ފަރަންސޭސިވިލާތުގެ ރައީސް ވަރަށް ކުރިއްސުރެން ވިދާޅުވަމުން އަންނަ ވާހަކައެއް ބައިނަލްއަގްވާމީ މީޑިއާއިން ވަނީ ފާހަގަކުރެވިފައެވެ. އެއީ ޔޫރަޕްގެ އަމިއްލަ ދިފާއީ ބާރެއް އޮތުމަށާއި ޔޫރަޕް އެމެރިކާގެ ފައިބުޑަށް ވެއްޓިފައި އޮންނަން ނުޖެހޭ ވާހަކައެވެ.
އިއްޔެ ހަވީރު ލަގްޒަމްބާރގްގެ ބޮޑުވަޒީރު ހަމައެމޭރުމުން ޚިޔާލުފާޅުކުރައްވައިފިކަމަށް ދަ ޓެލިގްރާފުން ޚަބަރު ދީފައިވެއެވެ. ލަގްޒަމްބާރގް ގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ އެމެރިކާގެ ރިޔާސަތަށް މިފަހަރު ޑޮނާލްޑް ޓްރަމްޕް އިންތިޚާބުވުކަމީ ޔޫރަޕަށް ނުރައްކާތެރިކަމަކަށް ވެދާނެ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެމެރިކާގެ ރިޔާސަތަށް ޓްރަމްޕް އިންތިޚާބު ވެއްޖެނަމަ ޔޫރަޕަށް ފޯރުކޮށްދެމުން ގެންދާ ސެކިއުރިޓީ އުވާލާނެކަމަށާއި އަދި ނޭޓޯ އިން އެމެރިކާ ވަކިވާންވެސް ޖެހިދާނެކަމަށް އެކިއެކި ފޯރަމްގައި ޓްރަމްޕް ދައްކަވާފައިވާ ވާހަކަތައް ޔޫރަޕްގެ ލީޑަރުންނަށް ހަނދާންކޮށް ދެއްވިއެވެ.
ޔޫރަޕުގެ ކޮމަން މިލިޓްރީއެއް އުފެއްދުމަކީ ކުއްލިއަކަށް ނުކުރެވޭނެ ކަމެއް ކަމަށާއި އެކަން ކުރެވޭނީ ލަސްލަހުންކަމަށް އެމަނިކުފާނުގެސް ގަބޫލު ކުރައްވައެވެ. އަދި އެންމެ ފުރަތަމަ އެކަމަށް އެއްބަސް ވެވޭގައުމުތަކާއެކު ފަށައިގަތުމަށްވެސް އެމަނިކުފާނު މަޝްވަރާ ދެއްވިއެވެ.
ޔޫރަޕްގެ ކޮމަން މިލިޓްރީއެއް އުފެއްދުމަކީ ވަރަށް އުދަނގޫ ކަމަކަށްވެސް ވާނެއެވެ. ސަބަބަކީ ބޯލްޓިކް ސަރަހައްދުގެ ގައުމުތަކުން އެކަމަށް ރުހުން ނުލިބޭނެތީއެވެ. އަދި މިހާތަނަށް އެ މައުޟޫއުގައި ކުރެވުނު ޖަލްސާތަކުގައި އިނގިރޭސި ވިލާތުންވެސް ވަނީ އެއްބަސް ނުވެފައެވެ.
ކުރީގެ ރައީސް ޓްރަމްޕުގެ ޒުވާބަކީ ނޭޓޯއަށް ޔޫރަޕްގެ ގައުމުތަކުން ހޭދަނުކުރާއިރު ހުރިހާ ޚަރަދެއް އެމެރިކާގެ ބޮލަށް ކަނޑާލުން އެމަނިކުފާނުގެ ރިޔާސަތެއްގައި ދެން ގަބޫލު ނުކުރައްވާނެ ކަމަށާއި އެމެރިކާއިން ޔޫކްރެއިނަށް ދެމުންގެންދާ މިލިޓްރީ އަދި މާލީ އެހީތައް ނުދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ރިޔާސަތުގެ ސިޔާސަތަކަށްވާނީ ރަޝިޔާއިން ބޭނުންވާގޮތަކަށް ޔޫކްރެއިންގެ ބައެއް ސަރަހައްދުތައް ރަޝިޔާއަށް ދޫކޮށްލުމާއެކު އެއަށްފަހު ނޭޓޯގެ މެމްބަރުކަން ޔޫކްރެއިނަށް ދިނުމެވެ. މިއީ ޔޫރަޕްގެ ލީޑަރުންނާއި އަދި ރައީސް ޒެލެންސްކީވެސް ރުހިވަޑައިގަންނަވާނެ ނިންމުމަކަށް ނުވާނެއެވެ. އެކަމަކު އެމެރިކާގެ އެހީއާ ނުލައި ޔޫކްރެއިނުން ރަޝިޔާއާއި ދެކޮޅަށް ހަނގުރާމައެއް ކުރުމަކީވެސް ނުކުރެވޭނެ ކަމެކެވެ. ޔޫރަޕްގެ ގިނަ ގައުމުތަކަކީ މިލިޓްރީގޮތުން އެމެރިކާއާއި ވަކިން މާބޮޑު ބާރެއް ކަމަކަށް ވެސް ނުބެލެވެއެވެ.
ހަގީގަތަށް ބުރަވެ ތިބެ ވާހަކަ ދައްކާނަމަ ޔޫރަޕްގެ ހާލަތުގެ މައްޗަށް ރިޢާޔަތް ކުރާއިރު ޔޫރަޕުގެ ގުޅިފައިވާ ލަޝްކަރެއް އެމެރިކާއާއި ވަކިން ހަނގުރާމައިގެ މައިދާނަކަށް ފޮނުވުމަކީ ޔޫރަޕްގެ ލީޑަރުން ނިންމަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެމެރިކާއާއި އެކުގައިވެސް އިނގިރޭސި ކަނޑު ސިފައިންގެ ލަޝްކަރު އެތިބެނީ ކުޑަކުޑަ ހޫތީން މުޖާހިދުންނާ ދެކޮޅަށްވެސް ވެލިކާން ޖެހޭ ފެންވަރެއްގައޭ ބުނެވިދާނެއެވެ.
ޕޮލެންޑުގައި ހުންނަވާފައި ލަގްޒަމްބާރގްގެ ބޮޑުވަޒީރު ލޫކް ފްރީޑަން މިއަދު ވިދާޅުވީ ޔޫރަޕްގެ ކޮމަން މިލިޓްރީ ބާރެއް އުފައްދަން މެމްބަރު ގައުމުތަކުން ތައްޔާރުވާންވީ ވަގުތު އަތުވެއްޖެކަމަށެވެ. ޔޫރަޕްގެ މިލިޓްރީއަކީ ނޭޓޯއާއި އެއްބައިވަންތަ މިލިޓްރީއަކަށް ވެވިދާނެއެވެ. އެކަމަކު އެއީ ނޭޓޯއާއި ވަކި މިލިޓްރީއެކެވެ. މެމްބަރު ގައުމުތަކުން މިވާހަކަ ދައްކަން ފަށަންވެއްޖެއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުން ގަބޫލެއް ނުކުރެވޭނެއެވެ. އެކަމަކު ސުލްހަވެރި ކަމާއެކު މައްސަލަތައް ހައްލުކުރެވޭނެ މަގެއް ހޯދަން ޖެހޭނެއެވެ. ޔޫރަޕްގެ ސިޔާސަތަކަށް ވާން ޖެހޭނީ ޑިމޮކްރެސީގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތުމެވެ. ޔޫކްރެއިން އަދި އެހެން ގައުމެއް ވިޔަސް މި ސިޔާސަތު ދަމަހައްޓަން ޖެހޭނެއެވެ.