ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާ ކުރުމަށް އެކުލަވާލި ޕްލޭން އިފްތިތާހުކޮށްފި

Loading

February 27, 2025
sandhaanu news
Facebook
Twitter
WhatsApp

ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި، ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަގުސަދުގައި އެކުލަވާލި ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029، އިފުތިތާހުކޮށްފިއެވެ. 

މި ޕްލޭން އިފުތިތާހުކޮށްދެއްވީ ރޭ މިނިސްޓްރީ އޮފް ހެލްތުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

އެގޮތުން އެ ޕްލޭންގައި ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. މި ޕްލޭން އެކުލަވާލެވިފައިވާ ކަންކަމުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރުމާއި، ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކަން އިތުރުކޮށް އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ހަމައެހެންމެ ސިޔާސަތުތަކާއި، ސްޓޭންޑާޑްތަކާއި، ގައިޑްލައިންތައް އެކުލަވާލުމާއި، ޞިއްޙީ ޚިދުމަތްތެރިންގެ ހުނަރު އިތުރުކުރުމާއި، ނަފްސާނީ ބަލިތަކާމެދު އޮންނަ ނޭދެވޭ ވިސްނުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.

މީގެ އިތުރުން މި ޕްލޭންގައި އެކިއުމުރުފުރާގެ މީހުންނަށް، ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކިއެކި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ނަފްސާނީ ޞިއްޙަތަށް އަހަންމިއްޔަތުކަން ދިނުމަށް އިސްކަންދީފައިވެއެވެ. ހަމައެއާއިއެކު ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެ މުޖުތަމަޢުއަކީ، ނަފްސާނީ ގޮތުން ބާރުވެރި އަދި ޤާބިލު ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ހެދުމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކުރުމަށް ވެސް މި ޕްލޭން ބާރު އަޅައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް