ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިކަން އިޢުލާންކުރެއްވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ބަނޑިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ބަނޑިދޫގައި މި ވަގުތު އޮތް ޖާގައިގެ ދަތިކަމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުރުން ނުރައްކާތެރި ބައެއް މަސައްކަތްތައް، އެހެން ސަރަޙައްދަކަށް ބަދަލުކުރަން ދަތިވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ފައިބަރު މަސައްކަތާއި، ކުނި ކޮށި ފަދަ ތަންތަން އެހެން ސަރަޙައްދަކަށް ބަދަލުކުރެވޭނޭގޮތަށް ވިސްނަވައިގެން އެ ރަށުގެ ބިން ބޭނުންކުރާ ގޮތުގެ ޕްލޭން މުރާޖަޢާ ކުރެއްވުމަށް ރަށު ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ.
ކައުންސިލުން މި މަސައްކަތް ފުރިހަމަ ކުރެއްވުމާއެކު، އެ ޕްލޭންގައި ކުލަޖައްސައިދެއްވުމަށް ކަންކަން ބައްޓަން ކޮށްދެއްވުމުގެ މަސައްކަތް ފައްޓަވައިދެއްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ރަށުގެ މަސްވެރިންނާއި އޮޑިވެރިން އެދޭ ގޮތަށް، އެ ރަށު ބަނދަރުގެ ބޭރު ތޮށި ބަދަލުކޮށްދެއްވައި ޖާގަ އިތުރުކޮށްދިނުމުގެ މަސައްކަތްވެސް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.