މިދިޔަ ހަފުތާގައި އިސްރާއީލުން އީރާނަށް ދިން މިސައިލް ހަމަލާތަކުގައި އީރާނަށް ކިހާބޮޑު ގެއްލުމެއް ލިބިފައިވާކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. ހުޅަނގަށް ލެނބިފައިވާ މީޑިއާތަކުން ތަފާތު ފޮޓޯތަކާއި އަދި އިސްރާއީލުގެ ދިފާއީ ވަޒީރަށް ހަވާލާ ދީ ގިނަ ރިޕޯރޓްތަކެއް ހާމަކޮށްފައިވާއިރު އީރާނުން މިހާތަނަށް ބުނެފައިވަނީ އިސްރާއީލުގެ ހަމަލާގައި ގެއްލުންތަކެއް ލިބިފައވާ ކަމަށާއި ހަތަރު ވަރަކަށް ސިފައިން ޝަހީދު ވެފައިވާ ކަމަށެވެ.
ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުން ބުނެފައިވަނީ އީރާނަށް ލިބުނު ގެއްލުން ފޮރުވަން އުޅެނީ ކަމަށެވެ. ހަމައެއާއެކު ބައެއް މީޑިއާތަކުން އެދުވަހުގެ ހަމަލާގައި ރޯވެފައިވާ ތަންތަން ކަމަށްބުނެ ދައްކާފައިވަނީ 2021 ވަނަ އަހަރު އީރާނުގެއޮއިލް ފީލްޑެއްގައި ރޯވި އަލިފާންގަނޑުކަންވެސް އެސޯޝިއޭޓެޑް ޕްރެސްފަދަ މީޑިއާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. މިއީވެސް ހަނގުރާމައިގެ ޕްރޮޕަގެންޑާގެ ތެރޭގައި ހިމެނޭ އުކުޅުތައް ކަމުގައި ބުނެވެއެވެ.
އިސްރާއީލުގެ ހަމަލާއިން އީރާނަށް ލިބުނު ގެއްލުން ދިރާސާ ކުރަމުންގެންދާ ތަޖްރިބާކާރުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުން އިސްރާއީލުގެ ހަމލާގައި އީރާނުން މިސައިލް އުފައްދާ ބައެއް ތަންތަނަށް ވަނީ ގެއްލުން ލިބިފައެވެ. އެކަމަކު އެއީ ފޫ ނުބެއްދޭވަރުގެ ބޮޑެތި ގެއްލުމެއް ނޫނެވެ.
ޕްލެނެޓް ލެބް ( ޕީ ބީ ސީ ) އިން ބިޒްނަސް އިންސައިޑަރަށް ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު އީރާނުގެ ޕާރޗިންއާއި ޚޯޖިރު މިލިޓްރީ ބޭސް އަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ދައްކައެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ޠޯވް ގަލަންޓް މީޑިއާތަކަށް ބުނެފައިވަނީ އެ ހަމަލާގައި އީރާނުގެ މިލިޓްރީގެ 2 ފައި ބިންދާލާފައިވާނެ ކަމަށެވެ.
އިސްރާއީލުގެ ހަމަލާއަށް ހަފުތާއެއް ހަމަނުވަނީސް ކުއްލިއަކަށް ފެނިގެން މިދިޔައީ ބިންދާލާފައި ވާނެ ކަމަށް ބުނި 2 ފައި މައްޗަށް ކޮޅަށްތެދުވެ ރަނގަޅަށް ހިންދެމި ލުމަށްފަހު ފައްތާހް-1 މަރުކާގެ ހައިޕަރސޯނިކް މިސައިލެއް އީރާނުން ތަޢާރުފް ކުރި ޚަބަރެވެ. ދެކުނު އެފްރިކާގެ މަޝްހޫރު ނިއުސް މަޖައްލާ “ އާރމީ ރިކޮގްނިޝަން “ ގެ ހޯދުންތަކުން ހާމަވެފައިވާގޮތުގައި ފައްތާހް-1 ހައިޕަރސޯނިކް މިސައިލަކީ އީރާނުން ހަތިޔާރު އުފެއްދުމުގައި ކުރިއަށް އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި އެއީ މެދުއިރުމަތީގެ ދިފާއުގައި އީރާނުން ކުޅެމުންގެންދާ ބާރުގަދަ ރޯލު އިތުރަށް ޔަގީން ކުރެވިގެންދާނެ ހަތިޔާރެކެވެ.
އާރމީ ރިކޮގްނިޝަންއަކީ މިލިޓްރީ އުފެއްދުންތަކާއި އަދި ޑިފެންސް އިންޑަސްޓްރީގެ ޚަބަރާއި މައުލޫމާތު ގެނެސްދޭ މަޖައްލާއެކެވެ. އެ މަޖައްލާއިން އާންމުކޮށް ގެނެސްދޭނީ އެއްގަމު ސިފައިންނާ ގުޅުންހުރި މައުލޫމާތުތަކެވެ.
އީރާނުގެ ފައްތާހް-1 މަރުކާގެ ހައިޕަސޯނިކް މިސައިލް ފާހަގަކުރެވިގެންދަނީ އޭގެ ދުވެއްޔާއި މިސްރާބު ބަދަލުކުރުމުގެ ގާބިލުކަމާއި މިޒަމާނުގެ އެންމެ ރައްކާތެރިކަމަށް ބެލެވޭ އެއަރޑިފެންސްތަކުގެ ލޮލަށް ނާރާއި އޭގެ އަމާޒަށް ވާސިލުވުމަށް ޕްރޮގްރާމް ކުރެވިފައިވާތީއެވެ.
ފައްތާހް-1 މަރުކާގެ ހައިޕަރސޯނިކް މިސައިލުން އުފުލޭ ވޯރހެޑްގެ ބުރަދަން މިހާތަނަށް އީރާނުން ހާމަކޮށްފައެއް ނުވެއެވެ. ނުރަސްމީ ގޮތުން އެނގިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއީ 350 އާއި 450 ކިލޯގަރާމް ކަމަށް އާރމީ ރިކޮގްނިޝަނުން ވަނީ އަންދާޒާކޮށްފައެވެ.