އެމެރިކާގެ ބަނދަރުތަކުގައި މަސައްކަތްކުރާ މަޖޫރީންގެ ހަޅުތާލު

Loading

Facebook
Twitter
WhatsApp

ފާއިތުވެގެން މިދާ 50 އަހަރުތެރޭގައި ފުރަތަމަ ފަހަރު އެމެރިކާގެ ބަނދުތަކުގައި މަސައްކަތްކުރާ މަޖޫރީން ހަޅުތާލު ފަށައިފިއެވެ. އަންގާރަ ދުވަހު ފެށުނު މި ހަޅުތާލުގައި 45000 މަޖޫރީން ވަނީ ބައިވެރިވެފައެވެ. މި ހަޅުތާލުގެ ސަބަބުން 105000 މަޖޫރީން ވަޒީފާ ވަގުތީގޮތުން ގެއްލިދާނެ ކަމަށް ލަފާ ކުރެވެއެވެ. މަސައްކަތްތެރިންގެ ޔޫނިއަންގެ ރައީސް ހެރޯލްޑް ޑަގެޓް މީޑިއާއަށް ބުނެފައިވަނީ ބަނދަރުގެ މަޖޫރީން ހަޅުތާލުކުރުމަކީ އެމެރިކާ އިގްތިސާދު އިނދަ ޖެހުމަށް ފުރުސަތު ހުޅުވިދާނެ މަގެއް ކަމުގައި ބަލަން ޖެހޭނެއެވެ.       

           

އެއްފަރާތުން އެމެރިކާގެ އެންމެ ބޮޑު މަސައްކަތްތެރިންގެ ޔޫނިއަން އިންޓަރނޭޝަނަލް ލޯންގްޝޯރމަންސް އެސޯޝިއޭޝަން ( މަޖޫރީންގެ ފަރާތުން ) އަނެއްފަރާތުން ޔޫ އެސް މެރިޓައިމް އެލަޔަންސް ( ވަޒީފާ ދޭ ފަރާތުން ) ކުރެވިގެންދިޔަ މަޝްވަރާތައް އެއްވެސް ކޮޅެއްގައި ނުޖެހުމުގެ ސަބަބުން އީސްޓް އަދި ގަލްފްކޯސްޓުގެ 36 ބަނދަރަށް މިހަޅުތާލުގެ ނޭދެވޭ އަސަރު ކުރާނެއެވެ. އަދި ކޯވިޑް -19 ގެ ފަހުން  ސަޕްލައި ލައިނަށް މިހާތަނަށް ނާންނަވަރުގެ ހުއްޓުމެއް އައުން އެކަށީގެންވެއެވެ.                                 

މި ހަޅުތާލު ހަފުތާއަކަށްވުރެން ދިގުލާއި ހިނގައްޖެނަމަ  ހައްލުކުރުން އުދަނގޫ މައްސަލައަކަށް ވެދާނެއެވެ. ފްލެކްސް ޕޯރޓުގެ ސީ އީ އޯ ރިޔާން ޕީޓަރސަން ބުނެފައިވަނީ މަޖޫރީންގެ ހަޅުތާލުގެ ސަބަބުން ދުނިޔޭގެ އެތަން މިތަނަށް އުފުލަމުން ގެންދާ ކޮންޓޭނަރގެ %15 ބަނދަރުތަކުގައި ހުއްޓުމަކަށް އަންނާނެއެވެ.             

މަޖޫރީން ހަޅުތާލު ކުރަނީ ކޮންކަމަކާ ހެއްޔެވެ؟                                        

ޖުމުލަގޮތެއްގައި މަޖޫރީންގެ ޝަކުވާއަކީ މުސާރަ ކުޑަވުމެވެ. ޖަވާބުގައި ވަޒީފާ ދޭ ފަރާތުން ބުނަމުން ގެންދަނީ މިއަހަރު މޭ މަހުން ފެށިގެން މަޖޫރީންގެ ކޮންޓްރެކްޓާ ބެހޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށެވެ.          

މަޖޫރީންގެ ފަރާތުން ބޭނުންވަނީ މިހާރު ގަޑިއަކު ލިބޭ 39 އެމެރިކާ ޑޮލަރު ކުރިއަށް އޮތް 7 އަހަރު ތެރޭގައި %77 އިތުރު ވާނެ ގޮތަށް ކޮންޓްރެކްޓް ބަދަލުކުރާށެވެ. ދިރިއުޅުމުގެ އަގުތައް އުފުލެމުންދާ މިންވަރަށް ރިޢާޔަތް ކުރާއިރު މިއީ ގަބޫލުކުރުން އުދަނގޫ ހުށައެޅުމެއް ނޫނެވެ. މި ހުށައެޅުމާގުޅިގެން ވަޒީފާދޭ ފަރާތުން ބުނަމުންގެންދަނީ މަޖޫރީންގެ ހުށައެޅުން ގަބޫލުކުރަން ވަރަށް އުދނގޫ ކަމަށާއި އެކަމަކު އަހަރެމެން ވާހަކަދައްކައިގެން ގޮތެއް ނިންމުމާހަމަޔަށް މަޖޫރީންގެ ހަޅުތާލު ހުއްޓުވާށެވެ. ރޮއިޓާރސްއަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި މިދިޔަ ހޯމަ ދުވަހު ވަޒީފާ ދޭފަރާތުންވަނީ ހުށައެޅުމެއް ހުށައަޅާފައެވެ. އެކަމަކު މަޖޫރީންގެފަރާތުން ބުނެފައިވަނީ އެ ހުށައެޅުން ގަބޫލު ނުކުރެވޭނެ ކަމަށެވެ.                       

                    

އިންޓަރނޭޝަނަލް ލޯންގޝޯރމަން އެސޯޝިއޭޝަން ( އައި އެލް އޭ ) އިން ޔޫ-ޓިއުބަށް ފޮނުވާފައިވާ ވީޑިއޯއެއްގައި އެމެރިކާއަށް ކޮންމެ އެއްޗެއްވެސް އެތެރެ ކުރެވެނީ ކަނޑުމަގުން ކަމަށާއި މަޖޫރީންނެތި އެ ތަކެތި ބޯޓުފަހަރުން ބޭލޭނެގޮތެއް ނޯންނާނެކަމަށްބުނެ އެ ޖަމާއަތުގެ  ޕްރެޒިޑެންޓް ހެރޯލްޑް ޑަގެޓް އެމެރިކާއަށް އިންޒާރު ދީފައިވެއެވެ. މެދުތެރޭ އެމެރިކާއިންނާއި ދެކުނު އެމެރިކާއިން ގެންނަ ޝިޕްމެންޓްތައް ކުނި ނުކޮށް ވިޔަފާރި ކުރާ އައުޓްލެޓް ތަކަށް ފޮނުވަން ބޭނުންވާނަމަ މަޖޫރީން ތިބެން ޖެހޭނެއެވެ. އެމެރިކާގެ ފާރމް ބިއުރޯ ފެޑެރޭޝަން ( އޭ އެފް ބީ އެފް ) އިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއަށް އެތެރެ ކުރެވޭ ދޮންކޭލާއި ޗެރީގެ ބާވަތްތަކާއި މިރުހުގެ ބާވަތްތަކާއި ޗޮކްލެޓާއި ދަޅުކާނާގެ %90 އާއި ގާތްކުރާ އަދަދެއް ގެންނަނީ އައި އެލް އޭ އިން ކޮންޓްރޯލް ކުރާ ބަނދަރުތަކަށެވެ. އަދި އެމެރިކާއަށް އެތެރެކުރެވޭ ބިއަރާއި ވިސްކީއާއި ރަލުގެ އެހެން ބާވަތްތައް މުޅިންވެސް ގެނެވެނީ އައި އެލް އޭ ގެ ބަނދަރުތަކަށެވެ. އެމެރިކާގެ ފާރމް ބިއުރޯ ފެޑެރޭޝަން އިން ބުނެފައިވަނީ އެމެރިކާއިން އެކްސްޕޯރޓް ކުރާ ކުކުޅުމަހުގެ %80 އާއި ރޯ ކަފައިގެ %56 އާއި ރެޑް މީޓުގެ %30 އާއި އަދިވެސް ވަރަށް ގިނަ ބާވަތްތައް އެކްސްޕޯރޓް ކުރުމަށް އައި އެލް އޭ ގެ ބަނދަރުތައް ބޭނުންކުރަން ޖެހޭތީ އެ ބަނދަރުތަކުގެ މަޖޫރީން ހަޅުތާލުކުރުމުން އެމެރިކާގެ އިގްތިސާދަށް ވަރަށްބޮޑު ހީނަރު ކަމެއް އަންނާނެއެވެ. ހަޅުތާލުގެ ސަބަބުން އެކްސްޕޯރޓް ކުރަން ހުރި މުދާތައް ގުދަންތަކުގައި ތާށިވުމުން މުދާ އެކްސްޕޯރޓް ކުރާ ފަރާތަށްވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. މި މައްސަލަ އަށް ރަނގަޅު ހައްލެއް ގެނެސްދިނުން އެދި އެމެރިކާގެ 180 ޓްރޭޑް އެސޯޝިއޭޝަނަކުން ރައީސް ޖޯ ބައިޑްން އަށް މިހާރު ވަނީ ސިޓީއަކުން ދަންނަވާފައެވެ.          

މަޖޫރީންގެ ހަޅުތާލުގެ ސަބަބުން ލިބޭނެ އިގްތިސާދީ ގެއްލުމަކީ ކޮބާ؟                           

ތަޖްރިބާކާރުންގެ އަންދާޒާއަށް ބަލާއިރު މަޖޫރީންގެ ހަޅުތާލުގެ ސަބަބުން ދުވާލަކު 540 މިލިއަން ޑޮލަރާއި 5 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އެމެރިކާ ސަރުކާރަށް ގެއްލުންވާނެއެވެ. ހަޅުތާލު ދެތިން ހަފުތާއަށް ކުރިއަށް ގެންގޮސްފިނަމަ ސަރުކާރުން ވަރަށް ބޮޑު ގެއްލުމެއް ބޮލުގައި އަޅަން ޖެހުނަސް އާންމު ރައްޔިތުންނަށް ތަކެތި ލިބުމުގައި އުދނަގޫތަކެއް ހުރިކަން ފާހަގަ ނުކުރެވިދާނެ އެވެ.  އެހެންނަމަވެސް އޭގެ ފަހުން މަޑުމަޑުން އަގުތައް އުފުލުމާއި ބޭނުންވާ އެއްޗެހި ގަންނަން ލިބުމަށް ހުރަސް އެޅެންފަށާނެއެވެ.  މިސާލެއްގެ ގޮތުން ދުނިޔޭގެ ވަރަށް ބޮޑު ޝިޕިންގ ލައިނއްގެ އެޑްވައިޒރީ ކޮމެޓީން ބުނެފައިވާ ވާހަކަ އަޑުއަހާލުން ރަނގަޅުވާނެއެވެ.         

ޑެންމާރކުގެ ސީ އިންޓެލިޖެންސުން ބުނެފައިވަނީ ހަމައެކަނި އެ ކުންފުނިން އެޑްވައިޒަރީ ބަލަހައްޓާ ބޯޓުފަހަރުން އުފުލަން ހަމަޖެހިފައިވާ މުދާ ބޯޓުފަހަރަށް ބަރުކުރަން މި ހަޅުތާލު އެންމެ ދުވަހަކަށް ދެމިގެންދިޔަސް 6 ދުވަސް ނަގާނެއެވެ.  ހަޅުތާލު ދިގުލަމުންދާނަމަ އެ ނިސްބަތުން ދުވަސް އިތުރުވަމުންދާނެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް