ގދ.ނަޑެއްލާ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި އެ ރަށު ކައުންސިލުން ހިއްސާކުރައްވައިފިއެވެ.
މިކަން ނައިބު ރައީސާއި ނަޑެއްލާ ކައުންސިލުން ހިއްސާ ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލުގެ މެންބަރުން ވަނީ އެ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.
އެގޮތުން އެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތަކާއި، ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ހިމެނެއެވެ.
ހަމައެހެންމެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް އެކަމަށް ހައްލެއް ހޯދައިދިނުމާއި، ޒުވާނުންގެ މަރުކަޒާއި، ފުޓްބޯޅަ ދަނޑުފަދަ، މަސައްކަތްފަށައި ނުނިމިހުރި ކަންކަން އަވަސްކޮށްދިނުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ރަށުގެ ބަނދަރުގެ މަސައްކަތް އަވަސް ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
މީގެއިތުރުން ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަމުގައިވެސް، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ