އޭނާ މަސައްކަތްކުރީ ޝަރަފްވެރި ހަޔާތެއް ހޯދުމަށް: ޑރ. މޯމިތާގެ މައިންބަފައިން

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ހޮސްޕިޓަލެއްގައި 31 އަހަރުގެ ޖޫނިއަރ ޑޮކްޓަރަކު ރޭޕްކޮށް ރަހުމު ކުޑަގޮތަކަށް މަރާލި މައްސަލައިގައި އާންމުންގެ ރުޅިގަނޑު އަދިވެސް މައިތިރި އެއް ނުވެއެވެ.އެމީހުން ގޮވަމުން ދަނީ ރަހުމެއްނެތި މި ދުނިޔެއާ ވަކިކޮށްލެވުނު ހިތްހެޔޮ އޯގާތެރި ޒުވާނާއަށް ފުރިހަމަ އިންސާފު ހޯދާ ދިނުމަށެވެ.

ދާދި ފަހުން ބީބީސީގެ ފަރާތުން ވަނީ މަރާލެވުނު ޑޮކްޓަރު މޯމިތާގެ މަންމައާއި ބައްޕަ އާއި ބައްދަލު ކޮށްފައެވެ. އެމީހުން މޯމިތާ ސިފަ ކޮށްފައި ވަނީ އާއިލާ އަށް ވަރަށް ރަގަޅު، އުފާވެރި ހަޔާތެއް ހޯދުމަށް ހިތްވަރާއެކު މަސައްކަތް ކުރަމުން ދިޔަ ބަސްއަހާ، ހުށިޔާރު، އޯގާތެރި ޒުވާނެއްގެ ގޮތުގައެވެ.

ބައްޕަ ކިޔާދިން ގޮތުގައި އެ ދަރިފުޅު ކިތަންމެ ބުރަކޮން އުޅުނު ނަމަވެސް އަބަދުވެސް ގަޑިއަށް ބޭސް ކެއުމަށްވެސް ބައްޕައަށް ހަނދާން ކޮށްދޭނެއެވެ. މަރުވި ރޭވެސް ބައްޕަ ގަޑިޔަށް ބޭސް ކައިތޯ ޔަގީން ކުރުމަށް މަންމަގާތު ބުނި ކަމަށް ވެއެވެ. ތިމަންނަ މިހުރީ ހޮސްޕިޓަލުގެ އެތެރޭގަ ނޫންހޭ ތިމަންނަ ސޭފް ވާނޭ ތިމަންނައާ ދޭތެރޭ އެހާބޮޑަށް ނުވިސްނާށޭ ބުނި ކަމަށް ވެއެވެ.

އެހެން ބުނި ނަމަވެސް މަންމައަށް ކޮންމެވެސް ކަހަލަ ގޮތަކުން ކަމެއް ވީކަން އިހުސާސް ކުރެވުނީ ކަންނޭގެއެވެ.ހެނދުނު ދަރިފުޅުގެ ފޯނަށް މަންމަ ވަރަށް ގުޅި ކަމަށް ވެއެވެ.ނަމަވެސް ފޯނު ނުނެގި ކަމަށް އޭނާބުނެފައި ވެއެވެ.ބޮޑެތި އަނިޔާތަކާއެކު ދަރިފުޅުގެ ހަށިގަނޑު ފެނިފައި ވަނީ 10ވަނަ ދުވަހުގެ ހެނދުނު 10 ޖެހިއިރުއެވެ.

ހޮސްޕިޓަލުން ބުނެފައި ވަނީ ޑޮކްޓަރު މަރުވެފައި ވަނީ އަމިއްލަޔަށް ކަމުގައެވެ.މިއާއެކު ހޮސްޕިޓަލްގެ ވެރިއަކަށް ހުރި ޑރ.ސަންދީޕް ގޯޝް ވެސް މޯމިތާ މަރާލުމުގައި ބައިވެރިވާ ކަމަށް ވަނީ ޝައްކު ކުރެވިފައެވެ. އެހެންކަމުން މި މައްސަަލައިގައި ދަނީ ތަކުރާރުކޮށް، ދުވާލަކު އެތައް ގަޑިއިރެއް ވަންދެން އޭނާއާ ސުވާލު ކުރަމުންނެވެ. އޭނާ ދޭ ޖަވާބުތައް އެކިފަހަރު ތަފާތު ވާތީވެސް ވަނީ އިތުރަށް ޝައްކުވާގޮތް ވެފައެވެ. ރޭޕް ކުރުމުގައިވެސް އޭނާ ބައިވެރިވާ ކަމަށް ވަނީ ޝައްކު ކުރެވިފައެވެ.

ނިއުސް ނައިން ބުނާ ގޮތުގައި އަނެއް ތިއަރީ އަކީ ސަންދީޕް ގޯޝް ބަޔަކަށް މޯމިތާ ”ވިއްކާލީއެވެ“. އޭނާ ހޮސްޕިޓަލުގައި ހިންގާ ބޮޑެތި ޖަރީމާތައް މޯމިތާ ހާމަކުރަން އުޅޭތީ ބަދަލު ހިފުމުގެ ގޮތުންނެވެ.

މޯމިތާ މަރުވިރޭ އޭނާގެ ދެއަތުގަޔާ ދެފައިގަ އަދި ކަރުގަ ބާރަށް ހިފަހައްޓާފަ ހުރިތަންތަން ނޫވެފައި ހުއްޓެވެ.އެހެން ކަމުން އެކަކަށް އެކަނި މިހުރިހާތަނެއްގައި އެއްފަހަރާ ހިފައްޓަމުން ޖިންސީ އަމަލެއް ނުހިންގޭނެ ކަމަށް އެކްސްޕާޓުން ބުނެފައި ވެއެވެ.އެހެން ކަމުން އޭނާ ރޭޕްކޮށް މަރާލުމުގައި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވާކަން ވަނީ ސާބިތު ވެފައެވެ.

ނަމަވެސް ޖަރީމާ ހިންގި ކަމަށް އެއްބަސްވެ ހައްޔަރު ކޮށްފައި ވަނީ އެންމެ މީހެކެވެ.އެއީ ހޮސްޕިޓަލުގެ އޮފީސްބައިގައި މަސައްކަތް ކުރާ ވޮލަންޓިއަރެކެވެ.

ރޮވިފަ އިނދެ މޯމިތާގެ ބައްޕަ ބުނި ގޮތުގައި ދަރިފުޅުގެ ކުއްލިމަރާއެކު އާއިލާއިން ދެކެމުން އައި ހުރިހާ ފޮނި ހުވަފެންތައް ވަނީ މުޅިން ވިއްސި ވިހާލިވެފައެވެ.

މޯމިތާގެ މަރަށް ފަހު އެގޭ ދޮށުގައި ފުލުހުން ގެންދަނީ އަބަދު ފޯރި މަރަމުންނެވެ.އެއީ މޯމިތާގެ އާއިލާގެ މީހަކު ގެއިން ބޭރަށް ނިކުމޭތޯ ބަލަން އަބަދު ފާރަލައިގެން ތިބޭ ނޫސްވެރިންގެ ސަބަބުންނެވެ.

އިންޓަރވިއުގައި މޯމިތާ މަންމައާއި ބައްޕަ ކިޔާދިންގޮތުގައި ”ލޮވާ މިޑްލް ކްލާސް“ގެ އެ އާއިލާ ކުރިން އުޅެމުން އައީ މާލީ ދަތިކަމުގެ ތެރޭގައެވެ.ބައްޕަ އަކީ ފަހާމީހެކެވެ. މޯމިތާ އަށް އެންމެ މީރު މޭވާއަކީ އަންނާރު ކަމަށާ އަންނާރެއް ގަނެލަދޭނެ ފައިސާވެސް އޭނައަތުގަ ނުހުންނަ ފަހަރު ދާކަމަށް އޭނަކިޔާދިނެވެ. އެހެން ދިމާވިއަސް ދުވަހަކުވެސް ވަކި އެއްޗެއް ބޭނުން ވެގެން މޯމިތާ ނުބުނާނެ ކަމަށް ބައްޕަ ބުންޏެވެ.

ބައެއްމީހުން އޭނަޔާ ދިމާލަށް ދަރިފުޅު ޑަކްޓަރަކަށް ހެދުމުގެ ހުވަފެން ހަގީގަތަކަށް ނުހެދޭނެ ކަމަށް ބުނާ ކަމަށާ ނަމަވެސް އެއެންމެންގެ ވާހަކަ ދޮގުކޮށް ދަރިފުޅުގެ ބުރަ މަސައްކަތުން، ސަރުކާރުން ހިންގާ މެޑިކަލް ކޮލެޖަކުން މޯމިތާ ޖާގަ ހޯދި ކަމަށް ބައްޕަ ބުނުމާއެކީ އޭނައަށް ރޮވުނެވެ.

މޯމިތާގެ މަންމަ ކިޔާދިން ގޮތުގައި މޯމިތާ ގެޔަށް އައުމަށް ފަހު ކޮންމެ ރެޔަކުވެސް ނިދުމުގެ ކުރިން އޭނަގެ ޑައެރީގައި ލިއުމަކީ އޭނާގެ އާދައެކެވެ. މޯމިތާ ލިއުން ތަކުގައި ބުނެފައިވާ ގޮތުގައި އޭނާގެ އަމާޒަކީ ގޯލްޑް މެޑަލްއެއް ލިބޭހާ މަތީ މާކްސް އާއެކީ އޭނާގެ މެޑިކަލް ޑިގްރީ ފުރިހަމަ ކުރުމެވެ.އަދި އަބަދުވެސް މަންމައާއި ބައްޕަ ބަލަހައްޓާނެ ކަމަށް ލިޔެފައިވާ ކަމަށް ވެއެވެ.ކައިވެންޏަށް ފަހުވެސް މަންމައާއި ބައްޕަގެ ހުރިހާ ޚަރަދެއް ބަލަހައްޓާނެ ކަމަށް ތަކުރާރުކޮށް އޭނާ ބުނާކަމަށް ވެއެވެ.

މޯމިތާ މަރުވި ދުވަހުން ފެށިގެން އޭނާގެ ކޮޓަރިއަށް ވަދެލާނެ ހިއްވަރުވެސް އަދި ނުލިބޭ ކަމަށް އެދެމީހުން ބުނެފައި ވެއެވެ.

ރޭޕް އާއި ދެކޮޅަށް އިންޑިޔާގައި ޑޮކްޓަރުންނާއި އަންހެނުން ދަނީ އަދިވެސް  ވަރަށް ބޮޑަށް އަޑު އުފުލަމުންނެވެ.2022 ވަނަ އަހަރުއެކަނިވެސް ދުވާލަކު އެވްރެޖް ގޮތެއްގައި 90 ރޭޕް ރިޕޯޓް ކޮށްފައިވާ ކަމަށް ވެއެވެ.

މޯމިތާގެ ބައްޕަ ބުނީ އެމީހުންގެ ދަރިފުޅަށް އެ އަނިޔާ ދިން ބަޔަކަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭން އޭނަ ގޮވާލާ ކަމަށެވެ.އެއީ މުޅި އިންޑިޔާ އަދި މުޅި ދުނިޔޭންވެސް އެދޭ ގޮތް ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ބުނެފައި ވެއެވެ.

”އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރަން އުޅެއުޅެ ހުއްޓާ މި ދިޔައީ އަހަރެންގެ އަމިއްލަ ފުރާނައެވެ.

މި ހޮސްޕިޓަލުގެތެރޭ އެތައް ފުރާނަޔެއް އުފަންވާތަން އަހަރެން ދެކެމެވެ.އެކަމު އެރޭ ފެނުނީ އަހަރެންގެ އަމިއްލަ ފުރާނަ ދިޔަ މަންޒަރެވެ.

އޭ އަހަރެންގެ ވެރި ރަސްކަނލާގެއެވެ. އެހެން ދުނިޔެ އަކަށް އުފަން ކުރައްވާނަމަ ފިރިހެނެއްގެ ގޮތުގައި ފޮނުއްވާ ދެއްވުން އެދެމެވެ.އެހެނީ އޭރުން ހަމަ އެ ހޮސްޕިޓަލަށް ގޮސް އަންހެނަކު ވަރުބަލި ފިލުވާލަން ޖައްސާލައިގެން އޮއްވާ ފެނިއްޖެ ނަމަ އަހަރެން ބޭރުގަ ފޯރިއަށް ހުންނާނަމެވެ. އަދި އޭނާ ހެނދުނު ރައްކާތެރިކަމާއެކީ ގެޔަށް ދޭތޯ އަހަރެން ޔަގީން ކުރާނަމެވެ.“

މިއީ މޯމިތާގެ ހަނދާނުގައި އޭނާގެ ފޭންއަކު ސޯޝަލް މީޑިޔާގައި ލިޔެފައިވާ އިބާރާތް ކޮޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް