ހއ. މޮޅަދޫގައިވެސް ފުރިހަމަ ފެންވަރެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ތަރައްޤީ ކުރައްވާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. މޮޅަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމީ އަދުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ، ހއ. މޮޅަދޫގައިވެސް ފުރިހަމަ ފެންވަރެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ތަރައްޤީ ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ މަސައްކަތްތައްވެސް ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި މޮޅަދޫ ކައުންސިލުން ލޯކަލް ޓުއަރިޒަމްގެ މަޝްރޫޢުތަކަށް ބިން ދޫކުރަން ކަނޑައަޅާފައިވާ ސަރަޙައްދަށް ބޭނުންވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މޮޅަދޫއަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށާއި މޮޅަދޫގައި ޒަމާނީ ކުނި ކޮއްޓެއް ތަރައްޤީ ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.