ގަލްފް އަރަބި ގައުމުތަކުގެ މިލިޓްރީ ބޭސްތަކާއި އެއާރސްޕޭސް އީރާނާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި އެފަދަ ކޮންމެ ކަމަކަށް އީރާނުން ރައްދު ދޭނެކަމަށް އިންޒާރު ދީފިކަން މިއަދު ހަވީރުގެ ރޮއިޓާރސް ޚަބަރުގައި ބުނެފިއެވެ. އަދި އިސްރާއީލުން އީރާނުގެ ތެލާއި ގޭސް ފެސިލިޓިތަކަށް ހަމަލާދިނުމުން ހަކަތައިގެ ބާޒާރަށް އަތުވެދާނެ ބަދަލެއްގެ ވާހަކަ ދައްކަންވީ ވަގުތަކީ މިއެއްނޫންކަމަށްވެސް އެ އިންޒާރުގައި ބުނެފައި ވެއެވެ. މި ވާހަކަތައް ފެންމަތިވެފައި މިވަނީ މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި މިވަގުތު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ސައޫދީ އެރޭބިޔާއަށާއި ގަތަރުވެސް ހިމެނޭ ގޮތުގައި ގަލްފުގެ ގައުމުތަކަށް ދަތުރު ކުރައްވަމުން ގެންދަވާއިރު މިދިޔަ ހަފުތާގައި އީރާނުން ދިން ހަމަލާގެ ރައްދު އިސްރާއީލުން އީރާނަށް ދީފާނެކަމަށް ބެލެވޭތީއެވެ. މި ދިޔަ ހަފުތާގައި ގަތަރުގައި ބޭއްވުނު އޭޝިއާ ކޮންފަރެންސުގެ ހަވާސާގެ ތެރޭގައިވެސް އަރަބި ގައުމުތަކުން ވަނީ ތެހެރާނާއި އިސްރާއީލުގެ ދެކޮޅުވެރިކަމުގެ ތެރެއަށް އަރަބި ގައުމުތަކުން ނުވަންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ގަލްފުގެ އެއްވެސް ގައުމަކުން އެ ގައުމުގެ މިލިޓްރީ ބޭސްތައް ނުވަތަ އެއާރސްޕޭސް އީރާނާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ ދީފިނަމަ އީރާނުން ދެކޭނީ އެއީ ގަލްފުގެ ހުރިހާ ގައުމެއް ރުހިގެން ދީފައިވާ ހުއްދައެއް ކަމަށެވެ. އެކަމުގެ ރައްދު ދިނުމުގައި އީރާނުން ގަލްފުގެ އެއްވެސް ގައުމެއް އިސްތިސްނާ ނުކުރާނެއެވެ. އަދި އީރާނުގެ ރައްދު ދިނުމަކީ މިލިޓްރީ ބޭސް ނުވަތަ އެއާރސްޕޭސް ބޭނުންކުރުމުގެ ހުއްދަ ދިނުމުން މެދުވެރިވި ހާލަތަކާ ބަރާބަރު ރައްދު ދިނުމަކަށްވެސް ވާނެކަމަށް އީރާނުގެ ވަރަށް އިސްބޭފުޅަކު ރޮއިޓާރސްއަށް މައުލޫމާތު ދީފައި ވެއެވެ. އެބޭފުޅާ ވިދާޅުވެފައި ވަނީ މިވާހަކަ ދެއްކުމުގެ ބޭނުމަކީ އިސްރާއީލުން މެދުއިރުމަތީގެ ގައުމުތައް ބޮޑުފިތުނަ ގަނޑެއްގެ ތެރެއަށް ވައްޓާލިއަ ނުދިނުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
މައުލޫމާތު އެނގޭ އެމެރިކާގެ އޮފިޝަލަކު ރޮއިޓާރސްއަށް ކިޔާދީފައިވަނީ އިސްރާއީލުން އީރާނަށް ރައްދު ހަމަލާ ދިނުމުގައި ހުދޫދުން ބޭރުނުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އިސްރާއީލުގެ ރައްދު ހަމަލާގައި އީރާނުގެ ތެލުގެ ވަސީލަތްތަކާއި ނިއުކްލިއަރ ވަސީލަތްތައް ހިމެނިގެން ނުދާނެ ކަމަށްވެސް ބައިޑްން ސަރުކާރުން އުންމީދު ކުރެއެވެ. މިކަމާ ބެހޭގޮތުން ރަސްމީ ބަހެއް ހޯދުމަށް ރޮއިޓާރސް އިން ކުރަމުން ގެންދާ މަސައްކަތް މިހާތަނަށް ކާމިޔާބެއް ނުވެއެވެ.
އެހެން ރިޕޯރޓެއްގައި އެސޯޝިއޭޓެޑް ޕްރެސް އިން ބުނެފައިވަނީ ހިޒްބު ﷲ އާއި ދެކޮޅަށް އިސްރާއީލުން ބޮޑެތި ހަމަލާތަކެއް ދެމުން ގެންދާ މި ދަނޑިވަޅުގައި އީރާނުން ހިޒްބު ﷲ ގެ ދިފާއުގައި ސީދާ ހަރަކާތަށް ނުނިކުތުމުގެ އިލްޒާމް އީރާނުގެ ބޮލުގައި އެޅުވުމަށްފަހު ތުރުކީން އީރާނަށް އޮންނަ ދުޝްމަނީގެ ބޭނުންކުރަން އުޅޭ ކަމުގެ އަޑުތަކެއް އިވެމުން އެބަ ދެއެވެ.
ތުރުކީއަކީ ގައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމު ކުށްވެރިކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ އަދި އިސްރާއީލަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން ގެންދާ ގައުމެއް ނަމަވެސް ލެބަނަންގެ ހިޒްބު ﷲ އަކީ ޝިޔާއީ ފިކުރުގެ ޖަމާއަތަކަށްވީތީ އެ ހަމަލާތަކާއި އަދި އެ ޖަމާއަތުގެ އެންމެ އިސް ވެރިޔާ ސައްޔިދު ހަސަން ނަސްރު ﷲ ޝަހީދުކޮށްލުމުންވެސް އިސްރާއީލަށް ފާޑު ކިއުމުގައި ތުރުކީން ވަނީ ވަކި މިންގަނޑެއް ހިފާއްޓާފައެވެ. އަދި ސައްދި ހަސަން ނަސްރު ﷲ ޝަހީދުވުމާބެހޭގޮތުން ތުރުކީގެ ރައީސް އުރުދުޣާން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް ހަސަން ނަސްރު ﷲ ޝަހީދު ވުމަށްފަހު ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން އެމަނިކުފާނަށް ތައުރީފް ކުރައްވާފައި ވެއެވެ. އާންމުގޮތެއްގައި ސުންނީ މަޒްހަބުގެ ފަލަސްތީނުންނަށް ތުރުކީން ކުރަމުން ގެންދާ ތާއީދުގެ ވަރަށް ކުޑަ މިންވަރެއް މެނުވީ ޝިޔައީ ފިކުރުގެ ހިޒްބު ﷲ އާއި އިރާގުގެ މުޖާހިދުންނާއި އަދި ޔަމަނުގެ ހޫތީ މުޖާހިދުންނަށް ތާއީދެއް ނުކުރެއެވެ. މުހައްލިލުން ދެކޭ ގޮތުގައި ތުރުކީގެ ކުރިމަތީގައި ހިޒްބު ﷲ އަކީ މުހިންމު ޖަމާއަތެއްވެސް ނޫނެވެ. މިއީ އިސްލާމީ ދުނިޔެ މަޒްހަބީ ފިތުނައެއްގެ ތެރެއަށް ގަންބާލަން ހުޅަނގުގެ މީޑިއާ ތަކުން ހިންގަމުން ގެންދާ ޕްރޮޕްގެންޑާގެ ކުޑަ ކުޑަ އެތިކޮޅެކެވެ.