މެދުއިރުމަތީގެ ނުރައްކާތެރި މަސްރަހު ހަގީގަތުގައިވެސް އީރާނަށް ބޮޑު ސުވާލަކަށް ވެއްޖެއެވެ. އީރާނުގެ ބައިވެރިންކަމުގައި ބެލެވޭ މުޖާހިދުން އެކަނި ދޫކޮށްލާފައި ކިހާދުވަހަކު އީރާނަށް އޮވެވިދާނެ ހެއްޔެވެ؟ އިސްރާއީލުން ބޭނުންވާ ގޮތަށް އެމެރިކާއާއި އީރާނުން ސީދާ ކުރިމަތިލުމަކަށް ދިއުން ނޫން އެހެން ހުރިހާ މަގެއް ބަންދުވަނީ ހެއްޔެވެ؟
މި ސުވާލުތަކަށް އީރާނު ސަރުކާރުންވެސް ޖަވާބު ދިނުން ވަރަށް އުނދަގޫވާނެކަން ގަބޫލުކުރަން ޖެހެއެވެ. އެމެރިކާއާ ސީދާ ކުރިމަތިލުމަކުން މުޖާހިދު ޖަމާއަތްތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައިވެސް އީރާނަށް ގެއްލުންތަކެއް ލިބިގެންދާނެކަން ކަށަވަރެވެ. އެންމެ އަވަށްޓެރި ގައުމުތަކުންވެސް އެންމެ ބޮޑުވަރަކަށްވެސް ބުނާނީ “ ގައިކޮޅު ގައިގާ ދުރު…، ތިޔައީ އަހަރެމެންނާ ބެހޭ ދެކޮޅުވެރިކަމެއް ނޫނޭ….، މިފަދަ ބަހެކެވެ. ”
އިސްރާއީލުގެ ނަމުގައި އެމެރިކާއިން ކުރާނެ އެ ހަނގުރާމައިގާ މުޅި ސަރަހައްދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. އަދި ހަމަގައިމުވެސް އެ ހަނގުރާމައިގެ ތެރެއިން އިސްރާއީލަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެމެރިކާގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެއެވެ. އީރާނުގެ ބަނޑު ބިންމަތި ކޮށްލާފައިވާ އިގުތިސާދު އަލުން ހިންދެމިލަން ޒަމާންތަކެއް ފަހަތަށް ޖައްސާލާނެއެވެ.
އެހެންނަމަވެސް އިސްރާއީލުން އަރައިގަނެ އީރާނުގެ އެންމެ ގާތް ބައިވެރިޔާ ހިޒްބު ﷲ ބިމުގެ ވެއްޔާ މޮޑެވިގެންދާތަން ބަލަން އީރާނުން ހަމަހިމޭނުން އޮވެދާނެކަމާ ދޭތެރޭގައި ވެސް ޝައްކު ކުރެވެއެވެ. އަދި އީރާނުން އަޅާ ފިޔަވަޅަކީ ދެންތިބި ބައިވެރިންވެސް އީރާނުގެ ސަޕޯޓް ލިބިގެންދާނެ މިންވަރު ދެނެގަންނަން ބޭނުންކުރާނެ މިންގަޑެއްކަމުގައި ވެގެންދާނެއެވެ. މި ހާލަތަކީ އީރާނުގެ އެންމެ އިސް ސިޔާސީ ބޭފުޅުންގެ ކުރިފުޅުމަތީގައިވެސް ފައިސަލާއެއް ކުރަން ފަސޭހަނުވި ހާލަތަކަށް ވެއްޖެއެވެ. ހަމައެއާއެކު ބައެއް ސިޔާސީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އިސްރާއީލުގެ ނަމުގައި އެމެރިކާއާއި ކުރިމަތިލާން ޖެހުނަސް ތިބެން ޖެހޭނީ ތައްޔާރީ ހާލަތުގައެވެ. ނަސްރާއި ކާމިޔާބީއަކީ ހަމައެކަނި ހަތިޔާރާއި ބިޔަ ލަޝްކަރެއް އޮތުމަކުން ހޯދޭނެ އެއްޗެއް ނޫނެވެ. ނަސްރާއި ކާމިޔާބަކީ އީމާންކަމާއި އަގީދާއާއި ގުޅިފައިވާ އެއްޗެއްކަން ތާރީޚުން ވަނީ ސާބިތުކޮށްދީފައެވެ.
އީރާނުގެ ބައެއް އިސް ސިޔާސީ ބޭފުޅުންގެ ވިސްނުމުގައި ސައްޔިދު ޙަސަން ނަޞްރުﷲ އާއި އަދި ހިޒްބުﷲ ގެ ބައެއް އެހެން އިސްބޭފުޅުން މިދިޔަ ދުވަސްތަކުގެތެރޭގައި ޝަހީދުވެގެން ދިއުމާއި އީރާނުގެ އިންގިލާބީ ގާޑުންގެ ޖެނެރަލް އައްބާސް ނިލްފޯރުޝާން އިސްރާއީލުންގެ ހަމަލާތަކުގައި ޝަހީދުކޮށްލުން ބަލައެއް ނުގަނެވޭނެއެވެ.
އީރާނުގެ އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ ( ދި އިސްލާމިކް ކޯލިޝަން ޕާރޓީ ) ގެ ނައިބު ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ އިސްލާމީ ގައުމުގެ ތާއީދު ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަންވީ ވަގުތެވެ. އެމެރިކާއާއެކު އެއްގަލަކަށް އަރަން ވާހަކަ ދެއްކުމަކީ ވަގުތު ބޭކާރު ކޮށްލުމެވެ. އެމެރިކާއިން އީރާނާއެކު ރަނގަޅު ގުޅުމެއް ދުވަހަކުވެސް ނުބާއްވާނެއެވެ. އެމެރިކާއިން އިސްރާއީލު ދޫކޮށްލާފައި އީރާނަށް ހެޔޮ އެދިފާނެކަމަށް ދުށުމަކީ މޮޔައަކުވެސް ނުކުރާނެ ކަމެކެވެ. އޭގެބަދަލުގައި އީރާނުން ޖެހޭނީ ހަތިޔާރުގެ ވާދަވެރިކަމާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައިވެސް އެހެން ގައުމަކަށް ބަރޯސާ ނުވެ އަމިއްލަ ފުދުންތެރިކަން ހާމަކޮށްދޭށެވެ.
އީރާނުގެ ރައީސް ޔޫއެންގައި ދެއްކެވި ވާކަފުޅުގައި ހުޅަނގުގެ ގައުމުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިތަކަށް ލުޔެއް ލިބިދާނެ މަގެއް އިޚްތިޔާރު ކުރައްވަން ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ. އެހެންނަމަވެސް ހުޅަނގުގެ އަޅުވެތިކަމުގެ ތެރެއަށް އީރާނު ގެންދިއުމަކާ ނުލައި އެކަމެއް ނުކުރާނެއެވެ. އީރާނަށް އޮތް ޗޮއިސް އަކީ ކެރުމާއި އަމިއްލަ މިނިވަންކަން ސާބިތު ކޮށްދިނުމެވެ. ލެބަނަންއާއި ހިޒްބުﷲ ގެ ކޮންމެ ހަރަކާތެއް ތަންފީޒުކުރަމުން ގެންދަނީ މިނިވަންކަމާއެކުގައި ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވުމަކީ އެންމެ ރަނގަޅަށް ކުރެއްވި ކަމެއް ނޫނެވެ. ލެބަނަން އާއި އަދި ހިޒްބުﷲ އަށް ކުރިމަތިވެފައިވާ ކޮންމެ ދަތި އުނދަގުލެއްގެ ވަގުތުގައި އީރާނުން އަބަދުވެސް ސާބިތުކޮށްދީފައިވާނީ އެންމެ ގާތް އެކުވެރިޔާކަމުގައެވެ. ކުރިއަށް އޮތް ތަނުގައިވެސް ލެބަނަންއާއި ހިޒްބު އެކަހެރި ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި އީރާނާއި އަދި ބައިވެރިންގެ އިންޓެލިޖެންސްގައި ރެނދުތަކެއް އެބަހުއްޓެވެ. އިސްރާއީލުގެ ހަމަލާތައް ކާމިޔާބު ކުރުމުގައި އެއީ ސަބަބެއްކަމުގައި ބަލަން ޖެހެއެވެ.
މެދުއިރުމަތީގެ ހާލަތު ނުރައްކާތެރިވަމުންދާ ގޮތަށް ބަލާއިރު އީރާނުން ހޫތީ މުޖާހިދުން އިތުރަށް ބާރުވެރިކުރުވާނެ ކަމަށް ބެލެވެއެވެ. އެކަމަށް ބޭނުންވާ ޓެކްނޮލޮޖީއާއި އެހެނިހެން ވަސީލަތްތައް ކައިރި މުސްތަގުބަލެއްގައި އީރާނުން ފޯރުކޮށްދޭނެއެވެ.
މިދިޔަ އާދީއްތަ ދުވަހު ބެންގޫރިއަން އެއާޕޯޓަށް ހޫތީ މުޖާހިދުން ދިން ހަމަލާއަށްފަހު، އެ ޖަމާއަތުން ބުނެފައިވަނީ ދުރުގައި ވިޔަސް ކައިރީގައި ތިއްބަސް އިސްރާއީލުގެ ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ދެން ނުލިބޭނެ ކަމަށެވެ. ޒަޔަނިސްޓުންނަށް އަހަރެމެން ނުވެސް ހުއްޓުވޭނެ ކަމަށެވެ.
އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއި ގެ ވިސްނުންފުޅުގައި ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުންފުޅެއް ނުވެއެވެ. 1980 ގެ އަހަރު ތަކުގައި އިރާގުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި މަރުވެ ދިޔަ އެތައްހާސް މީހުންގެ ހަނދާން އެމަނިކުފާނުގެ ހިތްޕުޅުން އަދިވެސް ނުފިލައެވެ. މިސަބަބަށްޓަކައި މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ ރައީސް މަސްއޫދޫ ޕެޒެޝްކިއާނަށް އެމަނިކުފާނުގެ ރުހުން ވަނީ ލިބިފައެވެ.
އިންޓަރނޭޝަނަލް ޕީސްގެ މުހައްލިލު ކަރީމް ސަޖްދާދުޕޫރު ބުނެފައިވާގޮތުގައި އީރާނުގެ ސުޕްރީމް ލީޑަރ މިވަގުތު އެ ހުންނެވީ ފައިސަލާއެއް ކުރުން ވަރަށް އުދނގޫ މަގާމެއްގައެވެ. އީރާނަށް ލިބިފައިވާ ބާރަކާއެކު ރައްދު ދީފިނަމަ ގައުމަށް ލިބިދާނެ ގެއްލުން ވިސްނި ވަޑައިގަންނަވައެވެ. ރައްދު ނުދީ މަޑުކުރައްވައިފިނަމަ ބައިވެރިންގެ ގޮތުގައި ތިބި މުޖާހިދު ޖަމާއަތްތަކުން ހިތްހަމައެއް ނުޖެހޭނެއެވެ.
އަޅުއްވަން ޖެހޭ ފިޔަވަޅާކާބެހޭ ގޮތުން ސުޕްރީމް ލީޑަރ ހުއްޓުމަކަށް ވަޑައިގެންފައިވާއިރު، އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ބޮޑުވަޒީރު ގެންދަނީ އޭނާގެ ހައްދު ފަހަނަޅާދިއުމަށް ހައްދެއް ނޯންނާނެކަމަށް ބުނެ ހިތައްއެރި ދިމާލަކަށް ބޮން އަޅައި ސުންނާފަތި ކުރަމުންނެވެ. މިތަން ބަލަންވެސް އީރާނަކުން ނޯވެވޭނެއެވެ. އަވަށްޓެރި އަރަބި އެއްވެސް ގައުމަކަށް އިސްރާއީލުގެ އަނިވެރިކަން އެއީ މައްސަލައަކަށް ނުވާކަހަލައެވެ.
އިސްރާއީލުގެ މި އަނިޔާވެރިކަން ހައްދުން ނައްޓާލައިގެން ގޮސްފައިވާއިރު ހިޒްބުﷲ ފަދަ ބައިވެރިންނާއި ފަލަސްތީނަށާއި އީރާނަށް ކޮންމެފަދަ ގޮތެއް މެދުވެރި ވިޔަސް އަވަށްޓެރި އަރަބި އެއްވެސް ގައުމެއްގެ އެއްބާރުން ނުލިބޭނެކަން ޚާމަނާއި އަށް އެނގިވަޑައިގަންނަވައެވެ. އަދި އިސްރާއީލުން މިހާރު އެ ގެންދަނީ އެމެރިކާގެ ބައިވެރިވުމާއެކު އީރާނުގެ ދޮރުގައި ހަނގުރާމައިގެ ޓަކި ޖަހަމުންނެވެ. ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއިގެ ފައިސަލާއަށް ވަގުތެއް ނެތެވެ.