ހަމާސްއިން މަރާލި ކަމަށް ބުނާ 6 ރަހީނުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ހާރޝް ގޯލްޑް ބާރގް-ޕޯލިން ވަޅުލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އާއިލާގެ ފަރާތުން ފާހަގަކުރާ ހިތާމަ ކުރުމުގެ 7 ދުވަސް ގުނަމުންދާއިރު އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓުވާކަށް ނުވޭތޯ “ ހޮސްޓޭޖަސް އެންޑް މިސިންގ ފެމިލީސް ފޯރަމް “ ގައި ދުނިޔޭގެ ލީޑަރުންނަށް އެ އާއިލާގެ ފަރާތުން ސުވާލުތައް ކުރިމަތި ކޮށްފައެވެ.
ރަހީނުންނަށް ކުރަމުން ގެންދާ އަނިޔާތައް ހަމާސްއިން ހާމަކުރުމުގެ ބޭނުމަކީ ރަހީނުންގެ އާއިލާތަކުގެ ސިކުނޑިތަކަށް ބިރުވެރިކަން ވެއްދުމުގެ ބޭނުމުގައި ކަމަށް ބުނެ އެ ފޯރަމްގައި ހަމާސްއަށް ނުރުހުން ފާޅުކޮށްފައިވެސް ވެއެވެ. ހާރޝް ގޯލްޑް ބާރގް-ޕޯލިން ރަހީނުކޮށްފައި ވަނީ އިސްރާއީލުގެ ސުޕަރނޯވާ މިއުޒިކް ފެސްޓިވަލްގައި ބައިވެރިވަމުން ގެންދަނިކޮށް އޮކްޓޯބަރ 7 ގައި ހަމާސްއިން އެތަނަށް ދިން ހަމަލާގައި ކަމަށާއި އެ ހަމަލާގައި އޭނާގެ އެއް އަތުގެ ބައެއް ބުރިވެފައިވާ ކަމަށް އެން ބީ ސީ ނިއުސްގައި ބުނެފައި ވެއެވެ.
އޮކްޓޯބަރ 7 ގައި ހަމާސްއިން ރަހީނުކުރި އިސްރާއީލުގެ 250 މީހުންގެ ތެރެއިން އަދިވެސް ސަތޭކައެއްހާ މީހުންތިބީ ހަމާސްގެ ރަހީނުންގެ ގޮތުގައެވެ. ބެލެވޭ ގޮތުގައި 250 މީހުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މީހުން މިހާރު ވަނީ މަރާލާފައެވެ.
ހާރޝް ގޯލްޑް ބާރގް-ޕޯލިން ވަޅުލުމުގެ މަސައްކަތުގައި އުޅެމުން އޭނާގެ މަންމަ ބުނެފައިވަނީ “ އަހަރެންގެ ދަރިފުޅު މަރުވުމަކީ ހަނގުރާމަ ހުއްޓުމަށް މަގުފަހިވުމެއް ކަމުގައި ވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ. “ އެހެންނަމަވެސް ބޮޑުވަޒީރު ނަތަންޔާހޫ ގެންދަނީ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ ކޮންމެ މަޝަވަރާއެއްގައި އިދިކޮޅަށް ބޯހޫރަމުންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އެންމެ ފަހުންވެސް ވިދާޅުވެފައި ވަނީ ރައީސް ބައިޑްން ހުށައެޅުއްވި ގަރާރުގެ މައްޗަށް %90 އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށެވެ.
އިސްރާއީލުގެ މިލިޓްރީން ބުނެފައި ވަނީ އެ 6 ރަހީނުން މިނިވަންކުރަން ކުރި މަސައްކަތް ކާމިޔާބު ކުރެވުމުގެ ކުރިން ހަމާސްއިން އެމީހުން މަރާލީ ކަމަށެވެ. މީގެ ކުރިންވެސް ހަމާސްގެ އަލް ގައްސާމް ބްރިގޭޑުން ވަނީ ބާރުގެ ބޭނުންކޮށްގެން މިނިވަން ކުރަން މަސައްކަތްކުރާ ކޮންމެ ރަހީނަކު ގެންދަންޖެހޭނީ ސަންދޯކަށް ލައިގެން ކަމަށް އިންޒާރު ދީފައެވެ. ރަހީނުންނާމެދު ހަމާސް އިން ދެން އަމަލުކުރަމުންގެންދާނީ މިހާރު ލިބިފައިވާ އިރުޝާދާ އެއްގޮތްވާގޮތުގެ މަތިންނެވެ.