ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހއ. އަތޮޅުގެ 10 ރަށަކަށް ޒިޔާރަތްކުރައްވައި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
އެގޮތުން މި ދަތުރުފުޅުގައި، ރައްޔިތުންގެ ގާތަށް، ރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވާ، އެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން އޮޅުންފިލުއްވައި، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެކިއެކި މުއައްސަސާތަކާއި އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ.