ދައުލަތުން ދިފާއީ ވަކީލުންގެ ޚިދުމަތް ދިނުމަށް ޚާއްސަ އޮފީހެއް ޤާއިމުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ.
މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލައިގެ އަޑުއެހުންތައް ލަސްވަމުންދިއުމާއި ހުކުމާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިކަން ހައްލުކުރުމަށްޓަކައި އެކަށީގެންވާ އަވަސް މިނެއްގައި އަޑުއެހުންތައް ތަވާލުކޮށް މައްސަލަތައް ކުރިއަށް ގެންދިޔުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި މިކަން ހައްލުކުރުމަށް ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ނުހަނު އިސްކަންދޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ސުޕީރިއާ ކޯޓް ކޮމްޕްލެކްސްއެއް މި އަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެ ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ޖާގަ ތަނަވަސް އިމާރާތްތަކަށް ބަދަލު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެ ދެ ކޯޓު ބަދަލުކުރަން ހުޅުމާލޭގެ ކުރީގެ ކޮވިޑް ފެސިލިޓީ މިހާރު ތަރައްގީ ކުރަމުން އަންނަ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޮގަސްޓް މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.