ހިޒްބު ﷲ ގެ ޕޭޖަރުތައް ގޮއްވާލުމާ ގުޅޭ މީހަކު ނޯވޭއިން ހޯދަނީ

Loading

Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސް ކޯޕެންހޭގަނުން ދީފައިވާ ޚަބަރުތަކުގެ ތެރޭގައި ހިޒްބުގެ ޕޭޖަރުތައް ގޮއްވާލުމާ ގުޅޭ ގޮތުން އެ ޕޭޖަރުތަކުގައި އިލެކްޓްރޯނިކް ގޮވާތަކެތި ހަރުކުރި ކަމަށް ތުހުމަތުކުރެވޭ ބަލްގޭރިޔާގެ ކުންފުނީގެ މީހަކު ހޯދަން ބައިނަލްއަގްވާމީ އެހީއަށް މިދިޔަ ބުރާސްފަތި ދުވަހު ނޯވޭ ސަރުކާރުން އެދިފައިވާ ޚަބަރު ފާހަގަކުރެވެއެވެ.

ނޯވޭ ސަރުކާރުގެ ޖިނާއީ ތަޙްގީގުތަކާބެހޭ އިދާރާގެ ފަރާތުން އަސްޓޭ ޑަހްލޭ ސަންޑެޓް އެސޯޝިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދީފައިވަނީ ޕޭޖަރުތައް ގޮއްވާލި މީހުން ނޯވޭ ފުލުހުންގެ އެދުމުގެ މަތިން ދެނެގަތުމަށްޓަކައި ނޯވޭ ސަރުކާރުން ބައިނަލްއަގްވާމީ އެހީއަށް އެދިފައިވަނީ ކަމަށެވެ.

ނޯވޭ ސަރުކާރުން ހޯދަން ބޭނުންވެފައިވާ މީހާގެ ވަނަވަރުތައް އޭނާ ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އެ މީހާއަކީ ނޯވޭގެ ކުންފުންޏެއްގައި މަސައްކަތް ކުރަމުން ގެންދިޔަ މީހެއްކަން ވަނީ އެނގިފައެވެ.

ނޯވޭގެ ނިއުސް އޭޖެންސީ އެންޓީބީ އިން ބުނެފައިވަނީ 39 އަހަރުގެ އެ މީހާ މިދިޔަ ހަފުތާގައި އެމެރިކާއަށް ދިޔަކަމަށާއި އެހިސާބުން އޭނާ އުޅޭތަނެއް ނޭނގޭ ކަމަށެވެ. ނޯވޭގެ މަޝްހޫރު ވީޖީ ޓެބްލޮއިޑުން ފުލުހުންނަށް ހަވާލާދީ ބުނެފައިވަނީ އެމީހާ އެމެރިކާއަށް ގޮސް ފިލީ ކަމަށެވެ.

އެންޓީބީ އިން އިތުރަށް ބުނެފައިވަނީ އެމީހާއަކީ 12 ވަރަކަށް އަހަރު ނޯވޭގައި ދިރިއުޅެމުންގެންދާ އެކަމަކު އެހެން ގައުމަކަށް އުފަން މީހެއް ކަމަށެވެ. އޭނާ ދަތުރު ކޮށްފައިވަނީ ނޯވޭގެ ޕާސްޕޯޓެއްގައެވެ. އަދި އޭނާއަކީ ޕޭޖަރުތައް ގޮއްވާލުމަށްޓަކައި އިލެކްޓްރޯނިކް ޑިވައިސް ހަރުކުރިކަމަށް ތުހުމަތު ކުރެވޭ ބަލްގޭރިޔާ ކުންފުނީގެ ފައުންޑަރ-މެމްބަރެއް ކަމަށެވެ.

ޕޭޖަރުތައް ގޮއްވާލުމުގައި ބައިވެރިވަނީ ހަމައެކަނި ބަލްގޭރިޔާގެ ކުންފުނިކަމަށް ނުބެލެވޭ ކަމަށްވެއެވެ. މިދިޔަ ހަފުތާގައި އެ ޕޭޖަރުތަކުން ފެންނަ ތައިވާނުގެ ގޯލްޑް އެޕޯލޯ އިން ބުނެފައިވަނީ ހަންގޭރީގެ ބީއޭސީ އިން ގޯލްޑް އެޕޯލޯ ބްރޭންޑުގެ ނަން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށާއި އެކަމަކު ޕޭޖަރުތައް ގޮވާ ގޮތަށް ފަރުމާ ކުރުމުގެ ހުއްދަދީފައި ނުވާނެ ކަމަށެވެ. ގޮއްވާލި ޕޭޖަރުތައް ފަރުމާކޮށްފައިވަނީ ހަންގޭރީގެ ކުންފުނިން ކަމަށްވާނަމަ އެ ކަމުގެ ހުރިހާ ޒިންމާއެއް އެކުންފުނިން ނަގަން ޖެހޭނެއެވެ.

ހަންގޭރީގެ ގައުމީ ސަލާމަތާ ބެހޭ އިދާރާއިން ބީއޭސީގެ ސީއީއޯ އާއި އެތައްފަހަރަކު ސުވާލުކުރެވިއްޖެކަން އެސޯޝިއޭޓެޑް ޕްރެސް އަށް ހާމަކޮށްދީފައި ވެއެވެ. މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ޕޭޖަރުތައް ގޮވާ ގޮތަށް ފަރުމާ ކުރުމަކީ އެ ކުންފުނިން ކުރި ކަމެއްކަމުގައި ނުބެލެވެއެވެ.

އެ މީހާ މަސައްކަތްކުރި ނޯވޭގެ ކުންފުނި ޑީ އެން ގުރޫޕުގެ ސީއީއޯ އީމެއިލަކުން އެ ސޯޝިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދީފައިވަނީ އެމީހާއާއި ގުޅަން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބު ނުވާކަމަށެވެ. އަދި އޭނާ އެކުރި ކަންތައްތަކަކީ މި ކުންފުނީގެ މުއައްޒަފެއްގެ ހައިސިއްތުން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އޭނާ އެކަމެއް ކޮށްފައިވަނީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.

ނޯވޭ ސަރުކާރުގެ މި ފިޔަވަޅަކީ ބައިނަލްއަގްވާމީ ގޮތުން މިހާރު ތަހްގީގު ކުރެވެމުންދާ އެ މައްސަލާގައި ހިމެނޭ މީހުން ހޯދުމަށް އެޅި ފިޔަވަޅެކެވެ. ޕޭޖަރުތައް ގޮއްވާލުމުގެ ހާދިސާގައި 39 މީހުން މަރުވެ އާންމު ރައްޔިތުންގެ 3000 މީހުން ވަނީ ޒަޚަމްވެފައެވެ. ޕޭޖަރުތައް ގޮއްވާލުމަކީ އިސްރާއީލުން ކުރި ކަމެއް ކަމުގައި ލެބަނަން އާއި ހިޒްބު ﷲ އިން ގެންދަނީ ތުހުމަތު ކުރަމުންނެވެ. މިހާދިސާއާއި ގުޅޭގޮތުން އިސްރާއީލުން ވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް