ޕާކިސްތާންގެ ބަލޮޗިސްތާން ޕްރޮވިންސްގައި ވެހިކަލް އެއްގައި ދަތުރު ކުރި ބަޔަކު ވެހިކަލުން ބާލުވާ ކޮންބައެއްތޯ ކަށަވަރު ކުރުމަށް ފަހު 22 މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ. ބަޑިހިފައިގެން ތިބި ބަޔަކު ވެހިކަލް ހުއްޓުވާފައިވަނީ ރޭގެ ވަގުތެއްގައި ބަލޯޗިސްތާން ޕްރޮވިންސް ގެ ހައިވޭ އަކުން ވެހިކަލްތައް ދަތުރު ކުރަނިކޮންނެވެ. މިހަމަލާގައި އައިޑެންޓިޓީ ޑޮކިއުމަންޓް ޗެކް ކުރުމަށް ފަހު ބަޑިޖަހާމަރާލާފައިވަނީ ޕަންޖާބަށާ ސިންދަށް ނިސްބަތްވާ މީހުން ކަމަށް ވެއެވެ. އަދި އެއަށް ފަހު އެމީހުން ދަތުރުކުރި ވެހިކަލްގައި ވަނީ ރޯކޮށްލާފައެވެ.
ބަލޮޗް ލިބަރޭޝަން އާމީ ކިޔާ ޖަމާއަތަކުން ގެންދަނީ ބަލޮޗިސްތާންގައި ހަރުކަށިކަން ދައްކަމުންނެވެ. މިގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ވަނީ އެތައް ތަނަކަށް ހަމަލާދީ ސިފައިން ހިމެނޭގޮތުން އެތައް ބަޔަކު މަރާފައެވެ.
މޫސާ ޚޭލް ކިޔާ އެއްސަރަހައްދެއްގައި އެކަނިވެސް މިހަރުކަށި ޖަމާއަތުން 22 ވެހިކަލް ހުއްޓުވާ ޕަންޖާބަށާ ސިންދު ޕްރޮވިންސަށް ނިސްބަތްވާ މީހުން ވަނީ މަރާފައެވެ.
ބަލޮޗް ލިބަރޭޝަން އާމީ އިން ބުނާގޮތުގައި މިހަމަލާތަކަކީ ޕާކިސްތާންގެ އަސްކަރިއްޔާ އާއި ދެކޮޅަށް ދޭ ހަމަލާތަކެކެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މިޓެރަރިސްޓް ހަމަލާތައް ކުށްވެރި ކުރައްވާ ބަޔާނެއް ނެރުއްވާފައެވެ.
ބަލޮޗިސްތާން އަކީ ޕާކިސްތާންގެ އެންމެ ބޮޑު ޕްރޮވިންސެވެ. އެހެން ޕްރޮވިންސް ތަކަށްވުރެ އެތަނުގައި ރިސޯސްތައް ގިނަ ނަމަވެސް އެންމެ ކުޑަކޮން ތަރައްގީވެފައިވަނީވެސް ބަލޮޗިސްތާންއެވެ.