ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާނުގެ އިތުބާރުނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުން ފާސް ނުވެ، އެ މައްސަލަ ބޭރުކޮށްލައިފިއެވެ.
އިހްސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައި ވަނީ އެތައް ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް، އެ މީހުންނަށް ނޭނގި، ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އަށް ވައްދާފައިވާތީ ކަމަށް އެ މައްސަލައިގައި ބުނެފައި ވެއެވެ.
އެގޮތުން މި މައްސަލަ ހުށަހަޅާފައި ވަނީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކުގައެވެ.
މިއަދުގެ ޖަލްސާއަށް މިިނިސްޓަރު އިހްސާން ހާޒިރުކޮށް މެންބަރުން ވަނީ ސުވާލު ކުރައްވާފައެވެ.އަދި މި ސުވާލުތަކަށްފަހު މިނިސްޓަރުގެ އިތުބާރު އެބަ އޮތް ކަމަށް 64 މެމްބަރުން ވޯޓު ދެއްވިއިރު އެއީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނާއި ސަރުކާރާއެކު މަސައްކަތްކުރާ ޕާޓީތަކުގެ މެންބަރުންނެވެ.
މީގެ އިތުރުން އިހްސާނުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ 11 މެމްބަރުންނެވެ.އެހެންކަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާނުގެ އިތުބާރުނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ވަނީ މަޖިލީހުން ފާސް ނުވެ، އެ މައްސަލަ ބޭރުވެފައެވެ.
One Response
Funny comedy 🤣 show 😁