ޙޫތީންގެ ޙަމަލާތަކާ ގުޅިގެން ފުރަތަމަ ފަހަރަށް މައްކާގައި ވައިގެ ޙަމަލާގެ އިންޒާރު ނެރެފި

Loading

Facebook
Twitter
WhatsApp

ޔަމަނުގެ ޙޫތީ ހަނގުރާމަވެރިންގެ ޙަމަލާތައް ވަރުގަދަވުމާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާއިން މާތްވެގެންވާ މައްކާ ސިޓީގައި ފުރަތަމަ ފަހަރަށް ވައިގެ ޙަމަލާގެ އިންޒާރު ނުވަތަ އެއާ ރެއިޑް އެލާޓް ނެރެފި ކަމަށް އެންޑީޓީވީން ރިޕޯޓްކޮށްފިއެވެ.

ސަޢޫދީގެ ސިވިލް ޑިފެންސުން އަންގާރަ ދުވަހު ވަނީ އެ ޤައުމުގެ ހުޅަނގު އައްސޭރިފަށުގެ ބައެއް ސަރަޙައްދުތަކަށް ވަގުތީ އިންޒާރުތަކެއް ނެރެފައެވެ. މީގެ ތެރޭގައި މައްކާ، ޖިއްދާ އަދި ތާއިފް ހިމެނެއެވެ. އޭގެ ފަހުން މައްކާއަށް ނެރުނު އިންޒާރު ވަނީ އުވާލާފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނީ ނުރައްކާ މިހާރު ފިލައިގޮސްފައިވާ ކަމަށާއި، ރައްކާތެރިކަމުގެ އިރުޝާދުތަކަށް ޢަމަލުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ، ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙޫތީން ދިން ޙަމަލާތަކެއްގައި ސަޢޫދީ ޢަރަބިއްޔާއިން 13 މީހަކު ޒަޚަމްވި ކަމަށް ރިޕޯޓްކުރެވުނުތާ އެއްދުވަސް ފަހުންނެވެ. ފަހަކަށް އައިސް އީރާނާ ގުޅުން އޮންނަ މި ޖަމާޢަތުގެ ފަރާތުން ސަޢޫދީއަށް އަމާޒުކޮށް ތަކުރާރުކޮށް ދަނީ ޙަމަލާތައް ދެމުންނެވެ.

ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނާއި ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރުން ވެސް ވަނީ ޔަމަނުގައި ހުރި ޙޫތީންގެ އަމާޒުތަކަށް ޙަމަލާތައް ދީފައެވެ. ޙޫތީން ވަނީ ސަޢޫދީގެ އަސްކަރީ މަރުކަޒުތަކަށް ދިން ޙަމަލާތަކުގެ ޒިންމާ އުފުލާފައެވެ. އޭގެ ތެރޭގައި ޚަމީސް މުޝައިތުގައި ހުންނަ ކިންގް ޚާލިދު އެއާ ބޭސްއަށް އަމާޒުކޮށް ވަރުގަދަ ޙަމަލާއެއް ދިން ކަމަށް ބުނެފައިވެއެވެ.

ޙޫތީންގެ ސިޔާސީ އޮފިޝަލެއް ކަމަށްވާ ޙާޒިމް އަލްއަސަދު ވަނީ، މައްކާއާ ދިމާއަށް ދަތުރުކުރަމުން ދިޔަ ޑްރޯނެއް ވައްޓާލި ކަމަށް ސަޢޫދީން ބުނާ ބުނުން ދޮގުކޮށް، ސޯޝަލް މީޑިއާގައި އެ ވާހަކައާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ޙާލަތު އިތުރަށް ގޯސްވެގެން މިދިޔައީ ޔަމަނުގައި ޙޫޘީ ފައުޖުތަކާއި ސަޢޫދީގެ އެހީތެރިކަން ލިބޭ ސަރުކާރުގެ ސިފައިންނާ ދެމެދު އަނެއްކާވެސް ހަނގުރާމަ ވަރުގަދަވުމާ ގުޅިގެންނެވެ. މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ކަނޑުމަގު ބަންދުކުރާނެ ކަމަށް އިޢުލާނުކުރުމަށްފަހު، ޙޫތީން ވަނީ ރަތްކަނޑުގެ އުޅަނދުފަހަރަށް ވެސް އިންޒާރު ދީފައެވެ.

ޤަޠަރުން ވަނީ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކޮށްފިނަމަ، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާއި ވިޔަފާރިއަށް އޮތް މުހިންމުކަމުގެ ސަބަބުން މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފާނެ ކަމުގެ އިންޒާރު ދީފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް