާ ދުރަށްދިއުމާއިއެކު ނޭޓޯ މަރުވެއްޖެއެވެ. އަދި އެންމެފަހުން ކާމިޔާބު މި ލިބިވަޑައިގަތީ ވްލާޑިމީރް ޕޫޓިން އާއި ޝީ ޖިންޕިން އަށެވެ. ދުނިޔޭގެ މާލީ ނިޒާމުގައި އެމެރިކާޑޮލަރުގެ ބާރު އަމިއްލައަށް ދަށަށްގޮސް ޖަޕާން ޔެން އަކީ އެންމެ ރައްކާތެރި ފައިސާ ކަމުގައި ވެ ނިމެނީއެވެ. ހުރިހާ ގެއްލުމެއް އެމެރިކާއަށެވެ. މިއީ ކޯންޓަމް ސްޓްރަޓެޖީގެ ޑޭވިޑް ރޯޗްގެ ދިރާސާގެ ސުރުޚީއެވެ.
އެމެރިކާއިން ކުރިއްސުރެން ގެންގުޅުނު ޖިއޯޕޮލިޓިކްސްގެ ސިޔާސަތަށް ކުއްލިއަކަށް ގެނައި ބަދަލުތަކަކުން ދުނިޔޭގެ މާލީ ބާޒާރުގައި އުފެދުނު ބިޔަ ރާޅުތަކުގެ ތެރޭގައި އެމެރިކާއިން ކުރާ ވައުދުތައް އެއްވެސް ގައުމަކުން ބަލާގަންނާކަށް މިހާރު ބޭނުމެއް ނުވެއެވެ. ހަމަ ކޮންމެ ގައުމަކުންވެސް އެމެރިކާއާއި ދިމާލަށް ބަލަމުންގެންދަނީ ޝައްކާއި ވަހުމްގެ ނަޒަރަކުންނެވެ.


މިފަހަރު ހުރިހާ ގެއްލުމެއް އެމެރިކާއަށެވެ. ގްލޯބަލް ސައުތުގެ ގިނަ ގައުމުތަކެއް ދެން ދައުރުކުރަންފަށާނީ ޗައިނާގެ އޯބިޓް ގައެވެ.
ނޭޓޯގެ މައްސަލާގައި މެމްބަރު ގައުމުތަކުން ދިފާއަށް ޚަރަދު ނުކުރާތީވެ ރައީސް ޓްރަމްޕް މީގެ ކުރިންވެސް ހުންނެވީ ރަތްރޮނގު މަތީގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޓްރަމްޕްގެ ފުރަތަމަ ރިޔާސަތުގައި ނޭޓޯގެ މެމްބަރ ގައުމުތަކުން ޖީ ޑީ ޕީ ގެ 2 ޕަރސެންޓް ކުރީގެ ޗަންދާއަށް އިތުރު ކުރިއެވެ. މިހާރުވެސް ރައީސް ޓްރަމްޕް ހުންނެވީ ހަމަ ރަތް ރޮނގުމަތީގައެވެ. އަދި މެމްބަރު ގައުމު ތަކުން ނޭޓޯއަށްކުރާ ހޭދަ އިތުރު ނުކުރާނަމަ އެއިން ގައުމަކަށް ނުރައްކަލެއް މެދުވެރިވިޔަސް އެމެރިކާއިން އެހީތެރިވެ ނުދޭނެކަމަށް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.
ޔޫރަޕުގެ ބައެއް ލީޑަރުން އެމެރިކާއާއި ނުލައި ނޭޓޯ ގެ ދިފާއު ވަރުގަދަ ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ނަމަވެސް އަދިވެސް ގަބޫލުކުރައްވަނީ އެމެރިކާއަކީ ބައިވެރިއެއް ކަމަށެވެ. ޔޫކްރެއިނަށް އެމެރިކާއިން ފޯރުކޮށްދޭ މިލިޓްރީ އެހީ ހުއްޓާލުމުގެ ސަބަބުން ޔޫރަޕިއަން ޔުނިއަނުން މިހާރު ގަސްދުކޮށްފައިވަނީ އެ ގައުމުތަކުން ދިފާއަށްޓަކައި ކުރާ ހޭދަ 800 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރު ކުރުމަށެވެ.
ޑޭވިޑް ރޯޗްގެ ދިރާސާގައި ބުނެފައިވަނީ ކޮންމެގޮތެއްގައިވެސް އެމެރިކާ ނުލައި ނޭޓޯގެ ދިފާއު ހަމަޔަކަށް އެޅުވުމަށް ޔޫރަޕްގެ ގައުމުތަކަށް މަދުވެގެން ހައެއްކަ އަހަރު ބޭނުންވާނެ ކަމަށެވެ. ދުނިޔޭގެ މާލީ ބާޒާރުން ފެންނަ ކުލަތަކަށްބަލާއިރު އެ މުއްދަތު ދިގުވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސީ އެން ބީ ސީ ގައި ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ ޔޫރަޕްގެ ދިފާއަށްބޭނުންވާ ޚަރަދުތައް ކުރުމަށްޓަކައި ޔޫރޯ ގެ ބަދަލުގައި ޔެން ޖަމާކުރަންވެސް ޔޫރަޕިއަން ޔޫނިއަނުން ތައްޔާރަށް ތިބެން ޖެހޭނެކަމަށެވެ.
ދަ ބްލެކް ސްވޯންގެ ލިއުންތެރިޔާ ނަސީމް ތާލިބް ކުރިމަގަށް ރިއާޔަތްކޮށް ބުނެފައިވާ ފަދައިން އެމެރިކާއިން ގައުމުތަކުގެ އިގްތިސާދަށް ސެންކްޝަންތައް އިތުރުކޮށް ޕްރެޝަރ ދެމުން ގެންދިއުމުގެ ނަތީޖާއަކަށްވާނީ ދުނިޔޭގެ ބާޒާރުތަކުގައި އެމެރިކާ ޑޮލަރގެ އަގު ވެއްޓެން ދިމާވުމެވެ. ކައިރި މުސްތަގްބަލެއްގައި އެމެރިކާ ޑޮލަރަށް ދުނިޔޭގެ ބާޒާރުން މުދާ ގަތުމާއި މުދާ ވިއްކުމަށްބޮޑެތި ހުރަސްތަކެއް އެޅުން ދުރެއް ނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް