ކުށްޔަށް ހިފި ލޯބިވެރިޔާ  

Loading

Facebook
Twitter
WhatsApp

އަހަރެންގެ ނަމަކީ މަރީއެވެ. އަހަރެން ބޮޑުއާއިލާއަކަށް ނިސްބަތްވާއިރު އަހަރެންގެ އާއިލާދެކެ އަހަރެން ވަރަށް ލޯބިވެއެވެ. ނަމަވެސް މުޅިއާއިލާ އެކުގައި ބާއްވާ ބައްދަލްވުންތަކަކީ އަހަރެންނަށް ބޮޑު ވޭނެކެވެ. އެހެނީ އަހަރެންގެ ބައިވެރިއަކު ނުވަތަ ލޯބިވެރިއަކު ނުހުންނާތީ އަހަރެންގެ ކޮއްކޮ އައިޝާ އަބަދު ދިމާކުރާތީއެވެ.އަހަރެންގެ ”ސިންގަލް“ ހާލަތު މައުޟޫއަކަށް ހަދައިގެން އެންމެންގެތެރޭ ޖޯކްޖަހާ މަލާމަތްކޮށް ހަދާތީއެވެ.

އެންމެ ފަހުން ބޭއްވި ފެމިލީ އެއްވުމުގައިވެސް ކޮއްކޮ ވަނީ ކަންތައްތައް ވަރަށް މައްޗަށް ޖައްސާފައެވެ. ޓިޝޫއެއްގައި މޫނެއްކުރަހާފަ މަރީގެ ޚިޔާލީ ބޯއިފްރެންޑް ޖަހާފަ މަށާޖެހިގެން އިން ގޮޑި ކުރިމަތީގައި ބާއްވާފައި ވެއެވެ. އެންމެން ބެލީ ޖޯކެއްގެ ގޮތުގައެވެ. ނަމަވެސް އަހަރެންނަށް އެކަން ޖޯކަކަށް ނުވިއެވެ.އަހަރެންނަށް ވަރަށް އަސަރު ކުރިއެވެ.

އަހަރެންގެ ބައްޕަގެ އުފަންދުވަސް އެބައާދެއެވެ. އަނެއްކާވެސް އެކަނި އިނދެ ހުރިހާ މަލާމަތާ ދިމާކުރުންތައް އަޑުއަހަން އަހަރެން ބޭނުމެއް ނޫނެވެ.އަނެއްކޮޅުން ޕާޓީއަށް ނުގޮސްވާނެ ގޮތެއް ވެސް ނެތެވެ.

މިކަންބޮޑުވުން އަހަރެންގެ ރަހުމަތްތެރިޔާ އީނާޒް އާއި ހިއްސާކުރީމެވެ.އައިޝާ މިހާރުންފެށިގެންވެސް ކަންތައްތަކެއްރާވާނެކަން ޔަގީން ކަމަށް އަހަރެން ބުނީމެވެ. ރަހުމަތްތެރިޔާ މަޝްވަރާދިނީ އޭޖެންސީ އަކަށް ގުޅައިގެން އެރެޔަށް އެކަނި ވަގުތީ ލޯބިވެރިޔަކު ކުއްޔަށް ހިފުމަށެވެ. އޭނާގެ އެހެން ރައްޓެއްސަކުވެސް އެކަން ކުރިކަމަށް ބުންޏެވެ.

އީނާޒް ލަފާދިން ގޮތަށް އަހަރެން އަނެއްދުވަހު އެފަދަ އޭޖެންސީ އަކާ ގުޅީމެވެ.އަދި އަހަރެން އެދޭ ސިފަތައްހުރި ލޯބިވެރިޔަކު އިޚުތިޔާރު ކުރީމެވެ. ޕާޓީ އޮތްރޭގެ ކުރިން ކޮފީއަކަށް ބައްދަލް ކުރީމެވެ.އަހަރުމެން ދައްކާނެ ވާހަކަތައް ކަނޑައެޅުމަށެވެ.

”ލޯބިވެރިޔާ“ އަހުމަދަކީ އާކިޓެކްޗާ ކިޔަވާ މީހެއްކަމަށާ ދެމީހުން ބައްދަލްވީ ދެމީހުންގެވެސް ރައްއްސެއްގެ ޕާޓީން ކަމަށް ބުނަން ނިންމީމެވެ.އޭގެ ފަހުން ދެމީހުންވެސް އެކަކު އަނެކަކުދެކެ ”ލައިކް“ ވާތީ ގަވާއިދުން ބައްދަލް ކުރަމުންދާތާ ތިންމަސްވެފައިވާ ކަމަށް ބުނަން ނިންމީމެވެ.

(

ޕާޓީ އޮތްރޭ ދެމީހުން އަތުގުޅާލައިގެން ބައްޕަމެންގެޔަށް ގޮސް ވަނުމުން އެންމެންތިބީ އަނގަ ހުޅުވިފައެވެ.ނަމަވެސް އައިޝާ އެވަރުންވެސް ފަހަރަކު ”ގަލެއް“ އެއްލަމުން ގެންދެއެވެ.އެންމެފަހުން ބުންޏެވެ.“މިޒަމާނުގައި ލޯބީގެ ގުޅުންތައް ވަރަށް އަވަހަށް ނިމިގެން ދޭދޯއެވެ“

އެހެން ބުނުމުން އަހަރެންގެ ”ލޯބިވެރިޔާ“ ސީދާ އޭނަޔާދިމާލަށް ބަލާލާފައި ބުންނެވެ. ”އައިޝާ ގަސްތު ކުރަމީ މުޅި ރޭވެސް ދައްތަޔާ ތިގޮތަށް ދިމާކުރަން ހެއްޔެވެ؟“ މިހެން ބުނުމުން ފާޑަކަށް ރަކިވެގެން ”އަހަރެން މާނަކުރީ ތިގޮތަކަށް ނޫނޭ“ ބުނުމަށް ފަހު މަންމަގެ ފަހަތުން ބަދިގެ ތެރެޔަށް  ވަދެގެން ހިނގައްޖެއެވެ.

ޕާޓީ ކުރިޔަށް ގޮސް ކެއުމުގެ ބައި ނިމި އެންމެން ކޮފީ ތައްޓެއް ނުވަތަ ޖޫސްތައްޓެއް ހިފައިގެން ހަމަޖެހިލިވަގުތު ”ލޯބިވެރިޔާ“ އަހުމަދު ތެދުވެ ތަށީގަ ވަޅިން ޖަހާލުމަށްފަހު އެންމެންގެ ސަމާލުކަން ހޯދިއެވެ.              އަދި ބުންޏެވެ  ”އާއިލާގެ އެންމެންގެ ހާޒިރުގައި މަރީއާއި އަހަރެންގެ ލޯބީގެ ބިންގާ އަޅަން އަހަރެން ބޭނުމެވެ.މިކަމަށް އެންމެންގެ ރުހުން ލިބުމަކީ އަހަރުންގެ އެދުމެކެވެ.“

”ފުރަތަމަ ޕާޓީގެ ޝަރަފްވެރި މެހެމާން،މަރީގެ ބައްޕައަށް ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެމެވެ.އަދި ކުރިޔަށް އޮތީވެސް އުފާވެރި ބާއްޖަވެރި ދުވަސްތަކެއްކަމުގައި ލައްވާށިއެވެ.“

”އެއަށް ފަހު ބުނެލަން ބޭނުމެވެ. މަރީއަކީ އަހަރެންނާ މިހާތަނަށް ބައްދަލުވި މީހުންގެ ތެރެއިން ވަރަށް ވެސް ތަފާތު މީހެކެވެ.ވިސްނުން ތޫނު މީހުންނަށް ހެޔޮ އަދި މީހަކާދޭތެރޭ ކުޑަކޮށްވެސް ނުބައިގޮތަކަށް ނުވިސްނާ މީހެކެވެ.މަރީގެ ހުނުންގަނޑު އަހަރެންނަށް ވަރަށް ކަމުދެއެވެ.މިހާތަނަށްވެސް މަރީގެ ފުށުން އަހަރެން ގަބޫލު،ހިތްހަމަޖެހޭ ސިފައެއްނޫނީ ނުފެނެއެވެ.އެހެންވެ އެންމެންގެ ހާޒިރުގައި މިވާހަކަ ބުނެލަން އަހަރެން ބޭނުމެވެ“

އަހުމަދު މިފަދަ ގޮތަކަށް ވާހަކަ ދައްކަން ފެށުމުން އަހަރެންގެ ހިތަށް ނޭނގޭ ފުން އަސަރު ތަކެއް ކުރުވިއެވެ.އަދި ދެލޮލުން ކަރުނަ ފާއްދާލިއެވެ.ނަމަވެސް އަހުމަދުގެ ލޮލަށް ބަލާލުމަށް ފަހު އިސްދަށަށް ޖަހާލީމެވެ.

އަހަރެންގެ މަންމައާއި ބައްޕަވެސް ހީކުރީ މީހަމަ ހަގީގީ ގުޅުމެއް ކަމުގައެވެ.އަދި ތިބީ ވަރަށް އުފަލުންނެވެ.

ކޭކްފެޅުމުގެ ވަގުތު ޖެހުމުގެ ކުރިން އަހަރެން އަހުމަދު އެއްފަރާތަކަށް ޖައްސާލުމަށްފަހު މަޑުމަޑުން ބުނީމެވެ.“އަހުމަދުގެ އެކްޓް ކުރުމުގެ ހުނަރު ވަރަށް ފުރިހަމައެވެ.ތިޔަކޮށްދިން ހެޔޮކަންތަކުގެ ބަދަލު އަހަރެންނަށް ދުވަހަކުވެސް ނުދެވޭނެއެވެ“ މިހެން ބުނުމުން އަހުމަދު މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ.އަދި ލޯބިން ފުރިފައިވާ ނަޒަރަކުން އަހަރެންނާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.

”މަރީއެވެ.އަހަރެން ކުރީ އެއްގޮތަކަށްވެސް އެކްޓެއް ނޫނެވެ.އަހަރެން ބުނި ކޮންމެ ލަފްޒަކީ ހަމަ ހިތުގެ އަޑިން ބުނި އެއްޗެކެވެ.މަރި އާއި އަހަރެން ބައްދަލްވި ދުވަހުން ފެށިގެންވެސް އަހަރެން ވަނީ މަރީއަށް ހިތްދެވެން ފަށާފައެވެ.“

އަހަރެންގެ ކަންފަތް އަހަރެންނާ ސަމާސަ ކުރަނީ ނޫންބާވައެވެ؟ހިތް ބާރަށް ތެޅެން ފެށިއެވެ.އަދި ބުނީމެވެ. ”އެކަމަކު ދެމީހުން ބައްދަލްވީ އެގްރީމެންޓެއްގެ ދަށުން އެންމެ ރެޔަކަށް ނޫންހެއްޔެވެ؟“ މިހެން ބުނުމުން އޭނަ ލޯބިގޮތަކަށް ދެކޮނޑު ފިއްތާލިއެވެ. އަދި ބުންޏެވެ.“އާއެކެވެ. އަހަރުމެންގެ މިކުރު ހަޔާތުގައި ބައެއްފަހަރު ވަރަށް ހެއްވާ ގޮތްގޮތަށް ކަންތައްތައް ދިމާވެއެވެ.ކަމަކަށް އެންމެ ހީނުކޮށް ތިއްބާވެސް އެކަމެއް ދިމާވެދެއެއެވެ…މަރީއާ އެކީ އަލުން ރަސްމީ ސިފައެއްގައި ގުޅުމަކަށް ދާން އަހަރެން ބޭނުމެވެ.އެންމެ ރަގަޅުހެއްޔެވެ؟“ އަހަރެން ވަރަށް އުފަލުން ހީނލާފައި ބޯޖަހާލީމެވެ.އެއަށްފަހު ދެމީހުން އަތުގުޅާލައިގެން އެތެރެޔަށް ވަދެ އެހެން މެމްބަރުންނާ ގުޅުނީމެވެ.އޭރު އެންމެން ބާތުޑޭކޭކް ކަނީއެވެ. އަހަރުމެންވެސް ބޮޑު ދެފޮތި ކޭކު ހިފައިގެން ޖައްސާލީމެވެ.އޭރު އަހަރެންގެ ހިތް އުފަލުން ނަށަނީއެވެ.ހެއްދެވިފަރާތަށް ހާސް ފަށުން ޝުކުރުވެރި ވީމުއެވެ.

އޭގެ ފަހުން މިހާރު އެތައް މަހެއް ވެއްޖެއެވެ.ދެމީހުންގެ ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންނެވެ. އަދި ދާދި އަވަހަށް ކައިވެނި ކުރުމަށް މިދަނީ ތައްޔާރު ވަމުންނެވެ.

އަހަރުމެން ދެމީހުންގެ ސިއްރު އަދިވެސް އޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. އީނާޒް ފިޔަވާ އިތުރު އެއްވެސް މީހަކަށް ނޭނގޭނެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް