ރިޒާވް މަތިކުރަން ގްރީން ބޮންޑެއް އިޝޫކޮށް، އިންޑިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ނަގަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތްކޮށް، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.

އެމްއެމްއޭއިން މިކަން ހާމަކުރީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިންގ އެޖެންސީކަމަށްވާ ފިޗް އިން ދިވެހިރާއްޖޭގެ ރޭޓިން “ސީސީ“ އަށް ދަށްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކަށް ރިއާޔަތްކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުންދާތީ ރާއްޖޭގެ އިގްތިސާދު ދާނީ ކުރިއަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ 27 އޮގަސްޓްގެ ނިޔަލަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %11 އިން އިތުރުވެފައި ކަމަށާއި އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ބެޑް ނައިޓްސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %7 އިން އިތުރުވެފައި ކަމަށެވެ. މިފަދަ ސަބަބުތަކާ އެކު މިއަހަރުގެ ގައުމީ އުފެއްދުންތެރިކަން %4.9 ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

“އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ %6.5 ގައި. މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުން. އެހެންކަމުން ބެލެންސް އޮފް ޕޭމަންޓް ކަރަންޓް އެކައުންޓް ޑެފިސިޓް 2023 ގައި %21.4 ގައި ހުރުމަށް ފަހު 2024 ވަނަ އަހަރު މި އަދަދު ހުންނާނެ ކަމަށް ލަފާކުރެވެނީ %19.9 ގައި.“

ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ އަހަރުގެ ޖުލައި މަހާއި މިއަހަރުގެ މި މުއްދަތުގައި ރިޒާވްގައި ހިމެނޭ ބައިތައް ތަފާތުވެފައިވާތީވެ އަޅާކިޔުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރުން މުހިއްމުކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވަށް ބަލާއިރު، މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ހުރީ 395 މިލިއަން ޑޮލަރު ކަމަށާއި އަދި ޔޫޒަބަލް ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައި ކަމަށެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމުލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރުގައި ކަމަށާއި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރު ކަމަށެވެ.

މި އަދަދުގެ ތެރޭގައި 2019 ވަނަ އަހަރު ޑިސެންބަރުން ފެށިގެން ސަރުކާރުން ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ޑޮލަރު މާރުކުރުމަށްފަހު ރިޒާވަށް ބޭނުންކުރުމަށް ދީފައިވާ ފައިސާ ހިމެނޭކަން ވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

“މި ގޮތުން 2023 ވަނަ އަހަރުގެ ނޮވެންބަރު މަސް ނިމުނު އިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން އެކައުންޓްގައި ހުރީ 5 މިލިއަން ޑޮލަރު. މި އަދަދު މިހާރު ވަނީ 65 މިލިއަން ޑޮލަރަށް އިތުރުވެފައިކަން ފާހަގަކުރަން. މީގެ މައިގަނޑު ސަބަބަކީ ސޮވަރިން ޑިވެލޮޕްމަންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިއުން.“

އަދި، ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން، ޖުލައި 2024 ގެ ނިޔަލަށް ޖުމުލަ 105 މިލިއަން ޑޮލަރު ހުރިކަމަށާއި މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024 ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

“ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި މި އޮތޯރިޓީ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އަދި މީގެ އިތުރުން، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން.“ އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެ އޮތޯރިޓީން ބުނީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުމަކީ ކޮވިޑް 19 ގެ އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވުން ކަމަށެވެ. މިގޮތުން، ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށާއި މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް (މޮޕް-އަޕް ކުރުމަށް) އެ އޮތޯރިޓީން ތައްޔާރުވަމުންދާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކްތަކަށް ދިމާވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީގެ ގޮންޖެހުންތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިންސްޓްރުމެންޓްތަކަށް ބަދަލުތަކެއް ގެނައުމަށް ބޯޑުން ނިންމާފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

ހަމައެއާއެކު ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ އާ އެއްގޮތްވާގޮތުގެ މަތިން ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް