އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ގެއްލުމެއްދޭން ހިތަށްވެސް ނޭރުވުމަށް ރަޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރގީ ރިބްކޯފް އިސްރާއީލަށް އިންޒާރު ދެއްވައިފިކަމަށް ރަޝިއާގެ ރަސްމީ ނިއުސް އެޖެންސީ ޓާސް އަށް ހަވާލާދީ ރޮއިޓާރސް އިން އިއްޔެ ޚަބަރު ދީފިއެވެ.
ދާދިފަހުން އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާގެ ކުރިންވެސް އެތައް ފަހަރަކު އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާދިނުމުގެ އެދުން އިސްރާއީލުން ވަނީ ހާމަ ކޮށްފައެވެ.
އަހަރެމެންވެސް މި ގެންދަނީ އެކަންކުރަން އިސްރާއީލުން ހުވަފެނުގައިވެސް ހިތަށްވެސް ނާރުވަން އިންޒާރު ދެމުންނެވެ. އަދި އަހަރެމެންގެ އިންޒާރަކީ ހަގީގަތެކެވެ. ރިބްކޯފް ވިދާޅުވެފައި ވެއެވެ.
އިސްރާއީލުން އަހަރެމެންގެ އިންޒާރުތަކަށް ބެލުމެއް ނެތި އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާއެއް ދީފިނަމަ ނިއުކްލިއަރ ރައްކާތެރިކަމާބެހޭގޮތުން ދެން ދައްކަންހުރި ވާހަކަ ހުސްވީ ކަމަށް ބަލަން ޖެހޭނެއެވެ. މޮސްކޯއިން އިސްރާއީލަށް ދިން މި އިންޒާރުގެ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު އިސްރާއީލުން ދީފާނެ ހަމަލާއެއްގެ މައްޗަށް ނޫނަސް މޮސްކޯއިން ވަރަށް ގާތުން އީރާނުގެ ހާލަތު ބަލަމުން ގެންދާކަމަށް ރަޝިޔާގެ ރަސްމީ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.
ޔޫކްރެއިންގެ ހަނގުރާމަ ފެށުމަށްފަހު ރަޝިޔާއާއި އީރާނުގެ ގުޅުން މިހާރުވަނީ ވަރަށް ބޮޑަށް ބަދަހިވެ އަދި އެއްބައިވަންތަކަމުގެ ބޮޑެތި އެއްބަސްވުންތައްވެސް ގާއިމް ކުރެވިފައެވެ.
އީރާނުން މަދަނީ ބޭނުންތަކަށް ހިންގާ ނިއުކްލިއަރ ހަކަތައިގެ ދައްކަން ބޭނުންނުވާފަރާތުގައި ނިއުކްލިއަރ ބޮން އުފެއްދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާކަމަށް އިސްރާއީލުގެ ވާގިވެރި ހުޅަނގުގެ ގައުމުތަކުން ޝައްކުކުރާތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ.
މި ހިނގާ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުއުތުރު އީރާނުގެ ސެމްނަން ޕްރޮވިންސުގެ އަރަދާނަށް 4.6 މެގްނެޓިއުޑްގެ ބިންހެލުމެއް އައި ކަމަށް ޔުނިވަރސިޓީ އޮފް އީރާނުގެ ސިސްމޯގްރާފުން ދެއްކިއެވެ. އަދި އީރާނުގެ ވަރަށް ގިނަ ސަރަހައްދުތަކަށާއި ބިންހެލުން އައި ސަރަހައްދުން 110 މޭލު ދުރުގައި އޮތް ތެހެރާނަށްވެސް ގުޑުން އެރިކަމަށް ވެއެވެ. އަދި ނިއު ދިއްލީއަށާއި ތެލް އަވީވަށްވެސް ގުޑުން އެރިކަމަށް ވެއެވެ. އެހެންނަމަވެސް އީރާނުން އެފަދަ ޓެސްޓެއް ކުރިކަމަށް އެއްބަހެއް ނުވެއެވެ.
ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން އެ ހާދިސާ ސިފަކޮށްފައިވަނީ 10 މޭލު ބިމު އަޑީގައި އީރާނުން ނިއުކްލިއަރ ޓެސްޓެއް ކުރީ ކަމަށެވެ. އީރާނުން އެ ޓެސްޓްކުރުމުގައި 10 މޭލުގެ ފުންމިން އިޚްތިޔާރުކޮށްފައިވަނީ ނިއުކްލިއަރ ރޭޑިއޭޝަންގެ އަސަރު ކުޑަކުރުމުގެ ބޭނުމުގައި ކަމަށްވެސް ބުނެފައި ވެއެވެ.
މިދިޔަ އަންގާރަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ “ އަހަރެމެން އެމެރިކާއިން ދޭ މަޝްވަރާއެއްގެ އަޑު އަހާނަމެވެ. އެކަމަކު ކަންކުރާނެ ގޮތް ނިންމާނީ އަހަރެމެންނެވެ. “ ވޯޝިންގްޓަން ޕޯސްޓުން ބުނެފައިވަނީ އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށާއި އަދި ތެލުގެ ވަސީލަތްތަކަށް އިސްރާއީލުން ހަމަލާ ނުދޭނެކަމަށް ރައީސް ބައިޑްނައަށް ނަތަންޔާހޫ ދަންނަވާފައިވާ ކަމަށެވެ.
ތާރީޚީ އިލްމުވެރިން ވިދާޅުވެފައިވަނީ ދުނިޔޭގެ ތާރީޚް އެނގެންފެށި ހިސާބުން އެކިއެކި ބާރުގަދަ ހަޟާރަތްތަކުން އެތައްފަހަރަކު އީރާނު ފަތަހަކުރަން ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މިއަދާ ހަމަޔަށް އެއްވެސް ބަޔަކަށް އެކަން އޮތީ ކާމިޔާބު ނުވެފައެވެ.