ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރުވާ އާމްދަނީ އެއްކޮށް ޚަރަދުކުރަން ނިންމާފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންޖެހޭ ބަލިތަކުން ދުރުހެލިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ.
މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއް އެއްކޮށް ޚަރަދުކުރަން ނިންމާފައި ވާނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުން ދުރުވުމަށް ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތް ކެއަރ ޕްރޮގްރާމްތަކާ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. ހަމައެހެންމެ ”އަޅުގަނޑު އެދެނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަ އަށަގެންފައިވާ އެންމެހާ ރައްޔިތުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ގަދައަޅާ މަސައްކަތް ކުރެއްވުމަށް،“ ރައީސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ފާއިތުވި އަހަރު އެ މަނިކުފާނު ވާނީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މުޅިން މަނާކޮށްފައި ކަމަށެވެ.
އެކަމުން ގައުމުގެ އިޖުތިމާޢީ ކަންކަމަށް ހެޔޮ ނަތީޖާއެއް ފެނުމުގެ އިތުރުން ގައުމު ހަމަމަގުން ދަތުރުކުރުމަށް ވެސް އެހީއަކަށް ވެގެންދާނެކަމާށާއި ކޮންމެ އާއިލާއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ އެކެއް ދެ މީހެއްގެ ބިރުދެއްކުމާއި ވައްކަން ކުރުމާއި އަނިޔާދިނުން އޮންނަ ޤައުމަކީ މަރުގެ ތުންފަތް މަތީގައި އޮންނަ ގައުމެއް ކަމަށާއި މިކަމަށް އިސްލާހީ ފިޔަވަޅު އަޅަން އެބަ ޖެހޭ ކަމަށެވެ.
މި ސަރުކާރުން ވަނީ ފާއިތުވި އަހަރު ސިނގިރޭޓާއި ބިޑިން 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކާއި ކޮންމެ ބިޑިއަކުން 8 ރުފިޔާ ޑިއުޓީ ނަގަން ފަށާފައެވެ.