ބޭރު ގައުމުތަކުގައި މަސައްކަތްކުރާ ބަންގްލާދޭޝީން 3 މަސް ދުވަހުން 7 ބިލިއަން ޑޮލަރު ގައުމަށް

Loading

Facebook
Twitter
WhatsApp

ބޭރު ގައުމުތަކުގައި މަސައްކަތް ކުރަމުން ގެންދާ ބަންގްލާދޭޝްގެ މަސައްކަތްތެރިން މި ފާއިތުވެގެންދާ 3 މަސްދުވަހުގެ ތެރޭގައި ގައުމަށް ފޮނުވި ފައިސާ 7 ބިލިއަން އެމެރިކާ ޑޮލަރަށްވުރެން ގިނަ ކަމަށް ޕްރޮފެސަރ މުޙަންމަދު ޔޫނުސްގެ ވަގުތީ ސަރުކާރުން ހާމަކޮށްފިއެވެ.

އެ މުއްދަތުގެ ތެރޭގައި 2 މިލިއަނަށްވުރެން ގިނަ ބަންގާޅީ މަސައްކަތު މީހުންގެ ގޮތުގައި ގައުމުން ބޭރުގައި މަސައްކަތްކުރަމުން ގެންދާކަމަށް ވެއެވެ. އަދި ބޭރު ގައުމުތަކުގައި މަސައްކަތްކުރަން އުޅުމުގެ ތެރޭގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް ހަމަ އެ މުއްދަތުގެ ތެރޭގައި 34 ކުރޯޑް ޓާކާގެ އެހީ ދައުލަތުން ވަނީ ފޯރުކޮށްދީފައެވެ. އޭގެ އިތުރުން އެ އާއިލާތަކަށް އިންޝުއަރެންސުން ލިބެންޖެހޭ ފައިސާގެ ގޮތުގައި 12.39 ކުރޯޑް ޓާކާ އާއި ދަރިންގެ ތައުލީމަށްދޭ އެހީއެއްގެ ގޮތުގައި 1.97 ކުރޯޑް ޓާކާ ވަނީ ސަރުކާރުން ދީފައެވެ. އަދި މަސައްކަތުގައި އުޅުމުގެ ތެރޭގައި އަނިޔާ އާއި ޒަޚަމް ލިބިފައިވާ މީހުންގެ ބޭސްފަރުވާއަށް 1،88 ކުރޯޑް ޓާކާގެ އެހީ ދެއްވާފައިވާ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ބަންގްލާދޭޝް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ 3 މަސްދުވަހު ބޭރު ގައުމުތަކުގައި މަސައްކަތް ކުރަމުންގެންދާ އެ ގައުމުގެ 9989 ރައްޔިތުންނަށް ގެދޮރު އިމާރާތް ކުރުމުގެ ލޯނުގެ ގޮތުގައި 216 ކުރޯޑް ޓާކާ އަދި އިތރު 811 މީހަކަށް ކްރެޑިޓް ފެސިލިޓީގެ ގޮތުގައި ގާތްގަނޑަކަށް 23 ކުރޯޑް ޓާކާ ވަނީ ދީފައެވެ.                         

ބަންގްލާދޭޝް ސަރުކާރުން އެ ގައުމުން ބޭރުގައި މަސައްކަތް ކުރަމުންގެންދާ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ޕްރަބާޝީ ސަޕޯރޓް ސެންޓަރުގެ ނަމުގައި ވަކި އިދާރެއް މިހާރު ވަނީ އުފައްދާފައެވެ. މެލޭޝިޔާގައި މަސައްކަތްކުރަމުންގެންދާ ބަންގްލާދޭޝް ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން އެ އިދާރާއިން މިދިޔަ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު މެލޭޝިޔާގެ ސޯޝަލް ސެކިއުރިޓީ އޯގަނައިޒޭޝަނާއެކު ވަނީ މެމޯރެންޑަމް އޮފް ކޮލެބޮރޭޝަނެއް ގާއިމް ކޮށްފައެވެ.

ބަންގްލާދޭޝް ސަރުކާރުގެ މި ހާމަކުރުމުން އަޅުގަނޑުމެންގެ އަވައްޓެރި އެ ގައުމުގެ މަސައްކަތްތެރިންނަށް ދީފައިވާ އަހަންމިއްޔަތު އެނގިގެންދެއެވެ. އަޅުގަނޑުމެންގެ މަސައްކަތްތެރިއަކު ބޭރު ގައުމެއްގައި މަސައްކަތުގައި އުޅެނިކޮށް މަރުވުމުން ގިނަފަހަރަށް ތައުޒިޔާ ކިޔާލަންވެސް ސަރުކާރުން ހަނދާނެއް ނުހުރެއެވެ.

1970 ގެ މެދުތެރޭ އަހަރުތަކުން ފެށިގެން 2000 ގެ ފެށުނު ހިސާބާ ހަމަޔަށް ބޯޓުދަތުރުކުރުމުގެ ވަޒީފާގައި ގިނަ އަދަދެއްގެ ދިވެހިންނަށް މޯލްޑިވްސް ޝިޕިންގ ކުންފުނީގެ ބޯޓު ފަހަރުގައި މަސައްކަތްކުރުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން އެ ކުންފުނީގެ ބޯޓުފަހަރުގައި މަސައްކަތްކުރަމުންވެސް ގެންދިޔައެވެ.

1970 ގެ ފަހުކޮޅު އަހަރުތަކުން ފެށިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ދިވެހި ސީމޭނުން ވަރަށް ފަޚުރުވެރި މަގާމެއް ކަށަވަރުކޮށް މަސައްކަތްކުރަމުން ގެންދިޔައެވެ. މަރްހޫމް ސައިކުރާ ޅަހުއްތުފަދަ ބޭފުޅުން ވަރަށް ހީވާގި ކަމާއެކު ބޯޓުފަހަރުގެ ވަޒީފާތަކަށް ދިވެހިން ފޮނުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ގެންދެވިއެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރުވި އޮރި ލައިންގެ ބޯޓުފަހަރުގައި ހާހަކަށްވުރެން ގިނަ ދިވެހިން މަސައްކަތް ކުރަމުންގެންދިޔަ ކަމަށް ވެއެވެ. ނަމަވެސް އޮރިލައިން ނިސްބަތްކުރެވޭ ޕޭން އޯޝަން ޝިޕިންގ ލައިނަށް މެދުވެރިވި މައްސަލަތަކެއްގައި އެ ކުންފުނި މުޅިން ހުއްޓުމަކަށް އައީއެވެ. ނަމަވެސް އެހާތަނަށް ދިޔައިރު ދިވެހި ސީމެނުންނަށް އޮތީ ބައިނަލްއަގްވާމީ މާކެޓުގައި ވަރަށް ފަހި ފުރުސަތުތަކެއް ކަށަވަރުކުރެވިފައެވެ.

ނަތީޖާއެއްގެ ގޮތުން ސެންކޯ އޭޖެންސީ އާއި ގުޑްފެއިތު ޝިޕިންގް އޭޖެންސީއާއި އޭޝިއާ މެނޭޖްމެންޓް އާއި ނަޒާކީ އާއި މާހިރު އޭޖެންސީ އާއި ގުޑްވިލް އާއި އަލްފާ މައިކްފަދަ އެތައް އޭޖެންސީއަކުން ދިވެހިން ބޯޓު ފަހަރުގެ ވަޒީފާއަށް ފޮނުވަމުންގެންދާން ފަށައިފިއެވެ. އަޅުގަނޑުމެންގެ މައުލޫމާތު ސައްހަކަމަށް ވާނަމަ 2000 ވަނަ އަހަރު ފެށުނު ހިސާބުގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހިންގެ 2000 އަށްވުރެން ގިނަ ސީމޭނުން މަސައްކަތްކުރަމުން ގެންދިޔައެވެ. އަދި އެމީހުންގެ މުސާރައިގެ ގޮތުގައި މަހަކު 3 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ލިބެމުން ދިޔަ ކަމަށް ވެއެވެ.

ކޮންމެއަކަސް ޑިމޮކްރެސީގެ ހަރަކާތްތައް ފެށުމާއެކު އާންމު ރައްޔިތުންގެ ފުދުންތެރިކަމަކީ ހަމައެކަނި އިންތިޚާބީ ވައުދަކަށް ވެގެން ހިނގައްޖެ ކަހަލައެވެ. އަދި ޑިމޮކްރެސީ ފައްކާވަމުން ދިޔަ ވަރަކުން ދިވެހިންގެ އެތެރޭގެ ވަޒީފާތަކަކީވެސް ބޭރު މީހުންގެ ހައްގަކަށް ވެގެން ހިނގައްޖެކަހަލަ އެވެ.

ބިދޭސީއެއް މަސައްކަތުގައި. ފޮޓޯ: އަދަދު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް