އިސްލާމީ ދުނިޔޭގެ ލީޑަރުން ގައްޒާގެ މައްސަލާގައި މިއަދު މަޝްވަރާ ކުރަން ހަމަޖެހިފައިވާއިރު ކުއްލިއަކަށް މި ފެނުނީ ސައޫދީ އާއި އީރާނުގެ ދިފާއީ މަޝްވަރާތަކަކަށް ސައޫދީ އެރޭބިޔާގެ ޗީފް އޮފް ސްޓާފް ފައްޔާދް އަލް ރުވައިލީ އީރާނަށް ވަޑައިގެން އެގައުމުގެ ސިފައިންގެ ވެރިޔާ މޭޖަރ ޖެނެރަލް މުހަންމަދު ބާޣެރީ އާއި އިއްޔެ ބައްދަލު ކުރެއްވި ޚަބަރެވެ.
މި ބައްދަލުކުރެއްވުން އިންތިޒާމް ކުރެވިފައިވަނީ އިސްރާއީލުން ގައްޒާއަށާއި ލެބަނަންއަށް ދެމުންގެންދާ ހަމަލާތަކާބެހޭގޮތުން މިއަދު މުސްލިމް ގައުމުތަކުގެ ވެރިން މަޝްވަރާ ކުރަންފެށުމުގެ ކުރިން ސައޫދީ ވަލީ އަޙްދު މުހަންމަދު ބިން ސަލްމާނާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ފޯނުކުރައްވައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ.
އީރާނުގެ ރަސްމީ މީޑިއާއިން ބުނެފައިވަނީ އެ ދެބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ ދެ ގައުމުގެ ދިފާއީ ޑިޕްލޯމެސީއާއި އަދި ދެ ގައުމުގެ ގުޅުން ރަނގަޅުކޮށް އެކުވެރި ކަމާއި އެއްބާރުލުން ދިނުމުގެމައްޗަށެވެ.
ބައެއް މީޑިއާތަކުން ދެކޭގޮތުގައި އެ ދެބޭފުޅުންގެ ބައްދަލު ކުރެއްވުމުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވިސްނުމުގައި އިސްރާއީލުން ހަމާސްއާއި ދެކޮޅަށް ހިންގަމުން ގެންދާ ހަނގުރާމަ ހުއްޓުވަން ރާވާފައިވާގޮތަށް ނޭދެވޭ އަސަރު ތަކެއް ކުރުން ގާތެވެ.
ނޮވެމްބަރ 11 ވަނަ ދުވަހު ބޭއްވުމަށް ވަރަށް ކުރިއްސުރެން ސައޫދީ އިސްނެގުމުގެ މަތިން ތާވަލުކުރެވިފައިވާ މި ބައްދަލު ކުރެއްވުމަކީ އަރަބްލީގުގެ މެމްބަރުންނާއި އަދި އޯއައިސީގެ މެމްބަރުން ހިމެނޭ ގޮތުގައި ފަލަސްތީނުގެ ސަރަހައްދުތަކުގައްޔާއި ލެބަނަންގައި އިސްރާއީލުން ހިންގަމުން ގެންދާ އުދުވާނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ބައްދަލުކުރެއް ވުމެކެވެ.
57 މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް އާއި 22 މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ އަރަބް ލީގުގައި އިސްރާއީލާއެކު ސިޔާސީ ގުޅުން އުފައްދާފައިވާ ގައުމުތައްވެސް ހިމެނެއެވެ.
މިދިޔަ އަހަރުގައިވެސް ރިޔާޒުގައި ބޭއްވުނު މި ޖަމާއަތްތަކުގެ ބައްދަލު ކުރެއްވުމުގައި އިސްރާއީލާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލުމަށާއި އަރަބި ގައުމުތަކުގެ ތެޔޮ އިސްރާއީލަށް ފޯރުކޮށް ނުދިނުމަށް ދެއްކި ވާހަކަތައް ނިމިގެންދިޔައީ ކޮޅެއްގައި ނުޖެހި ދެބަސްވުމެއްގެ ތެރެއަށެވެ.
ޑޮނާލްޑް ޓްރަމްޕުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި މެދުއިރުމަތީގައި ދާއިމީ ސުލްހައެއް ކަށަވަރުކޮށްދިނުން ހިމެނެއެވެ. މީގެ ކުރިން އެ މަނިކުފާނުގެ ރިޔާސީ ދައުރުގައި އަބްރަހަމް އެކޯރޑްގެ ދަށުން ސައޫދީ އެރޭބިއާ އާއި އިސްރާއީލުން ސިޔާސީ ގުޅުން ގާއިމް ކުރުވަން ވަރަށް މަސައްކަތް ކުރެއްވިއެވެ.
ސައޫދީ އެރޭބިއާއަކީ އެމެރިކާގެ ޒަމާންވީ އެކުވެރިއެއް ކަމުގައި ވެފައިވާއިރު އީރާނާއި އީރާނުގެ މަދަދު ލިބޭ މުޖާހިދުން ގެންދަނީ މެދުކެނޑުމެއްނެތި އިސްރާއީލަށާއި މެދު އިރުމަތީގައި ހުރި އެމެރިކާގެ ވަސީލަތްތަކަށް ހަމަލާ ދެމުންނެވެ. މާޒީވެ ދިޔަ ތަނުގައި ސައޫދީ އެރޭބިއާއިންވެސް ގެންދިޔައީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވައި ދިނުން އެދި އެމެރިކާއަށް އާދޭސްކުރަމުންނެވެ.
2023 ވަނަ އަހަރު އީރާނާއި ސައޫދީ އަލުން ސިޔާސީ ގުޅުން އުފައްދައި 2 ގައުމުގެ ސަފީރުންވެސް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ކުރިއްސުރެން ސައޫދީން ތަކްރާރު ކުރަމުން އަންނަ “ ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރެވުމާ ހަމަޔަށް ސައޫދީ އެރޭބިޔާއިން އިސްރާއީލު ގަބޫލު ނުކުރާނެކަން “ ގެންދަނީ އިއުލާން ކުރަމުންނެވެ.