ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޝަންހާއީއަށް ވައިޑް ބޮޑީ ދަތުރުތައް ފަށައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އާ ވައިޑް ބޮޑީ ދަތުރުތައް ޝަންހާއީއަށް ރަސްމީކޮށް ފަށައިފި އެވެ. މި މަހުގެ ކުރީކޮޅު ޗެންގްޑޫ އާއި ބެއިޖިންއަށް ކާމިޔާބުކަމާއެކު ދަތުރުތައް ފެށުމަށްފަހު ޝަންހާއީ ވެފައިވަނީ ޗައިނާގައި އެ އެއާލައިންގެ ތިން ވަނަ މަންޒިލަށެވެ.


އެ އެއާލައިނުން ޗައިނާއަށް ކުރާ ދިގު ދަތުރުތަކަކީ އެ އެއާލައިނުން އަލަށް ހޯދި ވައިޑް ބޮޑީ އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓުތައް ބޭނުންކޮށްގެން ކުރާ ދަތުރުތަކެކެވެ. ޗައިނާގެ ތިން މަންޒިލަކަށް ވެސް ހަފުތާއަކު ދަތުރުތައް ޝެޑިއުލްކޮށްފައިވާއިރު، ފަސިންޖަރުންނަށް އިތުރު ހިތްހަމަޖެހުމާއި ކަނެކްޓިވިޓީ ލިބޭނެ އެވެ.
އާ ރޫޓް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ހާއްސަ ޕްރޮމޯޝަނަލް ފެއާއެއް އިއުލާނުކޮށް ޗައިނާގައި މިހާރު ހުރި އަގުތަކުން 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދީފަ އެވެ. އަދި ޕްރޮމޯޝަނަލް ފެއާގެ ދަށުން ބުކިން ހަދާ ފަސިންޖަރުންނަށް 40 ކިލޯގެ ދީލަތި ބެގޭޖް އެލަވަންސާއި ކޮމްޕްލިމެންޓްރީ އިން ފްލައިޓް މީލްގެ ފައިދާ ވެސް ލިބިގެންދާނެ އެވެ.
ޝަންހާއީއަށް ފަށާ ފުރަތަމަ ފްލައިޓް އަންނަ ބުދަ ދުވަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، މިއީ އެ އެއާލައިންގެ ކުރިއެރުމާއި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މަސައްކަތުގެ އާ ބާބެއް ރަމްޒުކޮށްދޭ ފްލައިޓެކެވެ.
264 ފަސިންޖަރުންގެ ޖާގައިގެ އެއާބަސް އޭ330-200 ގައި ތިން ކެބިން ކްލާހެއް ހިމެނެ އެވެ: އިކޮނޮމީ، ބިޒްނަސް އަދި ޕްރިމިއަމް އެވެ. އެންމެ ޒަމާނީ މި މަތިންދާބޯޓު ހޯދުމުން މޯލްޑިވިއަންގެ އޮޕަރޭޓަރު އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ވައިޑް ބޮޑީ ދެ މަތިންދާބޯޓު ތަޢާރަފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ވެވަޑައިގެންނެވި އިންތިޚާބީ ވަޢުދު ފުއްދެއެވެ. މީގެ އިތުރުން އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ހޯދައި، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔޫރަޕްގެ މަންޒިލްތަކަށް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ޗައިނާއަށް ސީދާ ދަތުރުތައް ފެށުމުން ދެ ގައުމުގެ ދެމެދުގައި ޓޫރިސްޓުން އައުމާއި ވިޔަފާރީގެ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެ، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ރާއްޖޭގެ ދަރަޖަ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެ އެވެ.
މޯލްޑިވިއަންގެ ފްލީޓާއި ނެޓްވޯކް ފުޅާކުރުމާއެކު، އިތުބާރު ހިފޭ އަދި ކަސްޓަމަރުންނަށް ފޯކަސްކުރާ އެއާލައިނެއްގެ ގޮތުގައި މޯލްޑިވިއަންގެ އަގު ވަޒަންކޮށް، ދަތުރުވެރިންނަށް އިތުރު އޮޕްޝަންތަކާއި ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ލިބިގެންދާނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް