ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައި ވަނީ 2012 ވަނަ އަހަރުއެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ބުނީ ހުޅުމާލޭގައި ވަކި ކޯޓެއް ހުރުމަކީ އޭގެ ސަބަބުން އެކި ގޮންޖެހުންތައް ދިމާވާ ސަބަބެއް ކަމަށެވެ.
ހަމައެހެންމެ މިކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށްވެސް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
ހައިކޯޓުން މިގޮތަށް ހުކުމް ކޮށްފައި ވާއިރު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް އުވާލުމަށް ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ބުނާ ގޮތުން މާލޭގައި ހުންނަ ފަދަ ސުޕީރިއާ ކޯޓުތައް ހުންނަ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓެއް ނުހުންނާނެ އެވެ. ޤާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެވެ.