ސުރުޚީއަކީ ފަރަންސޭސި ރައީސް މެކްރޯން ފަރަންސޭސި ރިޔާސީ ގަނޑުވަރުގައި ބޭއްވި ފަރަންސޭސި ވަޒީރުންގެ މަޖިލީހުގެ މިދިޔަ ހަފުތާގެ ސިއްރު ބައްދަލުކުރެއްވުމުގައި ވިދާޅުވެފައިވާ ބަސްފުޅެއްކަން ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް އެ މައުލޫމާތު އެނގޭ 2 އޮފިޝަލަކު އެސޯޝިއޭޓެޑް ޕްރެސްއަށް ވަނީ ކިޔާދީފައެވެ.
އެ ބައްދަލު ކުރެއްވުމުގައި ދެކެވުނު ވާހަކަތަކަށް ބިނާކޮށް އެސޯޝިއޭޓެޑް ޕްރެސްއަށް އެ 2 އޮފިޝަލުން ކިޔާދީފައިވާ އިތުރު މައުލޫމާތުތަކުގެ ތެރޭގައި އިސްރާއީލު އުފަންކުރެވުނީ 1947 ގައި ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ ގަރާރަކުން ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ދައުލަތަކާއި އަރަބީންގެ ދައުލަތެއް އުފެއްދުމަށް ނިންމުމާ ގުޅިގެންކަން ނަތަންޔާހޫ ހަނދާކުރަން ޖެހޭނެ ކަމަށް މެކްރޯން ވިދާޅުވިއެވެ.
އަދި ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްގެ 1701 ވަނަ ގަރާރުގައި ދެކުނު ލެބަނަންގައި ތިބުން ހުއްދަ ކޮށްފައިވަނީ ހަމައެކަނި ލެބަނަންގެ ސިފައިންނާއި ޔުނިފިލް ( ޔުނައިޓެޑް ނޭޝަންސް އިންޓެރިމް ފޯރސް އިން ލެބަނަން ) ގެ ސިފައިންކަން ވެސް އެނގެން ޖެހޭނެއެވެ. އަދި އިސްރާއީލު ސިފައިން ތިބުން ހުއްދަކޮށްފައެއް ވެސް ނޯންނާނެއެވެ.
މެކްރޯންގެ ފޯން ކޯލްގައި ނަތަންޔާހޫއަށް ވިދާޅުވެފައިވަނީ ޣައްޒާއާއި ލެބަނަންގައި އިސްރާއީލު ސިފައިން ހިންގަމުންގެންދާ އުދުވާނާއި އެއްވެސް ހަމައެއްލަމައެއް ނެތި މީހުންނާއި ކުޑަކުދިން މަރަމުން ގެންދިއުން ފަރަންސޭސި ވިލާތުން ގަބޫލު ނުކުރާނެ ކަމަށެވެ.
ފަރަންސޭސި ރައީސްގެ ކޯލަށްފަހު އެ ދެ ގައުމުގެ މަސްރަހް މިހާރު ވަނީ ދުވަހަކުވެސް ނުވާވަރަށް ގޯސްވެފައިކަމަށް އެސޯޝިއޭޓެޑް ޕްރެސްއިން ބުނެފައިވެއެވެ.
މި ޚަބަރު މީޑިއާއަށް ތިލަވުމާއެކު މެކްރޯނަށް ނަތަންޔާހޫ ރައްދު ދިންކަމަށް ވެއެވެ. އޭނާގެ ރައްދުގައި އިސްރާއީލު އުފެދުނީ 1947 ގައި ޔުނައިޓެޑް ނޭޝަންސް އިން ފާސްކުރި ގަރާރަކުން ނޫން ކަމާއި އެއީ 1948 ވަނަ އަހަރު ހިނގާދިޔަ އަރަބި-އިސްރާއީލުގެ ހަނގުރާމައިގާ އިސްރާއީލު ސިފައިން އެ ބިން އަތުލައިގަތުމުންކަން މެކްރޯން ހަނދާން ނެތުނަސް އަހަރެމެން ހަނދާން ނުނެތޭކަމަށް ބުނެފައިވެއެވެ. އެ ހަނގުރާމައިގާ ބައިވެރިވި ސިފައިންގެ ތެރޭގައި ގިނަ އަދަދަކަށް ހޮލޯކާސްޓުން ސަލާމަތްވި ހިތްވަރުގަދަ ޔަހޫދީން ބައިވެރިވި ކަން ވެސް އަހަރެމެން ހަނދާނެއް ނުނެތެއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި 1948 ވަނައަހަރު ފަރަންސޭސި ވިލާތުގައި އޮތް ނާޒީންނާއި ގުޅުން ބޮޑު ވިޗީ ސަރުކާރުން އެ ގައުމުގައި ދިރިއުޅެމުންގެންދިޔަ ހުރިހާ ޔަހޫދީންނަށް މަރުގެ އަދަބު ދިންކަންވެސް އަހަރެމެން ހަނދާނެއް ނުނެތެއެވެ.
ފަރަންސޭސިވިލާތަކީ ދުނިޔޭގައި އެންމެ ގިނަ ޔަހޫދީން ދިރިއުޅެމުން އަންނަ ގައުމެވެ. އެހެންނަމަވެސް ޣައްޒާއާއި ލެބަނަންގައި އިސްރާއީލުން ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓައި ޔުނައިޓެޑް ނޭޝަންސްގެ ގަރާރުގައިވާ ގޮތުގެ މަތިން 2 ދައުލަތް އުފެއްދުމަށް ފަރަންސޭސި ރައީސް ގޮވާލައްވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެންމެފަހުން އެމަނިކުފާނު ވިދާޅުވެފައިވަނީ އިސްރާއީލަށް ހަތިޔާރު ދިނުން ހުއްޓުވިގެން މެނުވީ އިސްރާއީލުން ހަމަބިމަށް ތިރިކުރުން އުދަނގޫވާނެ ކަމަށެވެ.
ނޭޓޯ އިން ވަކިވެ ޔޫރަޕުގެ މިނިވަން އިއްތިހާދަކަށް ފަރަންސޭސި ވިލާތުން ގޮވާލަމުން ގެންދާތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ. މެކްރޯން ވިދާޅުވަމުން ގެންދަވަނީ ޔޫރަޕަކީ އެމެރިކާއިން އަންގާ ގޮތަކަށް ބޯލަނބަން ތިބި ބައެއް ނޫންކަން އެމެރިކާއަށް ދައްކަން ޖެހޭ ކަމަށެވެ.
ފަރަންސޭސި ރިޔާސީ ގަނޑުވަރުން މިހާރު ނިންމަވާފައިވަނީ މި އަންނަ ނޮވެމްބަރުމަހުގެ ތެރޭގައި ޕެރިސްގެ ރަށްބޭރުގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ ޔޫރޯނޭވަލްގެ ބިޔަ ޑިފެންސް ޝޯގައި އިސްރާއީލުން އެއްވެސް ވަރަކަށް ބައިވެރި ވުމުގެ ފުރުސަތު ނުދެވޭނެކަން ޝޯ އިންތިޒާމްކުރާ ފަރާތުން އިސްރާއީލަށް އެންގުމަށެވެ. އަދި މިހާރު އެކަން ވަނީ އިސްރާއީލަށް އަންގާފައެވެ.
ކޮންމެއަކަސް ފަރަންސޭސި ރިޔާސީ ގަނޑުވަރުގެ ބަޔާނުގައި ނަތަންޔާހޫ ގަސްދުގައި ދުނިޔޭގެ ތާރީޚު އޮޅުވާލަނީ ކަމަށް ބަޔާންކުރުމާއި ޣައްޒާގައި ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތައް ކުށްވެރިކުރުމާއި އަދި ޔުނިފިލްގެ 10000 ސިފައިންނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދިނުން ކުށްވެރި ކުރުމާއި ޔޫރޯނޭވަލް ޝޮގައި އިސްރާއީލުން ބައިވެރި ނުވެވޭ ގޮތަށް ނިންމުމާ ދެކޮޅަށް އެގައުމުގައި ދިރިއުޅޭ ޔަހުދީން އަޑުއުފުލަމުން ގެންދާން ފަށައިފިއެވެ. އެމީހުންގެ ޒުވާބުގައި ބުނެފައިވަނީ ފަލަސްތީނުގެ ބިމަކީ ޔަހޫދީންގެ މިލްކެއްކަން ގަބޫލުކުރުން އެއީ ޒަޔަނިޒަމްގެ އެއް ރުކުން ކަމަށެވެ. ތަންދޮރު ނުބަލައި ޔަހޫދީންގެ އަގީދާއާ ނުކުޅުމަށް ފަރަންސޭސި ވިލާތުގައި ދިރިއުޅެ ޔަހޫދީންގެ ކައުންސިލްގެ ރައީސް ޔޮނާދަން އަރްފީ ފަރަންސޭސި ސަރުކާރަށް ގޮވާލާފައިވެއެވެ.
އަރްފީއަށް ރައްދު ދެއްވައި ފަރަންސޭސި ޕާރަލަމެންޓުގެ މެމްބަރ ކެރޮލީން ޔަދާން ބުނެފައިވަނީ އަރްފީގެ ވާހަކަ އަޑުއެހުމަކީ ރައީސް މެކްރޯން ކޮންމެހެން ކުރަން ޖެހޭކަމެއް ނޫންކަމަށެވެ.