އެމެރިކާގެ އެއަރ ޑިފެންސް މިސައިލް ހުސްވަނީ

Loading

Facebook
Twitter
WhatsApp

ދި އިންޑެޕެންޑެންޓުގެ އިއްޔެ ހަވީރު ޚަބަރުތަކަށް ބަލާއިރު އެންމެ ފާހަގަކުރެވޭ އެއް ޚަބަރަކީ މެދުއިރުމަތީގައި ހިންގަމުންދާ ދެކޮޅުވެރިކަމުގައި އިސްރާއީލު ސަލާމަތްކުރަން ހޭދަކޮށްކޮށް އެމެރިކާގެ އެއަރ ޑިފެންސް މިސައިލް ހުސްވަމުންދާކަމަށް ބުނެފައިވާ ޚަބަރެވެ.

ފާއިތުވެގެން މިދާ އަހަރު ދުވަހުގެ ތެރޭގައި ހަމައެކަނި ގައްޒާއިން ދެމުން ގެންދާ ހަމަލާތަކުން އިސްރާއީލު ސަލާމަތް ކުރުމަށްޓަކައިވެސް ސަތޭކައަށްވުރެން ގިނަ އެއަރ ޑިފެންސް މިސައިލް  އެމެރިކާއިން ވަނީ ބޭނުން ކޮށްފައިކަމަށް ވޯލްސްޓްރީޓް ޖާރނަލްގެ އެންމެ ފަހުގެ ރިޕޯރޓުގައި ހާމަކޮށްފައި ވެއެވެ. އެ ރިޕޯރޓްގައި ބުނެފައިވާގޮތުން މައިގަނޑު ގޮތެއްގައި އެމެރިކާގެ މިސައިލްތައް ބޭނުންކޮށްފައިވަނީ އީރާނުގެ މަދަދު ލިބެމުންދާ ހޫތީ މުޖާހިދުންގެ ހަމަލާތަކުން އިސްރާއީލު ސަލާމަތްކޮށް ދިފާއުކުރުމަށެވެ. 

ތަޖްރިބާކާރުން ބުނެފައިވަނީ މެދުއިރުމަތީގެ ނުރައްކާތެރި ހާލަތާއި އަދި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން އެމެރިކާގައި މިސައިލް މަދުވަމުން ދިއުމުން ވަރަށްބޮޑު ނުކުޅެދުންތެރިކަމެއް އެމެރިކާއިން ކުރިމަތިލާން ޖެހިދާނެއެވެ. 

ސްޓިމްސަން ސެންޓަރުގެ ކޮންވެންޝަނަލް ޑިފެންސް ޕްރޮގްރާމުގެ ފަރާތުން ވާހަކަ ދައްކަމުން އެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ އިލްޔާސް ޔޫސުފް ވޯލްސްޓްރީޓް ޖާރނަލްއަށް ކިޔާދީފައިވާ ގޮތުގައި ޔޫރަޕާއި މެދުއިރުމައްޗަށް ޚާސްކޮށްގެން މާ ބޮޑު ދިފާއީ އިންޑަސްޓްރިއަލް ބޭސްތަކެއް އެމެރިކާއިން ގާއިމް ކޮށްފައި ނުވެއެވެ. އަދި މެދުއިރުމަތީގެ ދެކޮޅުވެރިކަމާއި ޔޫކްރެއިން ހަނގުރާމައަކީ އެމެރިކާގެ ދިފާއީ ނިޒާމުގެ ތެރޭގައި ހިމަނާފައިވާ ކަމެއްވެސް ނޫނެވެ. އެމެރިކާއިން ބޮޑަށް ބަލާފައިވަނީ އެމެރިކާގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމުގެ މައްޗަށެވެ. 

ވޯލްސްޓްރީޓް ޖާނަލުން ކުރި ސުވާލަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާގައި ހުރި މިސައިލްގެ އަދަދު ހާމަކުރެވެން ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލާއި މެދުއިރުމަތީގައި ތިބި އެމެރިކާގެ ލަޝްކަރުތަކުގެ ސަލާމަތަށްޓަކައި އެމެރިކާގެ މިސައިލްގެ އަދަދު އިތުރުކޮށް ފާއިތުވެގެން މިދާ އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ތައްޔާރީ ހާލަތުވެސް އިތުރު އުސްމިންތަކަކަށް ގެނެވިފައިވާނެކަމަށް ޕެންޓަގަންގެ ތަރުޖަމާނު ސަބްރީނާ ސިންގ ވޯލްސްޓްރީޓް ޖާރނަލް ވަނީ އޮޅުން ފިލުވާދީފައެވެ. އަދި ކުރީ ޒަމާނުގެ މިސައިލް އުފެއްދުމުގެ ބަދަލުގައި ދެން އެމެރިކާއިން މިސައިލް ތަރައްގީ ކުރާނީ އެންމެފަހުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެންކަމަށް ވެސް  ޕެންޓަގަންގެ ބައެއް އޮފިޝަލުން ވަނީ ވޯލްސޓްރީޓް ޖާރނަލްއަށް ކިޔާދީ ފައެވެ. 

ހަމަ މިދާނޑިވަޅުގައި އެމެރިކާއިން ގެންދަނީ ޔުނައިޓެޑް ނޭޝަންސްގެ އިދާރާތައް މެދުވެރިކޮށް ގައްޒާއަށް އިންސާނީ އެއްވެސް އެހީއެއް އެތެރެ ނުކުރެވޭނެ ކަމަށް އިސްރާއީލުން ނިންމާފައިވާ ނިންމުން ބަދަލުކުރަން އެދި އިސްރާއީލަށް އާދޭސް ކުރަމުންނެވެ. އިސްރާއީލުގެ ނިންމުން އިނގިރޭސި ވިލާތާއި ސްޕޭނާއި އަޔަރލޭންޑައި އަދި ސްލޮވީނިޔާއިންވަނީ ކުށްވެރިކޮށްފައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް