ބައިނަލްއަގްވާމީ މީޑިއާ ސިއްސުވާލި އެމެރިކާގެ އިއުތިރާފް

Loading

Facebook
Twitter
WhatsApp

މިދިޔަ ބުދަ ދުވަހު ބައިނަލްއަގްވާމީ މީޑިއާތަކުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިއު މިލަރަށް ސުވާލެއް ކުރިމަތި ކުރިއެވެ. އެ ސުވާލަކީ އިސްރާއީލު ސިފައިން ލެބަނަން އާއި ގައްޒާއަށް ބޮން އަޅަމުން ސުންނާފަތި ކުރަމުން ގެންދިއުމަކީ އެމެރިކާއިން ކުރުވާ ކަމެއް ހެއްޔެވެ؟
އެ ސުވާލާއެކު ބީ ބީ ސީގެ ރިޕޯރޓަރ ޓޮމް ބޭޓަމަން 1982 ވަނައަހަރު އެމެރިކާގެ ރައީސް ރޮނާލްޑް ރޭގަންގެ ޑައިރީން ސަފުހާއެއް މެތިއު މިލަރ ގެ ކުރިމަތީގައި ތަކުރާރުކޮށްލިއެވެ.

ރައީސް ރޭގަން ފޯނުކޮށްފައި ބެއިރޫތަށް ބޮން އެޅުން ހުއްޓާލަން އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު މެނާޚެމް ބޭގިންއަށް އަމުރުކުރުމުން އިސްރާއީލުން ގޮތްދޫނުކޮށް ހިފާއްޓަން ކެރުނު ހެއްޔެވެ؟ ކަލޭމެން ތިޔަ ބުނަނީ ލެބަނަން އާއި ގައްޒާގެ ހަނގުރާމަ ހުއްޓާލަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ގެންދާކަމަށެވެ. ޚާރިޖީވަޒީރު އެތައް ފަހަރަކު މެދު އިރުމައްޗަށް ދަތުރު ކުރައްވައިފިއެވެ. ދުވަހެއް ދުވަހަކަށް މަސްރަހް ދަނީ ނުރައްކާތެރިވަމުންނެވެ. މުޅި ސަރަހައްދަށް ފެތުރިގެން ހިނގައިދާނެ ހަނގުރާމައެއްގެ ތުންފަތްމައްޗަށް މެދުއިރުމަތި ވައްޓާލުން ނޫން އެއްވެސް ކަމެއް އެމެރިކާއަކަށް ނުކުރެވުނެވެ. ރައީސް ރޭގަން ހަމައެކަނި ފޯނު ކޯލަކުން ކުރި ކަންތައް އަހަރު ދުވަހުންވެސް އެމެރިކާއަށް މިއަދު ނުކުރެވުނެވެ. ރައީސް ރޭގަން ފޯނު ކުރެއްވިތާ 20 މިނިޓްވީއިރު އިސްރާއީލުގެ ސިފައިން ލެބަނަނަށް ބޮން އެޅުން ހުއްޓާލާފައި އެނބުރި އަތުވެއްޖެއެވެ. މައްސަލައަކީ މިހާރުގެ ސަރުކާރުން އިޚްލާސްތެރިކަން ނެތުމެވެ.
މެތިއު މިލަރގެ ޖަވާބު ވެގެން ދިޔައީ މީޑިއާތަކަށް ވަރަށް ބޮޑު ސިހުމަކަށެވެ. އޭނާ ބުންޏެވެ. މީގެ ކުރިން އިސްރާއީލުން އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަގުތައް ހުޅުވާދިނުމާއި އަދި އެކަމާގުޅިގެން މިލިޓްރީގެ ހަރަކާތްތަކަށް ގެންނަން ޖެހުނު ބަދަލުތައް ބަދަލު ވެގެން ދިޔައީ އެމެރިކާއިން އެކަންކަމުގެ ތެރެއަށް ވަނުމުގެ ސަބަބުންނެވެ. އެމެރިކާއާއި އިސްރާއީލާ ދެމެދު ކަންތައް ހިނގަމުންދާގޮތް ދެނެގަތުން މީޑިއާއަށް ބައެއްފަހަރު އެހާ ފަސޭހަ ނުވެދާނެއެވެ. ވަރަށް ގިނަ ކަންތައްތަކުގައި އަހަރެމެން ދެކޭގޮތް އޮންނާނީ ވަރަށް ގިނަފަހަރު އިސްރާއީލު ސަރުކާރަށް ހިއްސާ ކޮށްފައެވެ. އަދި ބައެއްފަހަރު އަހަރެމެންގެ ސަބަބުން އިސްރާއީލުން ދެކޭގޮތް ބަދަލު ކޮށްފާވެސް އެބަހުއްޓެވެ. ހަމަ އެފަދައިން އަހަރެމެން އަންގާގޮތް ނޫން އެހެން ގޮތްތައްވެސް އިސްރާއީލުން އިޚްތިޔާރު ކުރަމުން ގެންދެއެވެ. ރައީސް ރޭގަންގެ ރިޔާސަތުގައި ހިނގާދިޔަ ކަންތައް ކަމަށް ތިޔަބުނީ ތެދެކެވެ.
މެތިއު މިލަރގެ ޖަވާބުން ނޫސްވެރިންނަށް ގަބޫލުކުރެވުނީ ޖޯ ބައިޑްން ސަރުކާރުން މެދުއިރުމަތީގެ މައްސަލައަށް ހައްލެއް ހޯދަން ބޭނުން ނުވާކަމެވެ. އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރާއި އަދި އެތައް ބިލިއަން ޑޮލަރުގެ މާލީ އެހީތައް މެދުނުކެނޑި އެމެރިކާއިން ފޯރުކޮށްދެމުންގެންދާއިރު އެމެރިކާއިން ބުނާ ކަންތައްތައް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބޮލާލާ ޖަހަމުން ގެންދަނީއޭ ބުނުމަކީ 21 ވަނަ ގަރުނުގައި ދިރއުޅޭ އިންސާނުންގެ ބުއްދި ގަބޫލު ކުރާނެ ވާހަކައެއް ނޫނެވެ.
1982 ވަނައަހަރު އިސްރާއީލުން ލެބަނަންގައި އާންމު ރައްޔިތުންގެ ތެރެއަށް ކްލަސްޓަރ ބޮމް އަޅަމުން ގެންދާކަން އެނގިވަޑައިގަތުމުން އިސްރާއީލަށް ފޮނުވަން ހަމަޖެހިފައިވި ކްލަސްޓަރ ބޮމުގެ ޝިޕްމެންޓް ރައީސް ރޭގަން ހުއްޓުވާލިއެވެ. އެދުވަހު މެނާޚިމަ ބޭގިން އަށް ފޯނުކުރައްވައި ވާހަކަ ދެއްކެވުމުގައި ރައީސް ރޭގަން ބޭނުންކުރެއްވި ބަހުރުވަ މިއަދު އެމެރިކާގެ ސިޔާސީ ބޭފުޅެއްގެ ހިތަށްވެސް ނުގެނެވޭނެއެވެ.
ރައީސް ރޭގަން ވިދާޅުވި ބައެއް ބަސްފުޅު އަޅުގަނޑުމެންގެ ކިއުންތެރިންނަށް އެނގުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކޭތީ މިތަނުގައި ނަކަލު ކޮށްލާން ގަސްދު ކުރަމެވެ.
“ އަހަރެމެންގެ ޓީވީ ތަކުން މެދު ނުކެނޑި ފެންނަމުން އެދަނީ އިސްރާއީލުގެ ހައްދުން ނައްޓާލާފައިވާ އަނިޔާވެރިކަމެވެ. އެއީ ނަސްލު ނައްތާނުލުމުގެ ގޮތުން ހިންގަމުންގެންދާ ހޮލޮކާސްޓެކެވެ. ލެބަނަންއަށް ބޮން އެޅުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭނެއެވެ. އެހެންނޫނީ އެމެރިކާއާއި އިސްރާއީލުގެ ގުޅުން ވަރަށް ނުރައްކާތެރި ފައްތަރަކަށް ވެއްޓިގެންދާނެއެވެ. “ ރައީސް ރޭގަން ކޯފާ އިސްކުރައްވާފައި އިންނެވި ވަރުން އިސްރާއީލުގެ ބޮޑުވަޒީރު މެނާޚިމް ބޭގިން އަށް ޖެހުނީ ކުޑަކަކޫ މައްޗަށް ތިރިވެ 2 ގައުމުގެ ގުޅުން ކަނޑާ ނުލަން އާދޭސްކުރާށެވެ. މިއީ ރައީސް ރޭގަން އާއި ރައީސް ބައިޑްންގެ ސިޔާސަތުގެ ތަފާތެވެ.
އިސްރާއީލުގެ ސިފައިންގެ ރަހުމެއްނެތް އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ 40000 އާންމު ރައްޔިތުންނާއި ކުޑަކުދިން މަރާލައި އަހަރު ދުވަސްވާންދެން އެ ރަހުމެއް ނެތް ހަމަލާތައް ކުރިއަށް ގެންދާއިރު ކުރެވުނު ކަމަކީ އިސްރާއީލަށް ބޭނުންވާ ހަތިޔާރައި މާލީ އެހީތައް ފޯރުކޮށް ދެމުން ގެންދިއުމާއެކު އެހެންބަޔަކު އެ ހަނގުރާމައަށް ނުވަނުމަށް އިންޒާރު ދެމުން ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރާ ކަމުގެ އަޑުތަކެއް މީޑިއަށް ފަތުރާލުމެވެ. އެކަމަކު ފެނި ހާމަވެގެން މިދަނީ ގައްޒާ ބިމާހަމަކޮށްލުމަށްފަހު ލެބަނަންއަށް އަރާގަތް ތަނެވެ. ބޭނުންވާ ހުރިހާ ހަތިޔާރަކާއި ވަސީލަތެއް އެމެރިކާއިން ގެންދަނީ އިސްރާއީލަށް ފޯރުކޮށްދެމުންނެވެ. އެމެރިކާއިން ބޭނުންނަމަ ހަތިޔާރާއި އެހެން ވަސީލަތްތައް ކޮންމެ ވަގުތަކުވެސް ހުއްޓާ ލެވިދާނެއެވެ. ރައީސް ރޭގަން ވަނީ އެކަން ސާބިތުކޮށް ދީފައެވެ. އެކަމަކު މެތިއު މިލަރ ގެ ބަހުން އެއީ އެމެރިކާއިން ދައްކަންބޭނުން ވާހަކައެއް ނޫނެވެ. އަދި ރައީސް ބައިޑްންގެ ސަރުކާރުން އެފަދަ އެއްވެސް ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް