ވާނުވާ އޮޅިއްޖެ

Loading

Facebook
Twitter
WhatsApp

ބޭންކް އޮފް މޯލްޑިވްސްއާއި އިދިކޮޅު އެމްޑީޕީން ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތުކުރާއިރު، ސަރުކާރުން މި މައްްސަލާގައި ދައްކާފައިވާ ވާހަކަތަކުން ކަމުގެ ވާނުވާ އޮޅިއްޖެއެވެ.

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން ނިންމައި އެކަން އިއުލާނުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. ނަމަވެސް ސަރުކާރުން ޕްރެޝަރުކޮށް އެ ނިންމުން ބަދަލުކުރި ފަހުން ކޮންގްރެސް ޕާޓީން ބުނީ ބޭންކާ ގުޅިގެން އިދިކޮޅު އެމްޑީޕީން ގެންނަން އުޅުނީ ބަޣާވާތެއް ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ޖަލްސާގައި އެ ވާހަކަ ދައްކަމުން ދަނިކޮށް ފުލުހުން ވަނީ އެ ބަޣާވާތް ތަހުގީގުކުރަން ފަށާފައިވާ ކަމަަށް ބުނެ ހަމަ އެވަގުތުގައި ކުރު ބަޔާނެއް ނެރެފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލްމީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށަާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީފައިވާތީ މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރުގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތުމުން މި މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

ބީއެމްއެލްއާ ގުޅިގެން އެމްޑީޕީން ބަޣާވަތް ހިންގަން އުޅުނުކަމަށް ކޮންގްރެސް ޕާޓީން ތުހުމަތުކުރި ނަމަވެސް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްކެވި ވާހަކަފުޅުން ވަނީ ކަމުގެ ވާނުވާ އޮޅި ބަޣާވާތްކުރީ ސަރުކާރުންތޯ ސުވާލު އުފެދޭ ހިސާބަށް ގޮސްފައެވެ.

“ސީޒަނަލީ ބޭންކްތަކަށް އަންނަ ވިޕެއްގެ ވާހަކަ މި ދައްކަނީ ބޭންކްތަކަށް ޑޮލަރު ލިބުމުގަ. އެހެންވީމަ އެ އިޝޫ ހައްލުކުރެވޭނެ ކޮންމެސް ގޮތަކަށް އަޅުގަނޑުމެންގެތެރޭގަ ދެކެވިގެން އައީ. ކޮންމެއަކަސް ބޭންކް އޮފް މޯލްޑިވްސް ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރު. އެހެންވީމަ ސަރުކާރުގެ އިންޓްރެސްޓްތަކެއް އެބަހުރޭ ދެއްތޯ ބޭންކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާ މިކަންކަމުގަ. އެހެންވީމަ ފިނޭންސް މިނިސްޓަރު އެގޮތަށް ނިންމަވާފަ އެމްއެމްއޭއާ ވެސް މަޝްވަރާކޮށްގެން ކުރިއަށް އެ ގެންދެވީ. ރައީސަށް ވަރަށް އުނދަގޫފުޅުވާނެ ރައްޔިތުންނަށް ދަތިތަކެއް ހުރެއްޖެނަމަ. އެހެންވީމަ އަލުން ވާހަކަ ދައްކައިގެން މިއަދު އަލުން އެގޮތަށް މައްސަލަ ހައްލުކުރީ“ ޒަމީރު ވިދާޅުވިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ އާދިއްތަ ދުވަހު އެ މުއައްސަސާއިން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި، ހޯދަންޖެހޭ އެންމެހައި މައުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަހުގީގު މަރުލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Loading

One Response

  1. ވީމާ ފިނޭންސާ މަޝްވަރާ ކުރެވިގެން ބޭންކުން އެހެންގޮތެއް ނެތިގެން ނިންމި ނިންމުކޭ ޒަމީރު އެ ބުނީ! ރައީސް ބޭނުންވާތީ އަލުން އެކަން ރުޖޫޢަކުރިއްޔޯ ؟ ދެން ކޮން ބަގާވާތެއްތޯ! މަސްމާރުކޭޓު ގައި މަސްނެތިގެން މަސް ނުވިއްކުމަކީ ބަގާވާތެއްތޯ ؟ ގައުމަށް ވަންނަ ޑޮލަރުތައް ބޭންކަށް ވައްދުވައި ދެެއްވާފަ ރައްޔިތުންނަށް ވިއްކަން ބޭންކް ތަކުގައި ބުނެބަލަ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް