އަލިފާން ބޯޅަ

Loading

Facebook
Twitter
WhatsApp

އެކުވެރިޔާގެ ސައިކަލު ފަހަތުގައި އަހަރެން ދިޔައީ ހަވީރުފިންޏަށް ބުރެއް ޖަހައިލުމަށެވެ. އުސްފަސްގަޑުގައި އިރުކޮޅަކު ތިބުމަށްފަހު އަހަރެމެން މިސްރާބުޖެހީ މާފަންނާވީކޮޅަށެވެ. އޭރު ބަނދަރުމަތީގައި ހުރި ކަދުރުރުއްތަކާއެޅި ނިވައިވަމުން ބޮނދަމުން ކަހަލަ ގޮތަކަށް ބޮޑު އަލިފާން ބޯޅައެއް އުދަރެހުން ތިރިވަމުން ދާތީ ފެނުނެވެ. އަހަރެން މަސައްކަތްކުރީ އާދައިގެމަތިން ފޮޓޯއެއް ނެގުމަށެވެ. އާދަޔާޚިލާފު މަންޒަރުތައް ކެމެރާގެ އެހީގައި ރައްކާކުރުމަކީ އަހަރެންގެ ކަށީގައި ހިފާފައިވާ އާދައަކަށް ވާތީއެވެ. ކުއްލިއަކަށް ހަނދާންވީ އަހަރެންގެ ފޯނުގެ ކެމެރާ ތެޅިފައިވާކަމެވެ.

”ދީބަލަ ތި ފޯނު އަހަރެން ފޮޓޯއެއް ނަގަން.“ އެކުވެރިޔާ ގާތުގައި އަހަރެން ބުނީމެވެ. 

ދުއްވަމުންދިޔައީ މަގުގެ މެދާހިސާބުން ކަމަށްވެފައި އުޅަނދުތަކުގެ އަދަދު ގިނަކަމަށް ވުމާއެކު، މަގުގެ އެއްފަރާތަށް ޖެހިލައި ޖީބުން ފޯނު ނެގުމަށް ތިރީހަކަށް ސިކުންތު ނެގިއެވެ. އަވަސް އަވަހަށް އަހަރެން ފޯނު ނަގައި ސެޓުކޮށްލީމެވެ.

”މިތާކުން ނުނެގޭނެ! އެއޮއް ގޮސް އޮބާލަނީ! ހިނގާ އެކޮޅަށް!“ އަހަރެމެން ދެން މިސްރާބުޖެހީ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާއަށެވެ. އެއީ އަހަރެމެން އާންމުކޮށް އޮއްސޭމުރިނގު ފޮޓޯނަގާ ދިމާއެވެ. ގަވައިދު ތަންދޭ އެންމެ ބާރު އިސްޕީޑުގައި އަހަރެމެން ދުއްވަމުންދިޔައިމެވެ. 

މައި ބަސްޖަގަހައާ އަރައިހަމަވީއިރު އަހަރެންގެ އުންމީދު ފަނޑުވާންފެށިއެވެ. ހިތށްއެރިއެވެ. މިކަން ދެން މި ނުވީއެވެ. ދުއްވަމުންދިޔައިރު ހިތަށް އިތުރު މާޔޫސްކަމެއް ގެނުވަމުންދިޔައީ އުދަރެސްމަތީގައި ފެތުރެމުންދިޔަ ދުންފުސް ކުލައިންނެވެ. އެ ފުސްގަނޑުގެ ތެރެއަށް އަހަރެންގެ އުންމީދުތައް އަރައިގެންގޮސް ގެއްލޭތީ ފެނުނެވެ. އޭރު ދިރާގު އިމާރާތާ އަރައިހަމަވެއްޖެއެވެ. މުޅި އުދަރެހަށް އޭރުވަނީ ފުސްގަނޑު ފެތުރިފައެވެ. ހިނދުކޮޅެއްގެ ކުރިން މުޅި ޖައްވު ހުޅުދާންކޮށްފައި އޮތް އަލިފާން ބޯޅައިގެ ހިލަމެއްވެސް ނެތެވެ. މިއިން އިރަކު ވުޖޫދުގައި އޮތް އެއްޗެއްވެސް ނޫން ކަހަލައެވެ.

ލިބުނު މާޔޫސްކަމާއެކު ގެއާދިމާއަށް މިސްރާބުޖެހީ މަޣުރިބު ނަމާދުވަގުތު ކަމަށްވާތީއެވެ. ގެއަށްދިޔަ މަގުމަތީގައި އަހަރެންގެ ހިތަށް އެތައް ޝުޢޫރުތަކެއް އަރައިފައިބަމުންދިޔައެވެ. އަލިފާން ބޯޅައެއް ފަހައި އަހަރެމެން މި ދުއްވީ ހާދަހާ ބޭކާރު ދުއްވުމެކެވެ. އަހަރެމެން މިހާހިސާބަށް އައުމަށް ހޭދަވާނީ ގިނަވެގެން ފަސްވަރަކަށް މިނެޓެވެ. ހަޔާތުން އެ ގެއްލުނީ ދެން އަނބުރައި އަތުނުވާނެ މިނެޓުތަކެކެވެ. އެ ކުޑަކުޑަ ވަގުތުކޮޅުވެސް އަހަރެމެންނަށް މި ދުއްވައިލެވުނީ ހަގީގަތުގައި ތާކުންތާކުނުޖެހޭ ކަމެއްގައެވެ. އަހަރެމެން ކިތަންމެ ބާރަށް ދުއްވާފައި ދިޔަނަމަވެސް އެއަށް ކަނޑައެޅިފައިވާ އިސްޕީޑުގައި އޭގެ މަންޒިލަށް ބޯޅަ ދަތުރުކުރީއެވެ. ދިރުމެއް ނެތް ބުއްދިއެއް ނެތް އެ މަޚުލޫޤު އޭގެ ވާޖިބު އަދާކޮށްފައި އެ ދިޔައީ ފަޅިސިކުންތެއްވެސް ލަސްކުރުމެއްނެތިއެވެ. ފަސްއެނބުރި ބެލުމެއް އަދި ހުއްޓުމެއްނެތިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް