ޒެލެންސްކީގެ އާދޭހަށް އެމެރިކާގެ ޖަވާބު

Loading

Facebook
Twitter
WhatsApp

ޖަރުމަނުގެ ރަމްސްޓީން އެއަރބޭސް އިން ރޮއިޓާރސް ދީފައިވާ މުހިންމު ޚަބަރުތަކުގެ ތެރޭގައި އެމެރިކާއާއި ހުޅަނގުން ފޯރުކޮށްދީފައިވާ މިލިޓްރީ ވަސީލަތްތައް ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދައަށް އެދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ކުރައްވަމުން ގެންދަވާ އާދޭހަށް އެމެރިކާގެ ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ދެއްވި ފިނި ޖަވާބު ފާހަގަ ކުރެވެއެވެ. ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ވަރަށް ސަރީހަ ބަހުރުވައިން ވިދާޅުވެފައިވަނީ ރަޝިޔާގެ އެތެރެއަށް ޔޫކްރެއިނުން ހަމަލާދޭން ފެށުމަކުން ހަނގުރާމައިގެ މިސްރާބު ޔޫކްރެއިނަށް ފަހިވާގޮތަށް ބަދަލުވެގެން ނުދާނެ ކަމަށެވެ.    

                                       

ޖަރުމަނުގެ ރަމްސްޓީންގައި ހުންނަ އެމެރިކާގެ އެއާރފޯސް ބޭސްގައި ބައްދަލުވުން ބޭއްވުނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ދުރު ރާސްތާ މިލިޓްރީ ވަސީލަތްތައް ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދައަށް އެދި ރައީސް ޒެލެންސްކީ ކުރައްވަމުންގެންދަވާ އާދޭސް އަޑުއަހައި އެއަށް ޖަވާބެއް ދިނުމަށެވެ. މިއީ ހަނގުރާމައިގާ ހޭދަވެގެންމިދާ 2 އަހަރާއި ބައި ގެ ތެރޭގައި ރައީސް ޒެލެންސްކީ ފުރަތަމަފަހަރު ރަމްސްޓީނަށް ވަޑައިގެންނެވި ފަހަރެވެ. 

އެ ބައްދަލުވުމުގައި ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ރައީސް ޒެލެންސްކީއަށް ޔަގީންކޮށް އެރުވިކަމަށްވަނީ އެމެރިކާއިން ޔޫކްރެއިންގެ ސަލާމަތާ ރައްކާތެރިކަމަށް އަބަދުވެސް އެހީތެރިވެ ދޭނެ ކަމަށެވެ. އަދި މިހާރުން މިހާރަށް އިތުރު 250 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ކަށަވަރު ކޮށްދެއްވިއެވެ. އެހެންނަމަވެސް ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުން ހަނގުރާމައިގެ މިސްރާބު ވަރަށް ނުރައްކާތެރި ދިމާލަކަށް ބަދަލުވެގެން ހިނގައިދާނެކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވިއެވެ. އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ އޭޓީއޭސީއެމް މިސައިލްތަކާއި އިނގިރޭސި ވިލާތުން ދީފައިވާ ސްޓޯރމް ޝެޑޯ މިސައިލްގެ ކަވަރ-ރޭންޖުގެ ބޭރުން ޔޫކްރެއިންގެ އެތެރެއަށް ގްލައިޑް ބޮމުން ހަމަލާ ދިނުމަށްޓަކައި ފައިޓަރ-ޖެޓްތައް ރަޝިޔާއިން މިހާރުވެސް ވަނީ ޖަމާކޮށްފައެވެ. އަދި ރަޝިޔާގެ ހަމަލާތައް ހުއްޓުވޭނެ ވަކި ވަސީލަތެއް ކަނޑައަޅައި ބުނަން ނޭގޭކަމަށްވެސް ބައްދަލުވުން ނިންމުމަށްފަހު ނޫސްވެރިންނަށް ދިފާއީ ވަޒީރު މައުލޫމާތު ދެއްވި ކަމަށް ވެއެވެ. އަދި މިވަގުތައް އެންމެ ރަނގަޅުވާނީ ޔޫކްރެއިނަށް ލިބިފައިވާ ވަސީލަތްތައް ބޭނުން ކޮށްގެން ރަޝިޔާއަށް ހަމަލާ ދެމުން ގެންދިއުމެވެ. ރަޝިޔާއަކީ ބޮޑު ގައުމެކެވެ. ހަމަލާތައް އަމާޒު ކުރެވިދާނެ މުހިންމު ގިނަތަންތަން ހުންނާނެއެވެ. 

މި ބައްދަލު ކުރުމުގައި ޖަރުމަނުންވެސް ސެލްފް-ޕްރޮޕެލްޑް 12 ހަވިޒަރ ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ކެނެޑާއިންވެސް 80 ހާހަށްވުރެން ގިނަ އެއާރ-ޓް-ސަރފޭސް ރޮކެޓާއި އިތުރު 1300 ވޯރހެޑްސް ފޯރުކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ.

ރައީސް ޒެލެންސްކީ ގަދައަޅައި ވިދާޅުވަމުން ގެންދެވީ ދުރު-ރާސްތާ މިލިޓްރީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންވަނީ އެހެންގޮތަކަށް ރަޝިޔާ އިން ސުލްހައިގެ މަޝްވަރާތަކަށް ގެނެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ. 

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން މިހާރުވެސް ހުރީ ޔޫކްރެއިނަށް ދުރު-ރާސްތާ މިލިޓްރީ ވަސީލަތްތައް ފޯރުކޮށްދީފައެވެ. އެކަމަކު އެ ވަސީލަތްތައް ބޭނުންކޮށްފިނަމަ ރަޝިޔާއާއި ދެކޮޅަށް އެގައުމުތަކުން ވެސް ޔޫކްރެއިން ހަނގުރާމައިގާ ބައިވިރިވީ ކަމަށް ރައީސް ޕޫޓިން ދެކިވަޑައި ގެންފާނެތީ އެ ވަސީލަތްތައް ބޭނުންކުރަން ޔޫކްރެއިނަށް ހުއްދަ ދިނުމުން އެކަހެރިވެފައި ވަނީއެވެ. 

ނޮވެމްބަރު މަހުގައި ބޭއްވޭ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ސަބަބުންވެސް “ ގޮތެއް ނިންމުމުގައި “ އެމެރިކާގެ އޮފިޝަލުންތިބީ ފަހަތުފަޔަށް ބުރަވެފައެވެ. ކަމަލާހަރިސް ކާމިޔާބު ކުރައްވައިފިނަމަ ޔޫކްރެއިނަށް ތާއީދު ކުރައްވާނެއެވެ. އެކަމަކު ޑޮނާލްޑް ޓްރަމްޕް އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މިހާރުވެސް ގެންދަވަނީ އެމެރިކާއިން ޔޫކްރެއިނަށް ކުރަމުންގެންދާ ބޮޑު ޚަރަދާދޭތެރޭ ދަތްކުނޑި ވިކަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް