އެ ސިއްރު

Loading

Facebook
Twitter
WhatsApp

އެއީ އަހަރެން ސްކޫލް ނިމުނު އަހަރެވެ.އޭރު އަހަރެންނަކީ ނަފްސާނީ ގޮތުން ވަރަށް ތަފާތު މޫޑުތަކެއް ތަހައްމަލް ކުރަމުންދާ ޒުވާނެކެވެ. އެހެން ކަމުން އޭލެވެލް ނިމުމުން މަންމައާއި ބައްޕަ ލަފާދިނީ ކޮންމެވެސް ތާކަށް ދަތުރެއް ކޮށްލުމަށެވެ. އެކަމަށްވެސް ފަރުވާއަކަށް ވާނެ ކަމަށް ބުނެއެވެ.

ރައްޓެހި އީނާޒް އަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުއްޖެކެވެ.ސްކޫލް ނިމުމުން އޭނަ ރަށަށް ދާއިރު އޭނަޔާއެކީ އެއަތޮޅަށް ގޮސްލުމަށް ވަނީ ދައުވަތު ދީފައެވެ. އަހަރެންގެ މަންމައާއި ބައްޕަވެސް އަހަރެން އެދަތުރު ދިއުމަށް ނަސޭހަތް ތެރިވިއެވެ. ރަގަޅު ”ބްރޭކް“ އަކަށް ވާނެކަމަށް ބުންޏެވެ.

މާލެސިޓީ އާއި ޚިލާފަށް އައްޑޫސިޓީ އަކީ ވަރަށްވެސް ބޮޑު ރަށެކެވެ. ކާރެއް ނުވަތަ ސައިކަލްގައި ނޫނީ އެއްތަނުން އަނެއްތަނަށް ނުދެވޭނެއެވެ.

އައްޑޫ ދަތުރު ވަރަށް ވެސް މަޖަލެވެ. އުފާވެރިއެވެ. އިތުރު ބައެއް ރައްޓެހިން ވެސް ދަތުރުގައި ބައިވެރިވިއެވެ. އެހެންކަމުން މިއުފާވެރި ދަތުރު ގެ ސަބަބުން އަހަރެންގެ ނަފްސާނީ މައްސަލަތައްވެސް ފިލާގޮސްފި ކަހަލަ އެވެ.

ވަރަށްވެސް ވިއްސާރަ ހަވީރެކެވެ.ގަޑިން ހައެއްޖަހާ އެހާކަންހާއިރެވެ. އެއްޗެއް ގަނެލަން ޖެހިގެން ވާރޭ ހުއްޓާލާފަ އޮތް ވަގުތަކު އަހަރެން ސައިކަލުގަ ނައްޓާލައިފީމެވެ. ފިހާރަޔަށް  ގޮއްސަ އަންނަނިކޮން ކުއްލިއަކަށް ވާރޭ އޮއްސާލައިފިއެވެ. ހަމައެވަގުތު އަހަރެންގެ ސައިކަލުވެސް ހުއްޓުނެވެ. އަހަރެން އަވަސް އަވަހަށް ޖެހިގެން ހުރި ގޭގެ ދޮރުމަތީގަ ސައިކް ބަހައްޓާފަ ހިޔާވުމަށް އެގޭ ދޮރުއަށި ކައިރިއަށް ޖެހިލައިފީމެވެ. ވަރަށް ބޯކޮން ވާރޭ ވެހެމުން ދެއެވެ.

ކުއްލިއަކަށް އެގޭތެރޭން މީހަކު ބޯދިއްކޮށްލިއެވެ. އަދި އަހަރެންނާދިމާލަށް ހީލަމުން ހިޔާވުމަށް އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ.

އަހަރެން އަޑުމަޑުން އެތެރެޔަށް ވަނީމެވެ. އެވަގުތު އެފިރިހެން މީހާ އަހަރެން އަތަށް ތުވާއްޔެއް ދިއްކޮށްލިއެވެ. އަދި ކޮންމެވެސް ވަރަކަށް ހިކިލުމަށް ބުނަމުން ސިޓިންގރޫމްގައި ހުރި ފާޚާނާ ދައްކާލިއެވެ.

އޭނާ ވާހަކަދައްކަމުން ދިޔައިރު އަހަރެން ރަގަޅަށް ބަލާލީމެވެ. ބޯހުރީ އެއްކޮން ހުދުވެފައެވެ.ނަމަވެސް ހަށިގަޑު ވަރަށް ވެސް ވަރުގަދަވެފައި ޒުވާނެވެ. އެއްވެސް ވަރަކަށް ބަނޑެއްނެތެވެ. ހުރީ ޓްރެކްސޫޓަކާ އަތްދިގު ހުޑީ ޓީޝާޓް އެއްލައިގެންނެވެ. އުމުރު ”ގެސް“ ކޮށްލަންވެސް ނޭނގެއެވެ.

އަހަރެން ތުވާލިން ފެން ފުހެލައިގެން އައުމުން ހޫނު ކޮފީ ތައްޓެއް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. އަދި ބުންނެވެ.

”ވާރޭ ހުއްޓާލަންދެން މިގޭގަ މަޑު ކޮށްލަންވީނޫންހެއްޔެވެ؟ ވާރޭ ހުއްޓާލީމަ އަހަރެން ކާރުގަ ގެންގޮސްދޭނަމެވެ.“ އަދި ބުންނެވެ. ”މިގޭގަ މިވަގުތު މިއުޅެނީ އަހަރެން އެކަންޏެވެ. އަހަރެންގެ އަންހެނުންނާ ކުދިން ވީ މާލޭގައެވެ. އަހަރެންވެސް އާންމުކޮން އުޅެނީ މާލޭގައެވެ. ވިޔަފާރި ބޭނުމަކު މިދުވަސްކޮޅު މިކޮޅުގަ ހުރީއެވެ.“

ސިޓީންގރޫމް ގޮޑިއެއްގައި އަހަރެން އިށީނުމުން ޖެހިގެން އޭނަވެސް އިށީނެވެ. އަދި އެކި އެކި ލުއި ވާހަކަ ދައްކަމުން ގެންދިޔައެވެ. އެވަގުތު ބޭއިޚްތިޔާރުގައި އަހަރެންވަނީ އޭނަގެ ރީތިކަމުގެ ޖާދޫގައި ޖެހިފައެވެ. އިގިރޭސި ބަހުން ބުނާ ”ޓޯލް ޑާކް އެންޑް ހެންޑްސަމް“ މީހެކެވެ. ވާހަކަ ދައްކަމުން ދިޔައިރު އަތަށް ތަފާތު ހަރަކާތްތައް ގެންނަމުން ދިޔައެވެ. އަތްތިލަ ވަރަށް ސާފުތާހިރު ވެފައި ހަން އޮމާނެވެ. ރީތި ހިނިތުންވުމެކެވެ. ހީނލާއިރު ފެންނަނީ ހުދު ހުދު ދަތްޕިލައެކެވެ. އެހާކައިރީގައި އިން އިރު ދުވަނީ މަޑުމަޑު މީރު ސެންޓެއްގެ ވަހެވެ. އިސްތަށިގަނޑު ހުދުވެފަ ހުރިނަމަވެސް ބޯވެފަ ސްޓައިލް ކޮށްފަ ހުރިލެއް ވަރަށް ރީއްޗެވެ.

ވަށައިގެން އިވެނީ ބޯވާރޭގެ އަޑެވެ. މީހާ ކަންނެތް ކުރުވާ، ރިލެކްސް ކޮށްލާކަހަލަ މާހައުލެކެވެ. އެވަގުތު އިށީދެގެން އިން ސޯފާގެ ފަހަތުގައި ބޭއިޚްތިޔާރުގައި އަހަރެންނަށް ބޯޖައްސާލެވުނެވެ. އަދި ލޯމަރާލެވުނެވެ. ބެކްގްރައުންޑުން މަޑުމަޑު މިއުޒިކެއްގެ އަޑު އިވިއިވި ހުއްޓެވެ.

އަހަރެން ލައިގެން ހުރީ ފައިގެ ފަލަމަސްގަނޑާ ހަމަޔަށް އަރާ ހެދުމެކެވެ.ތިރިން ހަރުވާޅެއް ނެތެވެ. މަޑުމަޑުން ލޯމަރާލައިގެން އިންދާ އަހަރެން ސިއްސައިގެން ދިޔައީ ފިނިފިނި އަތެއް އަހަރެންގެ ފައިގަ ބާއްވާލުމުންނެވެ. ލޯހުޅުވާލިއިރު އެރީތި މޫނު ވަނީ އަހަރެންގެ މޫނާ ދާދި ކައިރީގައެވެ.ތުންފަތުގައިވަނީ މަޑުމަޑު ހިނިތުންވުމެކެވެ. އަހަރެންނަށް ދައުވަތެއް ދޭކަހަލައެވެ.

ސިކުޑީގެ ކޮންމެވެސް ހިސާބަކުން އަހަރެންގާތު ބުނާހެން ހީވިއެވެ.އަވަހަށް އިންތަނުން ތެދުވާށެވެ. އޭނަގެ ހަރަކާތްތަކަށް ހިއްވަރު ނުދޭށެވެ. ނަމަވެސް އަހަރެންގެ ފުރާފުރިހަމަ ވެފައިވާ އަންހެންވަންތަ ކަމުގެ ހިއްސުތައް އެދުނީ ތަފާތު ގޮތަކަށް ކަންތައް ކުރުމަށެވެ. ތެދުވުން މަނާކުރިއެވެ. އޭނަގެ އެލޯބި ”ސޮފްޓް“ ނަޒަރާ އަހަރެންގެ ދެލޯ ބައްދަލް ކުރުވިއެވެ. ދުރަށް ޖެހޭ ހިތެއް ނުވިއެވެ. ބޭނުންވީ އޭނަ އެފެށި ކަންތައް ކުރިޔަށް ގެންދާށެވެ.ނޭވާ އަވަސްވެ މޭތެޅެންފެށިއެވެ. ނަމަވެސް ސޯފާއިން ތެދުވުމުގެ ބަދަލުގައި ދެމީހުން އެކުގައި ރަނގަޅަށް ސޯފާތެރެޔަށް ފެތުނީއެވެ. އަހަރެންގެ ބޭއިޚްތިޔާރުގައެވެ.

އެވަގުތު ކަންތައްވީގޮތް ޚުދް އަހަރެންނަށްވެސް ނޭގެއެވެ.

އަހަރެންނަށް ހޭވެރިކަން ވީއިރު ރޭގަނޑު 11 ޖަހަނީއެވެ.އަހަރެން ކުއްލިއަކަށް ތެދުވެ އަވަހަށް ގެއަށް ދާންބޭނުންކަމަށް ބުނީމެވެ. އޭނަވެސް ރަކިފާޑަކަށް ހީލަމުން ”ސޮރީ“ އޭ ބުންޏެވެ.އަދި ކޮޓަރިތެރެޔަށް ވަނެވެ.އަހަރެން އެވަގުތު ފާޚާނާޔަށް ވަދެފަ ނިކުމެ ގެއަށްދާން ރެޑީވީމެވެ. އޭނަގެ ރީތި ކާރުގަ ގެޔަށް ދިޔަމަގުމަތީ ދެމީހުންކުރެ އެކަކުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ގެޔަށް ދިޔައިރު އެންމެން ތިބީ އަހަރެން ވީތަނެއް ނޭގިގެން ކަންތައް ބޮޑުވެފައެވެ. އަހަރެން އެކަކާ ދިމާލަށްވެސް ބަލާލުމެއްނެތި ދިޔަގޮތަށް ގޮސް އެނދަށް އަރާ އޮށޯތީމެވެ.

އޭގެ އެއްހަފްތާ ފަހުން އަހަރެން މާލެއައިމެވެ. އޭރު މަންމަމެންވަނީ އަހަރެން މީހަކާ ދެވުމަށް ރާވާ ހުރިހާކަމެއް ނިންމާފައެވެ. މާލޭގަ އުޅޭ އައްޑޫގެ މުއްސަދި އާއިލާ އަކަށް ނިސްބަތްވާ ފިރިހެން ކުއްޖެއް ކަމަށް މަންމަ ބުންޏެވެ.އަހަރެންވެސް މާބޮޑު ދެކޮޅު ހެދުމެއް ނެތި އެއްބަސްވީމެވެ.

އަހުމަދާ އަހަރެންގެ ލޯބީގެ ދުވަސްތައް ފެށިގެން ކުރިޔަށް ގޮސް އެންމެ ފަހުން އަހުމަދުގެ މަންމައާއި ބައްޕައާ އަހަރެން ބައްދަލް ކުރުވަން ބޭނުންކަމަށް އަހުމަދު ބުނެފިއެވެ. އަހަރެންވެސް ވަރަށް އުފަލުން އެއްބަސް ވީމެވެ.

އެރޭ ވަރަށް ރީތިކޮން ނަލަ ހެދިލައިގެން އަހުމަދާއެކީ އެގެޔަށްގޮސް އަހުމަދު ހެވިފައިހުރެ ބެލް އަޅާލިއެވެ. ދެމީހުން އެކީ ލިފްޓުން މައްޗަށް އެރިތަނާ މީހަކު އެޕާޓްމަންޓް ދޮރު ހުޅުވާލިއެވެ. އަހަރެންގެ ގައިގަހީވީ މީހަކު ކަރަންޓް ޖެއްސި ހެންނެވެ.އެތެރޭގަ ހުރީ އައްޑޫގެ އެއްރޭގެ ލޯބިވެރިޔާއެވެ.އޭނަވެސް ކުޑައިރުކޮޅަކަށް ހުއްޓުން އެރިއެވެ. ނަމަވެސް ދަރިފުޅާ އަވަހަށް މަރީ ގޮވައިގެން ވާންނާށޭ ބުންޏެވެ. އަހަރެންގެ ދެފައި ހުރިތަނުން ގުޑުވާލަންވެސް ނޭގިފަ ހުއްޓާ އޭނަ ވަރަށް ހަމަޖެހިލާފަ ވާހަކަ ދައްކަން ފެށިއެވެ. އަވަހަށް އެތެރެޔަށް ވަނުމަށް އެދެމުންނެވެ. ތަޤްދީރު އަހަރެންނަށް މި ކުރިމަތިކުރީ ކޮންފަދަ އިމްތިހާނެއްބާވައޭ ހިތަށް އެރިއެވެ.

އަހަރުންނަށްޓަކާ އެގޭގައި ވަރަށް ފުރިހަމަ ސުފުރާއެއް ތައްޔާރު ކޮށްފައި ވެއެވެ.އަހުމަދުގެ ކޮއްކޮމެން އަހަރެންގެ ވަށާލައިގެން ހީވަނީ އެހެން ކަމެއް ހެންނެވެ. ދޮންބެ ދައްތަ އައިމަ އުފަލުންނެވެ. އެންމެން ވާހަކަދައްކަނީ އެއްފަހަރަކާއެވެ.

ކެއުން ކުރިޔަށް ދިޔައިރު އަހުމަދުގެ ބައްޕަ ބޮޑަށް ވާހަކަދެއްކީ އަހުމަދާއެވެ.ވިޔަފާރީގެ އެކި ވާހަކަތަކެވެ. ގެސްޓް ހައުސް ހަދަން އައްޑޫން ބިންހޯދަން ގަސްތުކުރާކަމަށްބުނެ އެކަމުގެ ވާހަކަ ތައް ކުރިޔަށް ގެންދިޔައެވެ. އަދި އަހުމަދާ އެކިކަންތައް ހާވާލު ކުރިއެވެ. އަހަރެންނާ ދިމާލަށް ބައެއް ފަހަރު ބަލާލިނަމަވެސް ހަތަރުކަޅި ބައްދަލު ނުކުރެއެވެ.

ނުލިޔެވޭ،އަތްނުލެވޭ އެއްބަސްވުމެއްގެ ދަށުން އަހަރެންނާ އަހުމަދުގެ ބައްޕަވެސް ނިންމައިގެން ތިބީ އެރޭގެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުދެއްކުމަށެވެ. އެއީ ނުވާކަމަކަށް ހެދުމަށެވެ. ބޮޑު ސިއްރު ބޮޑު ސިއްރެއްގެ ގޮތުގައި ބޭއްވުމަށެވެ.

އަހަރެންނާ އަހުމަދު ގެ ކައިވެނި ކުރެވިއްޖެއެވެ. އަހުމަދުވެސް އަހުމަދުގެ އާއިލާގެ އެންމެންވެސް އަހަރެންދެކެ ވަރަށް ލޯބިވެއެވެ. އަހަރެން ގެންގުޅެނީ ކުއީން އެއް ހެނެވެ. ކައިވެންޏަށް ނުވަމަސްވީތަނާ އަހަރުމެންނަށް ލޯބި ދެފިރިހެން ކުދިން ލިބުނެވެ. އެއްމާބަނޑު ދެބެންނެވެ. ދެބެންނަށް ނަންދިނީ އަޒްމީން އާއި އަޒްލާން އެވެ.

އަހަރެންގެ ”ލައިފް“ ވަރަށް ވެސް އުފާވެރިއެވެ.ދެފަރާތުގެ އާއިލާގެ ލޯތްބާއި އޯގާތެރިކަމާ އެކު ދެކުދިންވެސް ވަރަށް އުފަލުން ތިބެ ބޮޑުވަމުން އާދެއެވެ.

އަހަރެންނަށް ހީވާއެއްޗަކަށްވެސް ވެދާނެއެވެ. ކުދިންގެ ދެކާފައިންގެ ތެރެއިން އައްޑޫ ކާފަދެކެ ކުދިން މާބޮޑަށް ލޯބިވެއެވެ. ކިރިޔާ ހިނގޭ އިރުން ފެށިގެންވެސް އަހުމަދުގެ ބައްޕަ އަންނައިރަށް ދެމީހުންވެސް ތިބިތަނަކުން ދުވަމުން ދުވަމުން ނިކުމެ އުރުވާނެއެވެ. ނުވަތަ އިށީދެގެން އިންނަމަ އުގަށް އަރާނެއެވެ.

ކުދިންގެ އުމުރުން 5 އަހަރަށް އަޅާފަ ވަނިކޮން އަޒްމީންގެ ކިބައިގަ ލޭގެ ބައްޔެއް ހުންނަކަން އެގުނެވެ. އަހަރެންގެ ހިތް ކުދިކުދިވިއެވެ. ނަމަވެސް އަހުމަދު ވަރަށް ހިތްވަރުގަދައެވެ.އަހަރެންނަށް ނަސޭހަތް ތެރިވަމުން އަހަރެން ކޮޅަށް ޖެހިއެވެ. އަދި ފަރުވާގެ ކަންތައް އަވަހަށް ފެށިއެވެ. ރާއްޖޭން ބެލެން ހުރި ހުރިހާގޮތަކަށް ބެލުމަށްފަހު ބެންކޮކަށްވެސް ދާނެ ކަމަށް ބުންޏެވެ.

ނަސީބު ރަގަޅުކަމުން އަހަރުންނާ ދިމާވީ ވަރަށް ވެސް ރަގަޅު ޑޮކްޓަރަކާ އެވެ.ކަމަށް ކަމޭ ހިތާ ޑޮކްޓަރެކެވެ.ބޭސްތަކެއް ދިނުމުގެ ކުރިން ފުރަތަމަވެސް ދެބެންގެ އިތުރުން އަހަރެންނާ އަހުމަދުގެވެސް ލޭގެ އެނޭލިސިސްއެއް ހެދިއެވެ. ލެއިން ނެގޭނެ ހުރިހާ މައުލޫމާތެއް އެއްކުރިއެވެ.

އަހުމަދު ގަވާއިދުން ޑޮކްޓަރާ ބައްދަލުކުރަމުން ގެންދެއެވެ.

އެއްދުވަހަކު ކުއްލިގޮތަކަށް އަހުމަދު ޑޮކްޓަރާ ބައްދަލް ކުރުމަށް ޑޮކްޓަރު އެދުނެވެ. މިވާހަކަ އަހަރެންނާގުޅާފަ އަހުމަދު ބުންޏެވެ. އަދި އަހުރެންވެސް އެވަގުތު ކްލިނިކަށް ދިއުމަށް އެދުނެވެ.

ދެމީހުން ގޮސް ކްލިނިކަށް ވަނުމުން އިށީނުމަށް ބުނަމުން ޑޮކްޓަރު ގޮސް ކޮޓަރީގެ ދޮރު ތަޅުލިއެވެ. އަދި ވާހަކަ ކުރިއަށް ގެންދިޔައެވެ.

”އަހަރެން މިއަދު މިބުނާ ވާހަކަ އަކުން ތިޔަ ދެމަފިރިންގެ ހަޔާތަށް ތޫފާނެއްވެސް އައުން އެކަށީގެންވެއެވެ. އެކަމަކު އަހަރެން ނިންމީ ސިއްރު ކޮށްފައި ނުބާއްވާ ހާމަކަމާއެކު ބުނާށެވެ.“

”ޓެސްޓް ތަކުން ދައްކާ ގޮތުގައި ދެކުދިންގެ ބައްޕަ އަކީ އަހުމަދެއްނޫނެވެ.“

އެވަގުތު އެކޮޓަރި ތެރޭން ހީވީ ވައި ހުސްވިހެންނެވެ. އަހަރެންނަށް ނޭވާ ނުލެވިގެން ތެޅިގަނެވުނެވެ. ދެމީހުންގެވެސް ލޯހުރީ ބޮޑުވެފައެވެ.އަހުމަދު އަހަރެންނާ ދިމާލަށް ބަލާލިއިރު އަހަރެންނަށް ހީވީ އެއީ ދުވަހަކު ނުވެސް ދެކޭ މީހެއް ހެންނެވެ. ”ސްޓްރޭންޖާ“ އެއް ހެނެވެ. އެހާވެސް އޭނަގެ ނަޒަރު ހަރުކައްޓެވެ. އޭރު ޑޮކްޓަރު ވާހަކަ ކުރިޔަށް ގެންދިޔައެވެ.

”މިފަދަ ނަތީޖާއެއް ފެނުމުން އަހަރެން ވެސް ވަރަށް ހައިރާންވިއެވެ.އެހެން ކަމުން އަހަރެން ނިންމީ ހަތަރު މީހުންގެ ޑީއެންއޭ ޓެސްޓެއްވެސް ހަދާށެވެ. ޑީއެންއޭ ޓެސްޓުންވެސް ވަނީ މިކަން ކަށަވަރުވެފައެވެ.“ މިހެން ބުނެ އޭނަ ކަރުދާސް ފުންނެއްނަގާ އެކިނަތީޖާ ތައް ދައްކަމުން އަހުމަދަށް ތަފްސީލް ކިޔާދޭން ފެށިއެވެ. އިރުކޮޅަކުން ކަރުދާސްތައް އެއްކޮށްލުމަށްފަހު ނަގާ އަހުމަދާ ހަވާލު ކުރަމުން ވަރަށް މަޑުމަޑުން އަހުމަދުގެ ކޮޑުގައި ހިފާލަމުން  ސޮރީ އޭ ބުނެލިއެވެ.

އަހަރެންނާ އަހުމަދު ކުއްލިއަކަށް ”ސްޓްރޭންޖާސް“ އަށް ވެއްޖެއެވެ. ތިރިޔަށް ދިޔައިރު އަހުމަދު އަހަރެންގެ މޫނަށް ބަލާވެސް ނުލައެވެ.ކާރުގައި ގެޔަށް ދިޔައިރުވެސް ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ.

އޭނަޔަށް ކެތް ކުރެވުނީ ވަކިވަރެއް ވަންދެނެވެ.އެންމެ ފަހުން ކޮޓަރީގައި އެކަނި ތިބި ވަގުތަކު ދޮރުތަޅުލުމަށްފަހު ވަރަށް ބާރަށް އެހިއެވެ.މަރީ އަހަރެން ފިޔަވާ އެހެން މީހަކާއެކީ ނިދިންހެއްޔެވެ؟

އަހަރެން ބުނާނީ ކީކޭހެއްޔެވެ. އެކަންތައް ވީގޮތް ކިޔައިދީފިނަމަ އަދި ނިދީ ކާކާއެކުކަން އެގިއްޖެ ނަމަ އޭނާގެ ހަޔާތުގަ ގޮވާ ބޮން އަދި މާބޮޑުވާނެއެވެ.

ވަރަށް ގޮތް ގޮތަށް ވިސްނުމަށް ފަހު އަހަރެން ނިންމީ އެއްވެސް އޮޅުވާލުމެއްނެތި ވީ ހުރިހާ ކަންތައް ކިޔާދޭށެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންގެވެސް އަދި އަހުމަދުގެ ބައްޕަގެވެސް ކުށެއްނެވެ. އެއީ ވަގުތާ ހާލަތު ގެ ސަބަބުން ދިމާވި ގޮތެކެވެ.އޭނަވެސް އެކަނިވެރިހާލުގަ ހުއްޓާ ރީތި ޒުވާން އަންހެނަކާ އެހާކައިރިން ބައްދަލް ވުމުން އެހެން ވެދާނެކަމަށް އަހަރެން ހަމަގައިމުވެސް ގަބޫލު ކުރަމެވެ.

އެހެން ކަމާއެކުވެސް ކައިވެނީގެ ކުރިން އަހަރެން ވަނީ ސިއްރު ސިއްރުން ތައުބާވެ ކުރެވުނު ބޮޑުފާފަޔަށް ހެއްދެވި ފަރާތުން ޢަފޫކުރެއްވުން އެދި އެތައްފަހަރަކު ދަންނަވާފައެވެ. އަދި ދަނީ ދަންވަމުންނެވެ.

އެރޭ ވަރަށް ރުއިމަށްފަހު އަހުމަދު އަހަރެންނަށް މައާފު ކޮށް ދިނުމަށް އެދެމުން ހުރިހާ ވާހަކަޔެއް ކިޔާދިނީމެވެ. އަހަރެންގެ ވާހަކަ ނިމުމުން ވަރަށް ގިނައިރު ހިމޭނުން އިނުމަށް ފަހު ބުނެލިއެވެ.

”އަހަރެންގެ އަމިއްލަ ދަރިންކަމަށް މިބެލެނީ ދެކޮއްކޮ ދޯއެވެ“      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް