މަރުވުމުގެ ކުރިން ތައުބާ ނުވާނަމަ ނުފުއްސަވާނެ ކަމަށް އަންގަވާފައިވާ ހަމައެކަނި ފާފައަކީ އެކަލާނގެއަށް ޝަރީކުކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ޚުޠުބާގައި ބުނެފައިވަނީ މާތް ރަސްކަލާނގެ ހައްދަވާފައިވާ މަޚުލޫގުންކުރެ އިންސާނުން ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވި މާތް ރަސްކަލާނގެއަށް ޝަރީކުކުރުން ނުވަތަ އެކަލާނގެއާއި އެކަލާނގެ މަޚުލޫގުން ހަމަހަމަކުރުން ކަމަށާއި ނުވަތަ އަޅުުކަމުގައި ބައިވެރިކުރުން ކަމަށެވެ.
މާތް ރަސްކަލާނގެ އިންސާނުންގެ ގާތަށް ފޮނުއްވި އެންމެހައި ރަސޫލުން ވެސް ގޮވައިލައްވައިފައިވަނީ އެކަލާނގެ އެއްކައުންވަންތަކަން ގަބޫލުކުރުމަށާއި އެކަލާނގެއަށް ޝަރީކު ނުކުރުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ކަންމިހެން ހުރި ނަމަވެސް އެކި ގޮތްގޮތުން މާތް ރަސްކަލާނގެ އާ ޝަރީކު ކުރާ މީހުން މި ދުނިޔޭގައި މަދެއް ނޫން ކަމަށާއި އެއްބަޔަކު ޝަރީކު ކުރަނީ އެބައިމީހުންނާއި އެކަލާނގެއާ ދެމެދު ގުޅުން ބަހައްޓަން ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ. އަދި
އަނެއް ބަޔަކު ޝަރީކު ކުރަނީ އެކަލާނގެ ހެއްދެވި ބައެއް މަޚުލޫގުންނަކީ އެކަލާނގެއަށް ލިބިވޮޑިގެންވާ ފަދަ ބާރުތަކާއި ކުޅަދާނަކަމާއި އިޚުތިޔާރުތަކެއް ލިބިގެންވާ ފަރާތްތަކެއް ކަމަށް ގަބޫލުކޮށްގެން ކަމަށާއި މި ހުރިހައި ކަމަކީ ވެސް އެފަދަ މީހުން ކުރާ ދޮގު ދައުވާތަކެއް ކަމަށެވެ.
ޚުޠުބާގައި ބުނެފައިވަނީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ހަދީސްތަކުގެ މައްޗަށް ބުރަވެ އިލްމުވެރިން އެއްބަސްވެވަޑައިގެންފައިވަނީ ކުރާ ހެޔޮ އަމަލުތައް ގަބޫލުކުރެއްވުމުގައި ދެ ޝަރުތެއް ފުރިހަމަވާންޖެހޭ ކަމަށް ކަމަށާއި އެ ދެ ޝަރުތު ފުރިހަމަނުވާނަމަ އެ އަމަލެއް ގަބޫލުނުކުރެއްވޭނެ ކަމަށް ކަމަށެވެ.
އެއް ޝަރުތަކީ މާތް ރަސްކަލާނގެ އަށް އިޚުލާސްތެރިވުން ކަމަށާއި އެކަމުގައި އެއްވެސް ކަހަލަ ކަންދެއްކުމެއް އަމިއްލަ އެދުމެއް ނެތުން
ދެވަނަ ޝަރުތަކީ އެކަމަކީ ޝަރުއީ ދަލީލަކުން ސާބިތުވާ ކަމަކަށްވުން ކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ޝިރުކުކުރުމަކީ ހަމައެކަނި ބުދަށް އަޅުކަން ކުރުމެއް ނޫން ކަމަށާއި އަދި އެ ނޫންވެސް އެފަދަ ތަކެއްޗަށް އަޅުކަން ކުރުމެއް ނޫން ކަމަށާއި އަހަރެމެންނަށް ނޭނގި ހީވެސްނުކުރާފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ ކަމަށް ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެެއެވެ. އަދި މުސްލިމުން ކަންކުރަންވާ ގޮތް ދީނުގައި ވަރަށް ފުރިހަމައަށް އަންގަވާފައިވާ ކަމަށާއި އެކި ފަރާތްތައް މާތްކުރަންވާނީ އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ މިންވަރަށް ކަމަށާއި ޤުރުއާނާއި ހަދީސްތަކާ ޚިލާފަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކަށް މަގުފަހިވެދާނެ ކަންކަން ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.