ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ނިމުން ފާހަގަކޮށް، އެ މުބާރާތުގެ އެކިއެކި ވަނަތަކަށް އިނާމު ދީފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތަށް ވަޑައިގަތުމުން ރެހެންދި ފުޓްސަލް ދަނޑުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިޟްވާން މޫސާއެވެ.
އެގޮތުން މި މުބާރާތުގެ ނިމުން ފާހަގަކޮށް، މި މުބާރާތުގެ އެކިއެކި ވަނަތަކަށް ވަނީ އިނާމު ދެއްވާފައިވެއެވެ. މީގެ ތެރޭގައި އެކިއެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށާއި ރެފްރީންނަށް އިނާމު ދީފައިވެއެވެ. އަދި މި މުބާރާތުގެ ރަނަރަޕް ޓީމަށް ރިހި މެޑެއްޔާއި ފައިސާގެ އިނާމު އަދި ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމު ޙަވާލުކޮށްފައިވެއެވެ.
ނައިބު ރައީސް ވަނީ ”ގޯލްޑަން ފުޓްސަލް ޗެލެންޖް 2025“ ގެ ”ކިންގް އޮފް ދަ ޓޯނަމަންޓް“ އަށް ތާޖު ޙަވާލުކޮށްދެއްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުން ”ގޯލްޑަން ފުޓްސަލް ޗެލެންޖް 2025″ގެ ފައިނަލް މެޗްގެ ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވައި ނައިބު ރައީސް ވަނީ ހިތްވަރު ދެއްވާފައެވެ. ”ގޯލްޑަން ފުޓްސަލް ޗެލެންޖް 2025“ ގެ ފައިނަލް މެޗުގައި ހދ. ނާވައިދޫ އަދި ކ. ކާށިދޫ ފުޓްސަލް ޓީމު ބައްދަލުކުރި މެޗު، 4 – 1 ން ކާމިޔާބުކުރީ ކާށިދޫ ޓީމުންނެވެ.