ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިންގ އެޖެންސީކަމަށްވާ ފިޗް އިން ދިވެހިރާއްޖޭގެ ރޭޓިން “ސީސީ“ އަށް ދަށްކޮށްފިއެވެ.
މިއީ މިއަހަރުގެ ތެރޭގައި ފިޗް އިން ރާއްޖޭގެ ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ.
މިއަހަރުގެ ތެރޭގައި ފިޗް އިން ރާއްޖޭގެ ރޭޓިން އެންމެ ފުރަތަމަ ދަށްކުރީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ. އެގޮތުން ޖޫންމަހުގައި ފިޗް އިން ވަނީ ރާއްޖޭގެ ރޭޓިން “ސީސީސީ ޕްލަސް“ އަށް ދަށްކޮށްފައެވެ.
ފިޗް އިން މިއަދު ދިން ރޭޓިންއަކީ ތިން މަހެއްހައި ދުވަހުގެ ތެރޭގައި ތިން ދަރަޖަ ދަށްކޮށް ދީފައިވާ ރޭޓިންއެކެވެ. ސީސީ ރޭޓިންގެ މާނައަކީ ދަރަނިތައް ދައްކައި ޚަލާސްކުރުމަށް ބޮޑެތި ހިރާސްތަކެއް އެބަހުރި ކަމެވެ.
ފިޗް އިން ހާމަކުރި ގޮތުގައި މިދިޔަ މެއި މަހުގައި 494 މިލިއަން ޑޮލަރުގައި ހުރި ބޭރު ފައިސާގެ ރިޒާވް ޖުލައި މަހާ ހަމައަށް ވަނީ 395 މިލިއަން ޑޮލަރަށް ދަށްވެފައެވެ.
ފިޗް އިން ރާއްޖޭގެ ރޭޓިން ދަށްކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ރިޒާވްތައް އިންތިހާއަށް ދަށްވުމާއި ރާއްޖެއިން ދައްކަން ޖެހިފައިވާ ބޭރުގެ ބޮޑެތި ދަރަނިތައް ހުރުމާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޭރު ފައިސާގެ ދަތިކަން ދެމިއޮތުމާއި ރާއްޖެއިން އިމްޕޯޓަށް ކުރާ ހޭދަ ކުރިއަށް އޮތް ތަނުގައި ވެސް އިތުރުވުމާއި ބޭރު ގައުމުތަކުން އެހީ ލިބޭނެ ކަމުގެ ޔަގީންކަން ނެތުން ހިމެނެއެވެ.
ފިޗްއިން ބުނެފައިވާ ގޮތުގައި މި ކަންކަމަށް މެދު ރާސްތާގައި އޮތް ހައްލަކީ ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒު ކުރުމެވެ.