ކަށިނެތް މިޔަރު ނުވަތަ އިނގެރޭސި ބަހުން (Dalatias licha)ނުވަތަ (Kitefin shark)އަކީ މިޔަރުގެ ވައްތަރެކެވެ. މި މިޔަރަކީ ރާއްޖޭގައި ވަރަށް މަދުން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އުޅެނީ އަތޮޅުންބޭރު މާކަނޑުގެ ވަރަށް ފުނުގައެވެ.
މިއީ އާންމުކޮށް 37 މީޓަރުން ފެށިގެން 1800 މީޓަރާއި ދެމެދުގެ ފުނުގައިއުޅޭ މިޔަރެކެވެ. ނަމަވެސް ޢާއްމުގޮތެއްގައި އުޅެނީ 200 މީޓަރަށްވުރެ ފުނުގައެވެ. މިބާވަތުގެ މިޔަރު އެންމެ ބޮޑުވަނީ 1.6 މީޓަރަށެވެ.
މިއީ ކަށިމިޔަރު އުޅޭ ސަރަޙައްދުތަކުގައި އުޅޭ ކަށިމިޔަރާއި ވަރަށް އެއްގޮތް މިޔަރެކެވެ. ނަމަވެސް އުރަހަ ކައިރީގައި އެއްވެސް ކަށްޓެއް ނުހުރެއެވެ. މިޔަރުގެ ބުރަކަށިމަތީގައި ދެވަނައަށް ހުންނަ އުރަހަ، ފުރަތަމަ އުރަހައަށްވުރެ ތަންކޮޅެއް ބޮޑުވާނެއެވެ. މިޔަރުގެ ތުންބޮލެވެ. މަތީތަލީގައި ހުންނަނީ ކުދި ހިމަތިނޯސްޒާތުގެ ދަތްތަކެކެވެ. ދަށު ތަލީގައި ހުންނަނީ ފުޅާ ދަތްތަކެކެވެ. މި މިޔަރު ބޭނިމީހުން މިޔަށް ކިޔާފައި ވަނީ ކަށިނެތް މިޔަރެވެ. މީގެ އާންމު ކާނާއަކީ ކަނޑުގެ އަޑީގައި އުޅޭ މަސްމަހާމެއްސާއި، ކަކުނިފާޑުގެ ސޫތްޕާއި ބޯވަދިލަމަހެވެ.
މި މިޔަރުގެ ރެކޯޑެއް ރާއްޖޭގައި ޤާއިމްކުރެވިފައިވަނީ ހަމައެކަނި ލ. އަތޮޅު އިސްދޫ މަސްވެރިއަކު ބާނާފައިވާ މިޔަރެއްގެ އަނގަ ތަޙުޤީގުކޮށް އޭގެ މައްޗަށް ބަލައިގެންނެވެ. އޭނާވެސް މީގެ ކުރިން ނުދެކޭ މިޔަރެއްކަމުން މަހުގެ އަނގަ ރައްކާކޮށްފައިވަނިކޮށް މެރިން ރިސާރޗް ސެކްޝަނުން ހޯދާ އައިޑެންޓިފައި ކުރީއެވެ.
މަސްދަރު: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003