އިސްރާއީލުން އީރާނަށް ދޭނެކަމަށް އިޝްތިހާރު ކުރަމުންދިޔަ ވަރުގަދަ ހަމަލާދީ ނިންމާލައިފި

Loading

Facebook
Twitter
WhatsApp

އިސްރާއީލުން އީރާނަށް ދޭނެކަމަށް އިޝްތިހާރު ކުރަމުންދިޔަ ވަރުގަދަ ހަމަލާދީ ނިންމާލައިފިއެވެ.

އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާގުޅިގެން ހޮނިހިރު ދުވަހުގެ ފަތިހުންފެށިގެން އީރާނުގެ ވައިގެ ބަނދަރުތަކުން ކުރާ ދަތުރުތައް ވަގުތީގޮތުން ވަނީ ހުއްޓާލައިފައެވެ. އީރާނުގެ ރަސްމީ އިދާރާއިން އެކަން ހާމަކޮށްފައި ނެތް ނަމަވެސް ޕައިލެޓުންނަށް ފޮނުވާފައިވާ ކުއްލި އިރުޝާދު އެސޯސިއޭޓެޑް ޕްރެސް އަށްވެސް ވަނީ ފެނިފައެވެ. އަދި ފްލައިޓް ޓްރެކް ޑޭޓާ ތަކަށް ބަލާއިރު އެއާރޕޯރޓްގެ ޖައްވު ވެސް އޮތީ ވަރަށް ހުސްކޮށްކަން އެސޯޝިއޭޓެޑް ޕްރެސްއަށްވެސް ވަނީ އެނގިފައެވެ. 

އިސްރާއީލުގެ މިލިޓްރީންބުނެފައި ވަނީ އެގައުމުން ދިން ހަމަލާތަށް އޭގެ އަމާޒުތަކަށް ބަރާބަރަށް ވާސިލުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ތަފްސީލެއް ހާމަ ނުކުރެއެވެ. އިސްރާއީލުގެ ހަމަލާތަކުގެ ކުރިން ރެކޯރޑްކޮށްފައިވާ ވީޑިއޯ އެއްގައި ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އެހެން ގައުމަކުން ހަމަލާދީފިނަމަ ރައްދުގައި ހަމަލާދިނުމުގެ ހައްގު ލިބިފައިވާ ފަދައިން އިސްރާއީލަށްވެސް އެ ހައްގު ލިބެން ޖެހޭނެ ކަމަށް އެ ގައުމުގެ މިލިޓްރީ ތަރުޖަމާނު ރެއަރ އެޑްމިރަލް ޑެނިއަލް ހަގާރީ ބުނެފައި ވެއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ރޭ ގޮވުންތަކެއްގެ އަޑު އިވުނު ކަމަށާއި އޭގެތެރެއިން ބައެއް ގޮވުންތަކަކީ އީރާނުގެ އެއާރ ޑިފެންސްއިން އިސްރާއީލުގެ ބައެއް ހަމަލާތައް ނައްތާލުމުން ގޮވި ގޮވުންތަކެއް ކަމަށް އީރާނުގެ ރަސްމީ މީޑިއާއިން ބުނެފައި ވެއެވެ. އެސޯޝިއޭޓެޑް ޕްރެސްއަށް ވާހަކަދެއްކި ބައެއް އާންމު ރައްޔިތުންވެސް ވަނަވަރު ސިއްރުކުރުން ޝަރުތުކޮށް ބުނެފައި ވަނީ ހައެއްކަ އަށެއްކަ ގޮވުން އަޑު އިވުނު ކަމަށެވެ. 

އިސްރާއީލުގެ ހަމަލާގެ ޚަބަރުތަކާއި ގުޅިގެން ބައެއް ބައިނަލް އަގްވާމީ ފްލައިޓްތައް އީރާނުގެ ހުޅަނގު ސަރަހައްދުތަކަށް މިސްރާބު ބަދަލުކުރަމުން ގެންދާ ޚަބަރު ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް އީރާނުން ހާމައެއް ނުކުރެއެވެ. އަދި އިސްރާއީލުގެ ހަމަލާގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރު ނުކުރާކަން ހާމަކުރުމުގެ ގޮތުން މާރކެޓްތަކުގައި ޓްރަކްތަކަށް ތަރުކާރީއާއި މޭވާ ބަރު ކުރަމުން ގެންދިޔަ މަންޒަރު އީރާނުގެ ޓީވީ ޗެނަލްތަކުން ދައްކަމުން ގެންދިޔައެވެ. 

އިސްރާއީލުން އީރާނަށް ދިން ހަމަލާގެ ޚަބަރުތަކާއެކުއެކީގައި ސީރިޔާގެ ރަސްމީ ނިއުސް އޭޖެންސީ ސަނާއިން ދީފައިވާ ޚަބަރުތަކުގައި އިސްރާއީލުން ހިފާފައިވާ ސީރިޔާގެ ގޯލާންގެ އުސްބިންތަކުންނާއި ލެބަނަންގެ ސަރަހައްދުތަކުން ސީރިޔާގެ މިލިޓްރީ އަމާޒުތަކަށް ވަރަށްގިނަ މިސައިލް ހަމަލާތަކެއް ދީފައިވާކަން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އެ ހަމަލާތަކުގައި ލިބުނު ގެއްލުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލުން އީރާނަށް ހަމަލާދީފައިމިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މެދުއިރުމައްޗަށް ކުރެއްވި ދަތުރު ނިންމާލުމުގައިވެސް އީރާނުގެ ނިއުކްލިއަރ ހަކަތައިގެ އެއްވެސް ހިސާބަކަށް ހަމަލާ ނުދިނުމަށް އިސްރާއީލަށް އިންޒާރު ދިނުމަށްފަހު އެނބުރި އެމެރިކާއަށް ވަޑައިގެންނެވި ތަނާއެވެ. 

އިސްރާއީލުގެ ހަމަލާތަކާއި ގުޅިގެން ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ސީން ސަވެޓް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ “ އީރާނުގެ ނިއުކްލިއަރ ހަކަތައާއި ބެހޭ އެއްވެސް ސަރަހައްދަކަށް ހަމަލާ ނުދިނުމަށާއި ހަމައެކަނި މިލިޓްރީ ތަންތަނަށް ހަމަލާދޭން އަންގާފައިވާނެ ކަމަށެވެ. އަދި އިސްރާއީލުގެ ހަމަލާތަކާބެހޭ އިތުރު ތަފްސީލު ބޭނުންވާނަމަ އިސްރާއީލަށް ގުޅުމަށްވެސް ސީން ސަވެޓް ބުނެފައިވެއެވެ. އޭނާގެ ވާހަކައިގާ އިތުރަށް ބުނެފައިވަނީ މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިގެން ދިއުމަކީ އެމެރިކާއިން އެދޭކަމެއް ނޫންކަމަށާއި އެމެރިކާއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ޑިޕްލޯމެޓިކް ފަލްސަފާގެ ދަށުން ސުލްހަވެރިކަމާއެކު ދެބަސްވުންތައް ހައްލުކުރޭވެ މަގުތައް ހޯދުމަށެވެ. އަދި މިހާ ހިސާބުން އީރާނަށް ދޭން އިސްރާއީލުން ގަސްދުކުރި ރައްދު ހަމަލާދީ ނިމުނީކަން އެމެރިކާއަށް އަންގާފައިވާ ކަމަށެވެ.

އިސްރާއީލުން ރޭ އީރާނަށް ހަމަލާ ދިނުމުގެ ކުރިން އިސްރާއީލުގެ ދިފާއީ ވަޒީރު އެ ގައުމުގެ މިލިޓްރީންނާ ބައްދަލުކޮށް ދެއްކިވާހަކަތައްވެސް އެނގުމަކީ ސަންދާނުގެ ކިއުންތެރިންގެ މައުލޫމާތު އިތުރަށް މުއްސަނދިވެގެންދާނެ ކަމެކެވެ. އަދި ރޭގެ ހަމަލާގެ ނަތީޖާ އަޅާ ކިޔާލުމަށްވެސް ބޭނުން ކުރެވިދާނެ މިންގަނޑެއް ކަމުގައި ވެދާނެއެވެ. އިސްރާއީލުގެ ވައިގެ ސިފައިންނާ މުޚާތަބުކޮށް ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބުނިކަމަށްވެއެވެ. “ ކަލޭމެން އީރާނަށް ހަމަލާ ދީފައި އެނބުރި އައުމުން އިސްރާއީލުގެ މިލިޓްރީގެ އާރާއި ބާރުފެނި މުޅި ދުނިޔެ ސިހިގެންދާނެއެވެ. އަދި އެއީ އިސްރާއީލުގެ ދުޝްމިނުންގެ ފައިތައް ބިރުން ތުރުތުރު އަޅާވަރުގެ ހަމަލާއަކަށް ވެގެންދާނެއެވެ. ހަޒެރެމް އެއަރބޭސް ގައި އިސްރާއީލުގެ އެއާރފޯސް އަށް މުޚާތަބުކޮށް ދިފާއީ ވަޒީރު އަދިވެސް ބުނެފައި ވެއެވެ. ކަލޭމެން މިހާރު ތައްޔާރުވަމުން ތިޔަ ގެންދާ ހަމަލާއަކީ ކަލޭމެންގެ އާރާއި ބާރު އީރާނަށާއި އަދި މުޅިދުނިޔެއަށް ހާމަވެގެންދާނެ ހަމަލާއަކެވެ. އަހަރެމެންގެ ދުޝްމިނުންނަށް ބިރުގަންނާނެ ފުރުސަތުވެސް ލިބުމުގެ ކުރިން ހަމަލާގެ ނަތީޖާއަށް ކުރިމަތިލާން އޮންނާނީ ޖެހިފައެވެ. އަދި އެއީ މުސްތަގްބަލްގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އަކަށް ނިކުންނަށް ބޭނުންވާ ކޮންމެ ގައުމަކަށްވެސް ލިބިގެންދާނެ ބިރުވެރި ފިލާވަޅެކެވެ. ”

 ހަގީގަތުގައި އޭނާ ބުނެފައި އެވަނީ މިޒަމާނުގައި އައުޓްލޯ އޭ މިކިޔާ ކުދިކުދި  ގޭންގުތަކުންވެސް މީހުން ބިރުގެންނެވުމުގެ މަގްސަދުގައި ބޭނުންކުރާ ބަހުރުވާ އެކެވެ. 

އިންސާނުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކޮންމެ ޒަމާނެއްގައިވެސް ބާރުގަދަކަމަށް ވަކާލާތު ކުރާމީހުންނާއި ގައުމުތަކުން ނެތް ބާރު އިޝްތިހާރުކޮށް ހަދަމުން ގެންދެއެވެ. ޗަންގީޒު ޚާނާއި އިނގިރޭސީން ބޭނުންކުރި އުކުޅުތަކުގައިވެސް ތަފާތު ހުއްޓެވެ. ޗަންގީޒު ޚާނަކީ އިލްމުދެކެ ބިރުގަންނަ މީހަކަށްވީތީ ބަޣުދާދުގެ ލައިބްރަރީ ތަކުގައިހުރި ފޮތްތައް ފުރާތުކޯރަށް އަޅާލީ އެވެ. އިނގިރޭސީންނަކީ އިލްމަށް ލޯބި ކުރި ބަޔަކަށްވީތީ އަރަބި ގައުމުތައް އިސްތިއުމާރުކޮށްގެން ތިބި އިރު އަތުޖެހުނުފޮތެއް ގެންގޮސް އިނގިރޭސި ވިލާތުގެ ލައިބްރާރީތައް ފުރާލީއެވެ. ފަހުން އެއީ އެމީހުންގެ އިލްމުވެރިންގެ ލިއުންތައް ކަމުގައި ހަދައި އިސްތިއުމާރީ ގައުމުތަކުގެ މަދްރަސާ ތަކުގައި ކިޔަވާ ދިނުމަށްޓަކައި އެ ފޮތްތައް ތައާރުފް ކުރަމުން ގެންދިޔައީއެވެ. އަޅުގަނޑުމެން މިތާނގައި އިލްމުގެ ވާސްތާ މި ފާހަގަކޮށްލީ އިލްމަކީ އިންސާނާ ކުޅެދޭ މީހަކަށް ވުމާއި ނުކުޅެދޭ މީހަކަށް ވުމުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރާއެއްޗެއް ކަމަށް އިލްމުވެރިން ވިދާޅުވެފައި ވާތީއެވެ

އިސްރާއީލުގެ ދިފާއީ ވަޒީރުގެ ވާހަކަތައް އަޑުއިވުމުން އެއީ ތެދެއްކަމަށް ގަބޫލުކުރާނެބަޔަކު ތިބެދާނެއެވެ. އެހެންނަމަވެސް މިލިޓްރީގޮތުން އެއީ ކިހާ ބުރަދަނެއް ހުރި ބަހެއްކަން ނުވަތަ ނޫންކަން ވަރަށް ގިނަ މިލިޓްރީ ތަޖްރިބާކާރުން ވަނީ ބައިނަލް އަގްވާމީ މީޑިއާގައި އެ ބޭފުޅުންގެ ރައުޔު ހާމަކޮށްފައެވެ. ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ އެމެރިކާއާއި ނުލައި ހަމާސް ފަދަ ކުޑަކުޑަ ޖަމާއަތަކާ ދެކޮޅަށްވެސް އިސްރާއީލަށް ކާމިޔާބު ހަނގުރާމައެއް ނުކުރެވޭނެ ކަމަށެވެ. އެހެން ބައެއް ތަޖްރިބާކާރުންގެ ނަޒަރުގައި އެމެރިކާއިން އިސްރާއީލަށް ދީފައިވާ މޮޅު އަޔަންޑޯމަކީ ފަންފުރާޅެއްކަމަށް ވަނީ ސިފަ ކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް