ރާނީ އެލިޒަބަތު ގެންދެވީ ކަށީގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން: ބޮރިސް ޖޯންސަން

Loading

Facebook
Twitter
WhatsApp

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް ގެންދެވީ ކަށީގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ކަމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަން ކުރިން ކުރެއްވި ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.ބޮރިސްޖޯންސަން މިހެން ވިދާޅުވެފައިވަނީ އަމިއްލަފުޅު ތަޖުރިބާތަކުގެ މައްޗަށް ލިއުއްވާފައިވާ ”މެމްވާ“ ފޮތުގައެވެ.

މިއޮކްޓޯބަރުމަހުގެ 10ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ ފޮތުގައި، ބޮރިސްޖޯންސަން ވަނީ މިހާރު އަވަހާރަވެފައިވާ ރާނީއާއެކު އޭނާ އެންމެ ފަހުން ބޭއްވެވި ބައްދަލް ކުރެއްވުމުގެ ތަފްސިލް ތައް ދެއްވާފައެވެ.

ރާނީ އަވަހާރަވެފައިވަނީ ސެޕްޓެމްބަރ 8ވަނަ ދުވަހެވެ. އެއީ ބޮޑުވަޒީރު ކަމުން ބޮރިސްޖޯންސަން އިސްތިއުފާ ދެއްވިތާ ދެދުވަސް ފަހެވެ.ސެޕްޓެމްބަރ 6ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވިކަން ރާނީ އަށް ދެންނެވުމަށް އޭނާ ރާނީއާ ބައްދަލް ކުރައްވާފައިވެއެވެ.އެއަށްފަހު ދެން މަގާމާ ހަވާލުވެ ވަޑައިގެންނެވި ލިޒް ޓްރަސް އާއިވެސް ރާނީވަނީ ބައްދަލް ކުރައްވާފައެވެ.

”އަންލީޝްޑް“ ގެ ނަމުން ނަންދީފައިވާ ފޮތުގައި ބޮރިސް ޖޯންސަން ވަނީ ސްކޮޓްލަންޑްގެ ބަލްމޯރަލް ގަނޑުވަރުގައި ރާނީ ހޭދަކުރެއްވި،ހަޔާތްޕުޅުގެ ފަހުގެ އަހަރުތަކަށް ބައްލަވާލައްވާފައެވެ.އޭނާ ލިއުއްވާފައިވާ ގޮތުގައި ރާނީ އަވަހާރަވުމުގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެންވެސް ކަށީގެ ކެންސަރުގެ ވައްތަރަކަށް ރާނީ ފަރުވަހޯއްދަވަމުން ގެންދެވި ކަން އޭނާއަށް އެނގިވަޑައިގެންނެވިއެވެ. އަދި އާލާސްކަންފުޅު ކުއްލިއަކަށް ގޯސްވެދާނެތީ ޑޮކްޓަރުން ތިބީ ކަންބޮޑުވެފައި ކަމަށް ލިއުއްވާފައި ވެއެވެ.

ރާނީ އެލިޒަބަތު އަވަހާރަވި ސަބަބު ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ. މިކަމުގައި އެކިމީހުން އެކި ގޮތަށް ބުނާއިރު ސަރުކާރުގެ އިސްފަރާތަކުން މިކަމާބެހޭގޮތުން އެއްޗެއް ބުނި މިއީ ފުރަތަމަ ފަހަރެވެ.

ރާނީ އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ. އަދި ”ޑެތު“ ސެޓްފިކެޓްގައި އަވަހާރަވި ސަބަބެއް ކަމަށް ބުނެފައިވަނީ މުސްކުޅި ބަލި ކަމުގައެވެ.

ބަލްމޯރަލްގައި ރާނީއާއިއެކު އެންމެފަހުން ބޭއްވެވި ބައްދަލް ވުމާއި ބެހޭގޮތުން ލިއުއްވަމުން ބޮރިސްޖޯންސަން ލިއުއްވާފައިވަނީ އެދުވަހު ފުރަތަމަ ބައްދަލްވީ ރާނީގެ ޕްރައިވެޓްސެކްރެޓަރީ އެޑްވާޑް ޔަންގް އާއި ކަމުގައެވެ.އަދި ހޫނު މޫސުމުން ފެށިގެން ރާނީގެ ސިއްހަތު ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާ ކަމަށް އޭނާގާތު ޔަންގް ބުނި ކަމަށް ބޮރިސް ޖޯންސަން ލިއުއުއްވާފައި ވެއެވެ.

ރާނީއާއި ބައްދަލް ވިއިރުވެސް ރާނީ ވަރަށް ބޮޑަށް ”މިލާލާފައި“ ވާކަމަށާ ހަށިކޮޅުވެސް މާބޮޑަށް ލެނބިފައި ވުމުގެ އިތުރުން ކުޑަހުޅުމަތީ ނޫވެފައިވާ ތަންތަން ހުރިކަމަށް ލިއުއްވާފައި ވެއެވެ.އަދި އެއީ ޑްރިޕް ތަކާއި އިންޖެކްޝަން ތައް ޖެހުމުގެ ސަބަބުން ވެފައިވާކަމެއް ކަމަށް ބެލެވޭ ކަމަށް ލިއުއްވާފައި ވެއެވެ.

ބޮރިސްޖޯންސަން އިތުރަށް ލިއުއްވާފައިވާ ގޮތުގައި އާލާސްކަންފުޅާ އުޅުއްވިނަމަވެސް ނަފްސާނީ ގޮތުން ރާނީ ހުންނެވީ ފުރިހަމަ ހާލަތުގައެވެ. އަދި ދެބޭފުޅުންގެ ބައްދަލްވުމުގެ ތެރޭން ބައެއްފަހަރު ރާނީގެ މަޝްހޫރު ހިނިތުންވުން ފެނިގެން ގޮސްފައިވާ ކަމަށާ މިއީ މޫޑު ރަނގަޅު ކޮށްލާފަދަ ރީތިކަމުގެ މިސާލެއް ކަމަށް ލިއުއްވާފައި ވެއެވެ.

ފަހުވަގުތު ކައިރިވެފައިވާކަން އެނގިވަޑައިގެންނެވި ނަމަވެސް ރަސްމީ މަސައްކަތްޕުޅުތައް އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދެވުމަށް ރާނީގެ ކިބައިގައި ހުރި ޝައުގުވެރިކަން ފާހަގަ ކުރައްވަމުން ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ އެންމެ ފަހުވަގުތާޖެހެން ދެންވެސް ރާނީ މަސައްކަތުގައި އުޅުއްވި ކަމުގައެވެ. އަދި ވެރިކަމުގެ ބާރުތައް ބޮރިސްޖޯންސަންގެ ކިބައިން ލިޒް ޓްރަސް އަށް ބަދަލު ކުރުމުގެ ކަންތައް އޮމާން ކަމާއެކު ކުރިޔަށް ދާނެކަން ރާނީ ކަށަވަރު ކުރެއްވި ކަމަށް ލިއުއްވާފައި ވެއެވެ.

ކުރީގެ އިނގިރޭސި ލީޑަރުން ކަމަށްވާ ޓޯނީ ބްލެޔާ،ގޯޑްން ބްރައުން އަދި ޑޭވިޑް ކެމަރޫން ފަދަ ބޭފުޅުންވެސް ވަނީ އެބޭފުޅުންގެ އޮޓޯބަޔޯގްރަފީ ގައި ރާނީއާއެކު ހޭދަކުރެވުނު ވަގުތުގެ ވާހަކަތައް ލިއުއްވާފައެވެ.

ބޮރިސްޖޯންސަންގެ ފޮތާބެހޭ ގޮތުން ބަކިންގހަމް ޕެލަސް އިން އަދި އެއްޗެއްނުބުނެއެވެ. ޝާހީއާއިލާ ގެ ކަންކަމާ ބެހޭގޮތުން ލިޔެވޭ ފޮތް ތަކާބެހޭ ގޮތުން އާންމު ގޮތެއްގައި ގަނޑުވަރުން އެއްޗެއް ނުބުނުމުގެ އުސޫލެއް ގެންގުޅެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް