މި ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙް ނަމާދު ކުރާނެ

Loading

February 28, 2025
sandhaanu news
Facebook
Twitter
WhatsApp

މި ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ރަމަޟާން މަހު މާލޭގެ 16 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގެ 7 މިސްކިތެއްގައި އަދި ވިލިމާލޭގެ 1 މިސްކިތެއްގައި ޙިފުޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އަހަރުގެ ރަމަޟާން މަހު މާލޭގެ ގިނަ މިސްކިތްތަކެއްގައި ޒުވާން ޙާފިޡުން ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ރަމަޟާން މަހު މާލޭގެ އެންމެ ބޮޑު މިސްކިތްކަމަށްވާ އިސްލާމީ މަރުކަޒުގައި ތަރާވީޙު ނަމާދު ކުރައްވާނީ، މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފްއެވެ. މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠީފްއެވެ.

ސަލްމާނު މިސްކިތުގައި ރަމަޟާން މަހު ތަރާވީޙު ނަމާދާއި ދަމު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިން، އަލްޙާފިޒް މުޙައްމަދު މިޝްއަލް އާޡިމްގެ އިތުރުން އަލްޙާފިޒް އަބްދުﷲ އަޙްސަން ސަޢީދުއެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތުގައި ރަމަޟާން މަހު ޒުވާން އިމާމުންނަށް ފުރުސަތު ދެއްވާފައި މިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ލީޑަރުން އުފެއްދެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް